މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ނޫންކަމަށާއި އޭނާ މަރައިލާފައިވަނީ ބަޔަކު ރާވައިގެން ކަމަށް ބުނެ ސުޝާންތު ސިންގގެ ބައްޕަ ފުލުހަށް މައްސަލަ ހުށަހެޅުމުން އެ މަރުގެ ތުހުމަތު ބޮލީވުޑުގެ ބައެއް ފަންނާނެއްގެ ބޮލުގައި އެޅުނެވެ. އޭގެތެރޭގައި ސަލްމާން ޚާނާއި، ކަރަން ޖޯހަރާއި އަދި ރިއާ ޗަކްރޮބޯތީ ހިމެެނެއެވެ.

އިންޑިޔާގައި މީސްމީޑިޔާ ބޭނުންކުރާ ގިނަ ފަރާތްތަކަކުން މި ލިސްޓަށް އިތުރުކުރި ފަންނާނަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒު ޚާނެވެ. އަރުބާޒު ޚާނަކީ ބޮލީވުޑުގެ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް، އަދި ޑައިރެކްޓަރެއް ވެސް މެއެވެ.

މީޑިޔާތަކުން އަރުބާޒު ޚާނަށް ކޮށްފައިވާ ތުހުމަތަކީ ސުޝާންތު ސިންގ ރާޖުޕޫތާއި އޭނާގެ މެނޭޖަރު ޑިޝާގެ މަރުގައި އަރުބާޒު ޚާނުގެ ވެސް ހިއްސާވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އަރުބާޒު ވަނީ ސީބީއައިއަށް ނުރަސްމީކޮށް ހާޟިރުކުރުވާ، އެކަމާއި ބެހޭގޮތުން ސުވާލުކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ދަނީ ބުނަމުންނެވެ.

މި ޚަބަރު ފެތުރި މީހުންނަށް އަރުބާޒު ވަނީ އޭނާގެ ނަން ބަދުނާމު ކުރުމަށް ބަޔަކު މަސައްކަތްކުރާކަމުގެ މައްސަލަ ކޯޓަށް ހުށަހަޅައިފައެެވެ. މިކަމާއި ގުޅިގެން ކޯޓުން ވަނީ އަރުބާޒުގެ ނަން ބަދުނާަމުވާ ފަދަ ގޮތަކަށް، ސީދާކޮށާއި ނުސީދާކޮށް ލިޔެފައި ހުރި ހުރިހާ ލިޔުމެއްނެތިކޮށްލުމަށް، ވައިބާ އާނަންދު، ސާކްޝީ ބަންޑާރީ ޖޯން ޑޯއެ، އަޝޯކް ކުމާރު ފަދަ އެތައް ބަޔަކަށް އަންގައިފައެވެ.

އަރުބާޒު ޚާން ވަނީ ދަބަންގް ސީކުއަލްގެ ތިން ފިލުމު ޕްރޮޑިއުސް ކުރުމުގެ އިތުރުން އެ ފިލުމުތަކުގައި އެކްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ވެސް ކޮށްފައެެވެ.