(ތިންވަނަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ހުސޭނު ހިނގަމުން ދިޔައީ ރަށުގެ އެންމެ ދިގު މަގުގައެވެ. ވަގުތަކީ މަޣްރިބާއި އިޝާ ނަމާދުގެ ވަގުތުކަމުން ގޭގެއިން ޤުރްޢާން ކިޔެވުމުގެ އަޑު އިވިއިވި ހުއްޓެވެ. ވިއްސާރަވެ ކަޅު ވިލާތަކުން މުޅި އުޑުމަތިވަނީ ބަނަކޮށްފައެވެ. ވެހެން ތައްޔާރުވެފައިވާ ކަޅު ވިލާތަކުން އަނދިރިކަމުގެ ތެރެއަށް އިތުރު އަނދިރިކަމެއް ވެރިކުރުވައެވެ. ޖެހެމުން ދިޔަ ވައިން މީހާގެ ހަށިގަނޑު ތުރުތުރު ލައްވާލައެވެ. އެ ވައިގައި ވަނީ ތެތްފިނި ކަން ހިފާފައެވެ.

"ހުސޭން!"

ހުސޭނަށް މީހަކު ގޮވައިލިއެވެ. ހުސޭނު ވަށައި ހޯދައިލިއެވެ. އެހެނަސް އެކަކުވެސް ފެންނާކަށް ނެތެވެ.

"ހުސޭން!"

އެނެއްކާހެން އެ މީހަކު ހުސޭނަށް ދެވަނަ ފަހަރަށް ގޮވައިލިއެވެ. އެ އަޑުގައި ވަނީ ބަރުކަމެކެވެ. ކުއްލިއަކަށް ޖެހެމުން ދިޔަ ވައި އިހުނަށްވުރެއް ގަދަ ވާން ފެށިއެވެ. ހުސޭނު ދެ އަތްތިލަ ދެ އަތާ އުނގުޅާލައި މޭގައި ހަށަން ބަދެލިއެވެ. ފިނިކަން އިހުނަށްވުރެއް ގަދަވީއެވެ. އޭނާ ކުރިއަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. ވަޔާއި ދެކޮޅަށެވެ.

ކުއްލިއަކަށް ހުސޭނު ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ. ކުރިމަތިން އޭނާއަށް ފެނުނު އެއްޗެއްގެ ސަބަބުންނެވެ. އޭނާޔާ ހުރި ސީދަލަށް އެ ހުރީ ކަޅުކަންގަދަ އަނދިރިގަނޑެއް ފަދަ އެއްޗެކެވެ. އޭނާގެ ގައިން ހީބިހި ނަގައިގަތެވެ. ވަމުން ދިޔަ ފިނިން އެ ހީބިހިތައް މައިތިރިކުރެވޭނޭ ގޮތެއް ނުވިއެވެ. މުޅި ހަށިގަނޑަށް ރޫރޫ އަރައިގެން ދިޔައެވެ.

"ހުސޭން!" ތިންވަނަ ފަހަރަށް ގޮވައިލުމާއެކު ކުރިމަތީގައި ހުރި އެތި އައިސް ހުސޭނުގެ ކަރުގައި ބާރަށް ހިފިއެވެ.

"މަންމާ! ބައްޕާ! އަހަރެން ސަލާމަތްކުރޭ!" ހުސޭނަށް ތެޅިފޮޅެން ފެށުނެވެ.

"ދަރިފުޅާ! ކިހިނެއްވީ!" ހުސޭނުގެ މަންމަ އައިސާމަނިކެ ދުވަމުން ދުވަމުން ހުސޭނުގެ ގާތަށް އައެވެ.

"ހުވަ... ފެނެއް..!" ހުސޭނަށް ފެނުނީ ހުވަފެނެއްކަން އޭނާއަށް އެނގުނެވެ. އެޔާއެކު އޭނާ ތަންމައްޗަށް ވެއްޓުނެވެ.

"ދަރިފުޅާ!" އައިސާމަނިކެ އައިސް ހުސޭނުގެ ބޮލުގައި ފިރުމަން ފެށިއެވެ. "ދަރިފުޅާ! ހާދަ ހުންގަދަވެފައޭ ތި އޮތީ!"

"ހުން އަންނާނެ އެއްނުން." އެ ވަގުތު ހަސަންފުޅު އައިސް ގެއަށް ވަނެވެ. "އަދިވެސް ދަންވަރު ގަޑީގައި ބޭރަށް ނުކެމެ އުޅެންވާނެ!"

"ހަސަންފުޅާ! ހާދަ ރުޅިގަދަވެފަ ތިހުރީ؟" އައިސާމަނިކެ ހުސޭނުގެ ބޮލުގައި ފެން އުނގުޅުމުގެ މަސައްކަތާގެން އަވަދިވަނީއެވެ.

"ރުޅި ނާންނަންވީ ކީއްވެ؟ ކޮންމެ ރެއަކު އައިސާމަނިކެއަށް ނޭނގި. އަހަރެން ގޭގެ ނެތި، ހުސޭނު އެއުޅެނީ ދަންވަރު ގަޑީގައި ބޭރުގައި." ހަސަންފުޅު ހުރީ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ. "އަހަރެންގެ ބޮޑުބެ ދަރި އަހްމަދު ވަރަށް ރަނގަޅަށް ވެގެން އުޅޭގޮތް ކިޔައިދިން. އެސޮރަށްވެސް ނުހުރެވިގެން އެންމެ ފަހުން ކިޔައިދިނީ."

"ހަސަންފުޅާ! އިހަށް ތި ރުޅިގަނޑު މައިތިރިކޮށް ނިކަން މި ސޮރަށް ކިޔެވެއްޔެއް ކިޔަވާލަބަލަ! މި ސޮރު ނިކަން ހުން ގަދައޭ!" އޭރުވެސް އައިސާމަނިކެ ހުސޭނުގެ މޭމަތީގައި ފެން ފޮތިގަނޑެއް ހާކަމުން ދިޔައެވެ.

"ހޫން... ދޭ..! ގޮސް ސާފު ބޯ ފެންތައްޓެއް ގެނެސްދީ." ހަސަންފުޅު ރުމާލަކުން އިސްތަށިގަނޑު ނިވާކޮށްލިއެވެ.

ހަސަންފުޅު ހަމަޖެހިލައި ހިންދެމިލިއެވެ. ހުސޭނު އޮތް އެނދުގެ ކައިރީގައި އިށީނެވެ. ހުސޭނުގެ ބޮލާ ދިމާލުގައެވެ. އެޔާއެކު ތުން ތަޅުވަމުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަވަން ފެށިއެވެ. އެ ކިޔެވޭ އެއްޗެއް ގުނުމުގެ ގޮތުން އޭނާ ފަހަރަކު އިނގިއްޔެއް މުށު ތެރެއަށް މަޅަމުން ދިޔައެވެ.

"އަން. މިހިރީ ފެންތަށި!" އައިސާމަނިކެގެ އަޑު ހުރީ ކުރެހިފައެވެ. އޭނާގެ ލޯ ހުރީ ފެންކަޅިވެފައެވެ.

ފެން ތަށީގައި ހިފައި އަތުގެ އިޝާރާތުން އައިސާމަނިކެ ގާތު އެތަނުން ދިއުމަށް އެދެނެވެ. އެއްވެސް ސުވާލެއް ކުރުމެއްނެތި އައިސާމަނިކެ އެތަނުން ނުކުތީ ލޯ ފޮހެމުން ފޮހެމުންނެވެ. ހަސަންފުޅު ވައަތުގައި ހުރި ފެންތައްޓަށް ދެތިން ފަހަރަކު ފުމެލިއެވެ. އެޔާއެކު ކަނާއަތުގެ އިނގިލިތައް ފެންތައްޓަށް ބާނައި، ނެގި ފެންފޮދު ހުސޭނުގެ މޫނަށް ބުރުވާލިއެވެ. އެ ފެންފޮދު ޖެހުމާއެކު ހުސޭނު ހަރުކޮށްލައި މުޅި މީހާގެ ހަށިގަނޑު ދަމައިލިއެވެ. ހީވަނީ ބުރަކައްޓަށް ދަތެއް އެރިހެންނެވެ.

އެގޮތުގެ މަތިން ތިން ފަހަރުމެ ހުސޭނުގެ މޫނަށް ފެން ވިއްސުމަށްފަހު ހަސަންފުޅު ކިޔެވެލި މައިތިރިކޮށްލިއެވެ. އެޔާއެކު ހުސޭނުގެ ހަށިގަނޑަށް އަރަމުން އައި ބާރުތައްވެސް އެއްކޮށް ކެނޑިގެން ދިޔައެވެ. މީހާ ހަމައަކަށް އެޅުނެވެ. އޭރު ހުސޭނުގެ ހައްޓަކު އެއްވެސް ބާރެއް ނެތެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އޭނާގެ ހަށިގަނޑުގައި ހުރި ހުންވެސް ވަނީ އެއްކޮށް މަޑުވެގެން ގޮހެވެ. މަޑުމަޑުން ހުސޭނުގެ ލޯ ހުޅުވައިލިއެވެ. ފަރާތަކަށް އަރިއަކަށް ހިރިލެވޭނެ ވަރެއް ނެތްތާގައި އަނގައިން ބުނަން އުޅުނު އެއްޗެއްވެސް އޭނާއަށް ބުނެވޭނެ ގޮތެއް ނުވިއެވެ.

"ހުސޭނު ވަރަށް ބޮޑަށް ގޯސްވެފައި އެއޮތީ! އޭނާގެ ފުރަނާ ނޫނީ އެ ޖިންނީގެ ފުރާނަ! ކޮންމެވެސް އެއްގޮތެއް ވާނެ! އެއީ ޔަޤީންކަން!" ހަސަންފުޅު ހިތާހިތާ ކިޔައިލިއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމާ

    ވަރަށް ވަރަށް ސަޅި.
    އިންތިޒާރުގައި މިހުރީ.

  2. ވަސިިބް

    ވާހަކަ ކުރު ކޮއްލިޔަސް ބޮޑުވަރު!!

  3. ޙހހހ

    ތަންފުކެއް 🙂