ކުޑަކުދިންނަށް ދިނުމަށް އެކަށީގެންވާ ކޮވިޑް-19 ގެ ވެކްސިނެއް އަންނަ އަހަރުވެސް ނުލިބިދާނެ ކަމަށް އެމެރިކާގެ އެމޯރީ ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރ، ޑރ. އީވާން އެންޑަސަން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ނެރުނު "ކްލިނިކަލް އިންފެކްޝިއަސް ޑިޒީޒެސް" ޖާނަލް ގައި ޑރ. އެންޑެސަން އާއި ބައެއް އެހެން ތަޖުރިބާކާރުން ގުޅިގެން ޝާޢިއުކޮށްފައިވާ ލިޔުމެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، ބޮޑެތި މީހުންނަށް ބޭނުންކުރެވޭނެ ކޮވިޑް-19 ގެ ވެކްސިނަކަށް މިހާރު ފަހުގެ ތައްޔާރީތައް ވަމުން އައިނަމަވެސް، ކުޑަކުދިން އަދި އެތައް ދުވަހެއް ވަންދެން ވެކްސެއްގެ އިންތިޒާރުގައި ތިބެންޖެހިދާނެ ކަމަށެވެ.

ޑރ. އެންޑެސަން ވިދާޅުވީ، ކޮވިޑް އަށް ތައްޔާރު ކުރެވޭ ވެކްސިންތައް މިހާތަނަށް ކުޑަކުދިންނަށް ދީގެން ތަހުލީލު ކޮށްފައި ނުވާއިރު، ކުދިންނަށް މިފަދަ ވެކްސިނެއް ދިނުމަކީ ވަރަށް ބަލާފައި ނޫނީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ކުޑަކުދިންގެ ދިފާޢީ ނިޒާމު، ބޮޑެތި މީހުންނާއި ތަފާތުވުމުން ވެކްސިންގެ "ސައިޑް އިފެކްޓެއް" ގެ އަސަރު ކުދިންނަށް ކުރިމަތިވާ މިންވަރު ބޮޑުވެ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ދުނިޔޭގައި އަދި ކޮވިޑް-19 ގެ ވެކްސިނެއް ބޭނުންކުރެވެން ފެށުނަސް، ކުދިންނަށް އެކަށީގެންވާ ވަރުގެ ވެކްސިނެއް ބޭނުންކުރަން ފެށުމުގެ ކުރިން ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށާއި، އެ މަސައްކަތް އަވަސް ނުކޮށްފިނަމަ އޭގެ ގެއްލުންތަކާއި ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޑރ. އެންޑެސަން ވަނީ ދެއްވާފައެވެ.

މިހާތަނަށް ތަހުލީލު ކުރިޔަށްދާ އެއްވެސް ވެކްސިނެއްގެ ފޭސްއެއްގައި، އެ ވެކްސިންތަކަކީ ކުޑަ ކުދިންނަށް އެކަށީގެންވާ ވެކްސިނެއްތޯ ބަލާފައި ނުވާކަން ޑރ. އެންޑެސަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ކުދިންނަށް އެކަށީގެންވާ ވެކްސިނެއް އުފެއްދުމަށް މަސައްކަތްތައް ފަށަންޖެހޭނީ އާފެށުމަކުން ކަމަށާއި، 2021 ވަނަ އަހަރުގެ ކުރިން ކުޑަކުދިންނަށް ޚާއްސަ ވެކްސިނެއް ލިބިދާނެކަމާއި މެދު ޑރ. އެންޑެސަން ވަނީ ސުވާލު އުފައްދަވާފައެވެ.

ދުނިޔެއިން ކޮވިޑް-19 ފެނުމާއެކު ގިނަ ޤައުމުތަކުގައި މި ބަލިމަޑުކަމަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. މިގޮތުން މިހާތަނަށް އުފައްދަން ފެށި ވެކްސިންތަކުގެ ތެރެއިން މަދުވެގެން 38 ވެންސިނެއްގެ ކްލިނިކަލް ޓްރަޔަލްގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު، މި ހުރިހާ ތަހުލީލެއްގައި ވެސް ބައިވެރިކުރަމުން ދަނީ ބޮޑެތި މީހުންނެވެ.

މިހާތަނަށް އެންމެ ކާމިޔާބު ކަމަށް ބެލެވޭ ވެކްސިންތަކުގެ ތަހުލީލު މިއަހަރުގެ ފަހުކޮޅަށް ނުވަތަ އަންނަ އަހަރަށް ނިމޭނެ ކަމަށް، ވެކްސިން އުފައްދާ ކުންފުނިތަކުން ބުނެއެވެ. މީގެ އިތުރުން ރަޝިޔާ އާއި ޗައިނާ އިން އުފެއްދި ވެކްސިންތަކެއް ބޭނުންކުރުމުގެ ހުއްދަވެސް އެދެޤައުމުގައި ވަނީ ދީފައެވެ. ނަމަވެސް މިއީ މަރުޙަލާތައް ފުރިހަމަވެފައި ނުވާ ދެ ވެކްސިނެއް ކަމަށް ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ.