އަހަރެންނަކީ ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މީހަކީމެވެ. ޒުވާން އުމުރުގައި ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މިއަދު މުޅި ދުނިޔެ އަހަންނަށް ނަފްރަތު ކުރެއެވެ.

15 އަހަރު ދުވަހު ޖަލުގައި ކަޅު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އަހަރެން މިއަދު އަލިކަމުގެ ތެރެއަށް އަޔަސް އަހަރެން ބަލައިގަންނާނެ މީހަކު މުޖުތަމައުގައެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. ޒުވާން އުމުރުގައި އަހަންނަކީ މަސްތުވާތަކެތީގެ ބޮޑަކީމެވެ.

ރާއްޖޭގެ ވެރިރަށް މާލެއަށް އެތެރެކުރަމުންދާ މަސްތުވާތަކެތީގެ 30 އިންސައްތައަކީ އަހަރެން އިސްކޮށް ހުންނަ ނެޓްވޯކުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާއިން ތަނަވަސް ދިރިއުޅުމެއް ޒުވާން ދުވަސްވަރު އުޅެވުނު ނަމަވެސް އަދު އަހަރެން މިޖެހެނީ ނިކަމެތި ހާލުގައި އުޅޭށެވެ. އެއިރު އަހަރެންގެ ރެއާ ދުވާލުގެ މަސައްކަތަކީ އެއީއެވެ. މަސްތުވާތަކެތި ރާއްޖެ ތެރެއަށް ސަޕްލައި ކުރުމާއި އެތަކެތި މާލޭގެ އެކި ހިސާބަށް ފޯރުކުރުމެވެ. އަހަރެން އެ މަސައްކަތް ކުރަމުން އައީ ލަންކާގައި ހުންނަ އަހަރެންގެ އެކުވެރިއަކާ ގުޅިގެންނެވެ. އެހެންކަމުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުުގައި މާ ބޮޑު ތަކްލީފުތަކަކާއި ކުރިމަތިލާކަށް ނުޖެހެއެވެ.

މަސްތުވާތަކެރީގެ ވިޔަފާރި އަހަރެން ފެށީ އަހަރެންގެ އުމުރުން އެންމެ 18 އަހަރުގައެވެ. ކިޔެވުމާއި އާއިލާ ދޫކޮށް އަހަރެން މަސްތުވާތަކެތީގެ ދުނިޔެއަށް ބަދަލުވީ އެކަމުން ރަގަނޅު އާމްދަނީއެއް ލިބޭތީއެވެ. ނަމަވެސް އެކަމަކީ ވަރަށް ސިއްރުން އަދި ވަރަށް ރާވައިގެން ކުރަން ޖެހޭ ކަމަކަށް ވުމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަކީ މަރުގެ ތުންފަތްމަތީގައި ހިނގުން ފަދަ ކަމަކަށް ވަނީ ވެފައެވެ.

ދުވަސްތަށް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. ޣާފިލްކަން މަތީން ހަރާމް ފައިސާއިން ދިރިއުޅުމުގެ ކަންކަން ކުރަމުން ގެންދިޔައިރު މާދަމާ ވެދާނެ ގޮތަކާއި މެދު އަހަރެން ކުޑަކޮށްވެސް ވިސްނައެއް ނުލަމެވެ. ހެވިފައި މަސްތުވާތަކެރީގެ ވިޔަފާރި ކުރަމުން ދިޔައިރު މާދަމާ ޖަލުގެ ކުޑަ ގޮޅީގައި އެކަނި މާއެކަނި އޮންނަން ޖެހިދާނެ ކަމުގައި އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަމެވެ.

ދުވަހަކީ މަސްތުވާތަކެތީގެ އައު ސްޓޮކްއެއް ރާއްޖެ އައި ދުވަހެވެ. ކަނޑުމަގުން ރާއްޖެ އެތެރެކުރި 200 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުގައި އުޅުނު ރައްޓެއްސެއްގެ އެހީގައި ވަރަށް ހާލުން ބޭރަށް ނެރެވުނެވެ. އަދި މަސްތުވާތަކެތި ރައްކާކުރުމަށް ހަމަޖެހިފައިވާ ގުދަނަށް މަސްތުވާތަކެތި ގެންދިޔައީ އަހަރެމެންގެ އަމިއްލަ ކާރެއްގައެވެ. ކާރުގައި އަހަންނާއި އެކު ވިޔަފާރީގައި އަހަރެންގެ ކަނާއަތް ކަމުގައިވާ އަސްލަމްވެސް އިނެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކާރު ހުއްޓީ މާލޭގެ ހަނި ގޯޅިއެއްގައި ހުރި އަހަރެމެންގެ ގުދަން ކައިރީގައެވެ. ހަމަ އެހިނދެވެ. ފުލުހުންގެ ބޮޑު ފައުޖެއް އެތަނަށް އަޔެވެ. އަދި ކާރު ވަށާލާ މަސްތުވާތަކެއްޗާއި އެކު އަހަރެމެން ދެމީހުން ހައްޔަރު ކުރިއެވެ.

މަސްތުވާތަކެއްޗާއި އެކު އަހަރެމެން ހައްޔަރު ކޮށްފާނެ ކަމަށް އަހަރެން މީގެ ކުރިއަކުން ހިޔެއް ނުކުރަމެވެ. ނަމަވެސް ފުލުހުން އަހަރެމެން ހައްޔަރު ކުރުމުން ހަތަރު އުދަރެސް ފެނު ޖެހުނީ ކަން އަހަންނަށް ވިސްނުނެވެ. ސަލާމަތަށް އެދި ގޮވާނެ މީހަކު ނެތެވެ. އެހީއެއް ފޯރުކޮށްދޭނެ މީހެއް ނެތެވެ. އެންމެ ފަހުން އަހަރެން ނިންމީ ހަތިޔާރު ބެހެއްޓުމަށް ފަހު ފުލުހުންނާއި އެކުގައި ދިޔުމަށެވެ. ފުލުހުން އަހަރެމެން ޕޮލިސް ސްޓޭޝަން އަށް ގެންދިޔުމަށް ފަހު އެތާނގައި ބޭތިއްބުމަށް ފަހު ދޫނިދޫއަށް ގެންދިޔައެވެ. އަދި އޭގެ ތިން ދުވަސް ފަހުން ކޯޓަށް އަހަރެމެން ގެންދެވުނެވެ. އަދި އަހަރެމެންގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ނިސްބަތުން ބޮޑު އަދަދެއް ކަމުން ކޯޓުން އެންގީ އަހަރެމެން 15 އަހަރާއި 6 މަސްދުވަހަށް ޖަލަށް ލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

އަހަރެން ޖަލަށް ލި ހިސާބަކީ އަހަރެންގެ ހަޔާތް ބަދަލުވާން ފެށި ހިސާބެކެވެ. އެކަނިވެރިކަމާއި މޮޅިވެރިކަން ވެގެން ދިޔައީ މާތް ﷲ އާއި އަހަރެން ގާތް ކޮށްދިން ކަމަކަށެވެ. ކުރިން އުޅެވުނު ގޮތާއި މެދު މިއަދު އަހަރެން އިންތިހާއަށް ހިތާމަ ކުރަމެވެ. ޖަލުގައި ހޭދަކުރި 15 އަހަރު އަހަރެން ގިނައިން ހޭދަކުރީ އަޅުކަމުގައެވެ. 15 އަހަރަށް ފަހު މިއަދު އަހަރެން މިނިވަން ވެފައިވާއިރު އަހަރެން ބަލައިގަންނާނެ މީހަކު ނެތެވެ. ކުރެވުނު ކުށުން ބަރީއަވުމަށް އަހަރެން ކިތަންމެ މަސައްކަތެއްވެސް ކުރީމެވެ. އަދި ޖަލުން މިނިވަން ވުމަށް ފަހު އަހަރެން ނިންމީ ކުރިންވެސް އަހަންނަށް އެންމެ އަޅާލި އަދި މަސްތުވާތަކެތީގެ ބޮޑަކަށް އުޅުން އިރުވެސް އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި ސަލީމް ގެ އަރިހަށް ދިޔުމަށެވެ.

އެހެންކަމުން ޖަލުން މިނިވަންވެ އަހަރެން ސަލީމުއާއި ބައްދަލުކުރަން ދިޔައީމެވެ. ނަސީބު ރަނގަޅުކަމުން ސަލީމުއާއި ބައްދަލުކުރަން ދިޔަ މަގުމަތީގައި އޭނާއާއި ދިމާވިއެވެ. 15 އަހަރަށް ފަހު ބައްދަލުވުމުން ދެމީހުންގެ މެދުގައި އުފެދުނު ޝައުގުވެރިކަން އިތުރުވިއެވެ. އަދި އަހަރެންގެ ވާހަކަތަށް އޭނާއާއި ހިއްސާ ކުރީމެވެ.

އަހަރެންގެ ވާހަކަތަށް އަޑުއެހުމަށް ފަހު އަހަރެންގެ ކޮނޑުގައި އަތް ބާއްވާލަމުން ސަލީމު އެދުނީ އޭނާއާއި އެކު އޭނާގެ ކުންފުނީގައި މަސައްކަތް ކުރުމަށެވެ. އަދި ހަލާލު ގޮތުގައި އާމްދަނީ ހޯދައިގެން ވީރާނާ ވެފައިވާ ހަޔާތް އަލުން އާރާސްތު ކުރުމަށެވެ.

ސަލީމްގެ އެހީތެރިކަމާއި އެކު މިއަދު އަހަރެން މިހުރީ އަމިއްލަ ފައިމަށްޗަށް އަލުން ތެދުވެއެވެ. މިއަދު އަހަރެން ހިތަށް އަރައެވެ. މަސްތުވާތަކެއްޗަކީ ބޮޑު ދަންތޫރައެވެ. އެ ދަންތޫރައިން އަހަރެން ސަލާމަތްވި ކަމަށްޓަކައި މާތް ﷲ ހަސްރަތަށް އަހަރެން މިއަދު ދުޢާކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ﷲ ތިބާއަށް ފާގަތި މުސްތަގްބަލެއް ދެއްވާށި އާމީން.

    • މީ

      އާމީން ޔާﷲ

  2. Anonymous

    ފޭކް ވާހަކައެއް