ބޮލީވުޑްގައި އަރަމުން އަންނަ ތަރި ސުޝާންތު ސިންގް ރާޖްޕުތް އާއި ސާރާ އަލީ ހާން ލޯބީގެ ގޮތުން ގުޅުނު ކަމަށް ސާރާ އެއްބަސްވެއްޖެއެވެ.

ސާރާ މިކަން ހާމަކޮށްފައި ވަނީ، ސުޝާންތުގެ މަރާ ގުޅިގެން، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގަމުން ގެންދާ ތަހުގީގަށް އޭނާ ގެންގޮސް ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ. ސާރާ ވަނީ ސުޝާންތު އާއެކު 2018 ވަނަ އަހަރުގެ ތެރޭގައި ގުޅުމެއް ބޭއްވިކަން ހާމަކޮށްފައެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ، އެކީގައި ފިލްމެއް ކުޅުނު ދުވަސްކޮޅަކު ޝޫޓިންގެ ތެރެއިން ކަމަށް ސާރާ ވަނީ އެއްބަސް ވެފައެވެ.

ސާރާ ބުނެފައިވާ ގޮތުގައި ޝޫޓިން ނިންމާލުމަށްފަހު އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ދެ މީހުން އެކުގައި ވަނީ ތައިލެންޑުގެ ކޯހް ސެމޫ އަށް ޗުއްޓީ ހޭދަކުރުމަށް ވެސް ގޮސްފައެވެ. އަދި އެ ދަތުރުގައި ސުޝާންތުގެ ބައެއް މުއައްޒަފުން ވެސް ދިޔަ ކަމަށާއި، ނަމަވެސް، އެއްވެސް މަސްތުވާއެއްޗެއް އޭނާ ބޭނުންކޮށްފައި ނުވާނޭ ކަމަށް ސާރާ ވަނީ ބުނެފައެވެ.

"ޓައިމްސް ނައު" ނޫހަށް މައުލޫމާތު ދެމުން ސާރާ ބުނީ އޭނާ އާއި ސުޝާންތުގެ ގުޅުން ނިމުނީ ސުޝާންތު މަސްތުވާތަކެތި ބޭނުންކުރާތީ ނޫން ކަމަށެވެ. އަދި ސާރާ ބޭނުންވީ އެ ދުވަސްކޮޅު އޭނާގެ ކުރިއެރުމަށް އިސްކަން ދިނުމަށް ކަމަށާއި، އެހެން ކަމުން ދެމީހުންގެ ގުޅުން ރީތި ގޮތުގައި އޭނާ ވާނީ ނިންމާލާފައި ކަމަށެވެ.

ރިއާ ޗަކްރަބޯތީ އާއެކު ފާމް ހައުސްއެއްގައި ޝުޝާންތު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ރިއާ ވަނީ އެއްބަސްވެފައެވެ. ހަމަ އެ ފާމް ހައުސް އަށް ސާރާ ވެސް ގޮސްފައިވާނެ ކަމަށާއި ނަަމަވެސް، އެފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްފައި ނުވާނޭ ކަމަށް ސާރާ ވަނީ ބުނެފައެވެ.

ސުޝާންތުގެ ރަހުމަތްތެރިއާ ސެމިއުލް ހައޮކިޕް ބުނެފައިވާ ގޮތުގައި، ސާރާ ސުޝާންތުއާ ރުޅިވެފައި ވަނީ، ސޮންޗިރިއާގެ ފެއިލް އަށް ފަހުއެވެ. އަދި ސާރާގެ ވަކިވުމަށް ފަހު ސުޝާންތު ހޭދަކުރީ ވަރަށް ހިތްދަތި ދުވަސްކޮޅެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.