ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ ވަރަކަށް ވީހާވެސް ގައިދުރުކަން ހިޔާރުކޮށް، ބަލި ނުޖެހޭނެ ގޮތަކަށް އަމަލުތައް ބަހައްޓަން ގިނަ ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ތެެރެއިންވެސް މޮޅެތި އާ ގޮތްގޮތް ހޯދައިގެން ގައިދުރުކަން ބަހައްޓައިގެން ހަފްލާތައް ބޭއްވޭނެ ގޮތްވެސް އާއްމުން ދަނީ ހޯދަމުންނެވެ.

މިގޮތަށް ބޭއްވި ކައިވެނީގެ ހަފްލާއެއްގެ ވާހަކަދައްކާލަމާ ހިނގާށެެވެ.

މިއީ ސަޤާފީގޮތުން ވަރަށް އެކުވެގެން ނޫނީ ފުރިހަމަ ނުކުރެވޭ ފަދަ ހަފްލާތައް ކައިވެނީގެ ކުރިންވެސް ބާއްވާ އުޅޭ އިންޑިއާގައި ދިމާވި ކަމެއްގެ ވާހަކައެވެ. އެ ގައުުގައި ކައިވެނި ކުރާ އަންހެން ކުއްޖާގެ ގައިގައި ރީނދޫ ހޭކުމާއި، ހީނާފަތް އެޅުމާއި، ލަވަ ކިޔުން ފަދަ ހަފްލާތައް އޮވެއެވެ.

އެގޮތުން އިންޑިއާގައި ބޭއްވި ކައިވެނީގެ ހަފްލާތަކުގެ ތެރެއިން ރީނދޫ ލުމުގެ ހަފްލާ ނޫނީ ހަލްދީ ހަފްލާއަށް މިވަނީ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ހަރްޖިންދަރު ސިންގ ކުކްރޭޖާ ވަނީ މިއީ "އީޖާބީ ރީނދޫ ލުމުގެ ހަފްލާ"އެއްކަމަށް ބުނެފައެވެ.

އާއްމުކޮށް ރީނދޫ އުނގުޅަނީ އަތުން، ނޫނީ ފަތަކުންނެވެ.

މި ކައިވެނީގައި ރީނދޫ އުނގުޅާފައި ވަނީ ކުލަ ލާން ގެންގުޅޭ ޒާތުގެ ރޯލް ފިއްސަކުންނެވެ.

ބައެއް މީހުންނަށް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ.

ޓްވިޓާ އާއި މީސްމީޑިއާގެ އެހެން ވަސީލަތްތަކުގައި މިހާރު ދައުރުވާ ވީޑިއޯގައި ފެންނަނީ ކައިވެނި ކުރާ އަންހެން މީހާގެ ގައިގައި ދުރުގައި ތިބެގެން ކުލަލާ ބުރުހެއް ބޭނުންކޮށްގެން ރީނދޫ ހާކާ މަންޒަރެވެ.

މިއީ ސިއްހީ ކާރިސާއެއްގެ ވަގުތުގައި ނުރައްކަލެއް ނެތި ސަޤާފަތް ދެމެހެއްޓޭނެ ގޮތެއް ކަމަށް އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ވަނީ ބުނެފައެވެ.

އެ ޕޯސްޓަށް އެތައް ސަތޭކަ ކޮމެންޓެއްވެސް ވަނީ ލިބިފައެވެ.

އެހެންނަމަވެސް ކުލަލާ ފިއްސަކުން ގައިގައި ރީނދޫ ލުމަކީ ހަންގަނޑަށް ރައްކާތެރި ގޮތެއްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.