(ހަތަރުވަނަ ބައި)

އެވަގުތު އަހްލާމަށް އަތިރިމައްޗަށް ނުކުމެވުނެވެ. އޭރު މީސްމީހުން އެނބުރި އެމީހެއްގެ ގެއަށް ދަނީއެވެ. އަލީފް ފުރުވައިލުމަށް ފަހުއެވެ. އަހްލާމަށް ހުއްޓެވުނީ ލާންޗް ނެރުން ހުރަސްކޮށް އޭގެ ބާރު ދުވެލީގައި ހަނިމާދޫއާ ދިމާއަށް މިސްރާބު ޖެހުމުންނެވެ. އޭނާގެ އަތުގައި ކަޅުކުލައިގެ ފޮތެއް އޮތެވެ. އެއީ އަލީފްގެ ފޮތެވެ. ނަފާޒާ މައި ނޭވައިލަމުން އައިސް އަހްލާމާއި އަރައި ހަމަކުރިއެވެ.

"އަހަރެން ބުނިން އޭރުވެސް... އަލީފް ފުރަން ގޮއްސިއޭ..." ވަރުބަލިވެފައި ހުރުމުން ނަފާޒާއަށް ރަނގަޅަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ.

އަހްލާމް އެއްވެސް އެއްޗެއް ނުބުނެ ހުރީއެވެ. އިހަވަންދޫއާ ދުރަށް ދުއްވަމުން ދިޔަ ލާންޗަށް ނަޒަރު ހުއްޓައިލައިގެންނެވެ. ލާންޗު ގޮސް ލޮލުކޮޅަށް ގެންދެންނެވެ. އަހްލާމް އާދެވުނިލެއް ލަސްވީއެވެ. ކުޑަ ވަގުތުކޮޅެއް ލަސްވީއެވެ. ދެން ކުރާނިކަމެއް ނެތެވެ. އަލީފް އަހްލާމްގެ ހަމަލޮލަށް ފެންނާނެ ދުވަހެއް ބުނެދޭކަށް ނޭނގެއެވެ. އަލީފަށް އަހްލާމްއާ ބައްދަލުކުރެވޭނޭ ގޮތެއް ނޫނީ މަގެއް ނެތްކަން އަހްލާމަށް އެނގެއެވެ. އަލީފަށް އަހްލާމްގެ ނަން އެންމެ ކުޑަމިނުން އެނގޭނެކަން ވެސް އަހްލާމަށް ނޭނގެއެވެ.

އެހެނަސް އަހްލާމަށް އަލީފްގެ ނަން އެނގެއެވެ. އަލީފްގެ މައުލޫމާތުތައް އެނގެއެވެ. އޭނާގެ ނަންބަރު އެނގެއެވެ. އިތުރަށް ބޭނުންވާ މައުލޫމާތެއް އާސިފްގެ ގާތުން ސާފުވެސް ކުރެވޭނެއެވެ. އެހެން ނަމަވެސް އެކަން ކުރާނެ ހިތްވަރެއް އަހްލާމްގެ ގަޔަކު ނެތެވެ. އަލީފްގެ ފޮތް އޭނާއާ ހަވާލުކޮށްލަން ނުކެރުނު މީހަކަށް އިތުރު ކަމެއް ކުރަން ކެރޭނެބާވައެވެ؟ އެއީ އަހްލާމްގެ ހިތުގެ ޝަކުވާއެވެ.

"ހިނގާ ގެއަށް ދަމާ!" ލާންޗު ލޮލުކޮޅަށް ގޮސް ގެއްލުމުން އަހްލާމް ވާހަކަދެއްކިއެވެ.

"އަހޫ! ހާސްނުވޭ. އަލީފްގެ ނަންބަރު އެއޮތީނުން." ނަފާޒާ ބުނަން އުޅޭ އެއްޗެއް އަހްލާމަށް އެނގެއެވެ.

"އަހަރެން އޭނާއަށް ގުޅުމުގެ މާނައެއް ނެތެއްނުން." އަހްލާމް ވާހަކަދެއްކީ ނޫން ގޮތަކަށެވެ.

"އެޔޮށް؟ ކީއްވެ ތިހެން ތިބުނީ؟" ނަފާޒާގެ އަނގަ މެޅުނެވެ.

"އަހަރެންނަށް މިފޮތް ހަވާލުކުރަން ނުކެރުނީމަ." އަހްލާމް ބާރުބާރަށް ހިނގައިގަތެވެ. "އެވަރު ކަމެއް ކުރަން ނުކެރުނު މީހަކަށް ކިހިނެއް އެހެން ކަމެއް ކުރެވޭނީ."

"އަހޫ. މަޑުކޮށްބަ!" ނަފާޒާ އަހްލާމްގެ ކޮނޑުގައި ހިފިއެވެ. "ތިހެން ނުބުނޭ. އަހަރެންނަށް އެނގޭ ވެގެން އުޅޭ ގޮތެއް."

"ކޮން ގޮތެއް." އަހްލާމްގެ ގާތަށް ރުޅި އަންނަ ގޮތްވިއެވެ.

"ތިޔަށް ކިޔައި އެހެން ނަމެއް އޮންނާނެ." ނަފާޒާ އަހްލާމް ހަމަޖެއްސޭތޯ މަސައްކަތްކުރިއެވެ. "އެއީ ލޯބި. އެކި މީހުން ލޯބިވާނީ އެކި ގޮތަށް. އެ ލޯބި ހިއްސާކުރާނީވެސް އެކި ގޮތްގޮތުން. ލޯބިވެވެމުން އެކި މީހުންނަށް އިޙްސާސްކުރެވޭނީ ތަފާތު ގޮތްގޮތަށް."

އަހްލާމްގެ ލޮލުން ކަރުނަ ނީރައިލިއެވެ. ބޭއިޚްތިޔާރުގައި ނަފާޒާގެ ގައިގާ އޮޅުލައިގަތެވެ. އޭނާގެ ހިތުގައި ކެކި އުތުރި އަރަމުން އައި އޙްސާސްތަކަށް ނަމެއް ދެވުމުންނެވެ. އޭނާގެ ބޮލަށް އަރަމުން ދިޔަ އެނބުރުން ފިލުވައިލަ ދިނީމައެވެ. ވިސްނަންވީ މަގު ދައްކުވައިދިނީމައެވެ. އެއީ ހަޤީޤީ ރަޙްމަތްތެރިންގެ ސިފައެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައިމެ ނަފާޒާ އަހްލާމަށް ހިތްވަރު ދޭނެއެވެ. ކަންކުރަންވީ ގޮތް ބުނެދޭނެއެވެ.

"ދެން ކިހިނެއް އަހަރެން ހަދަންވީ؟"

އަހްލާމާއި ނަފާޒާ އިނީ އަހްލާމްގެ ގޭގައެވެ. އޭނާގެ ކޮޓަރީގައެވެ. އަލީފްގެ ފޮތް އަހްލާމްގެ އަތުގައި އޮތެވެ. ފޮތް އޮތީ ހުޅުވައިފައެވެ. އެއްލިފައި އޮތް ގަނޑުގައި އޮތީ އަލީފްގެ ނަންބަރެވެ. އަހްލާމްގެ ކަނާތުގައި އޮތް ފޯނުގައި އެ ނަންބަރު ޖަހައިލައެވެ. އެޔާއެކު އެ ނަންބަރު ފޮހެލައެވެ. އޭނާގެ ހިތުގައި އެއް ޚިޔާލެއް ސިކުންތުކޮޅެއް ވާންދެއް ވެސް މަޑަކުން ނޯވެއެވެ. ގުޅަންވީބާވައެވެ؟ ނޫނެކެވެ. ގުޅާކަށް ނުކެރޭނެއެވެ. އަހްލާމް ހުރީ ދެ ޚިޔާލެއްގައެވެ. އެގޮތުގައި ހުރެހުރެ އަލީފްގެ ނަންބަރު އަހްލާމްގެ ހިތަށް ވަނީ ނެގިފައެވެ.

"އަހޫ! ކޮންކަމަކާ ތިޔަ ވިސްނަނީ؟" ނަފާޒާ އަހްލާމްގެ މޫނާ ދިމާއަށް ދެ އިނގިލި ކުރިން ޓޮކެއް ކަނޑައިލިއެވެ.

"ނަފާ! މަށަކަށް ނުކެރޭނެ ގުޅާކަށް. ކިތަންމެ ދުވަހެއްވެއްޖެ ގުޅަން އުޅޭތާ." އަހްލާމްގެ ފަން އިސްތަށިގަނޑުގައި އަތުން ފުނާ އަޅައިލިއެވެ. "ގުޅާފަ... ކީކޭ އަހަރެން ބުނާނީ؟"

"ފޮތް ދޭން ބޭނުން ވާހަކައެއްނުން." ނަފާޒާ އަހްލާމަށް ކަން ކުރަންވީ މަގު ކިޔައިދިނެވެ.

"އެންމެ ރަނގަޅު!" އަހްލާމް ފޯނު ނަގައި އަލީފްގެ ނަންބަރަށް ގުޅައިލިއެވެ.

އަލީފްގެ ފޯނަށް ފޯނުވާން ފެށިއެވެ. އެހެން ނަމަވެސް އަލީފް ފޯން ނިއްވައިލުމަށް ފަހު ޖީބަށް ލިއެވެ. އެއީ ބައްދަލުވުމުގެ މުހިއްމުކަމުންނެވެ. އެ ބައްދަލުވުމުގައި އޮފީހުގެ އެންމެ އިސްވެރިން ތިއްބެވެ. އެހެން ކަމުން އެ ގަޑީގައި އަލީފް އެއްވެސް ކޯލަކަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ގަޑިއިރަކަށް ފަހުން ބައްދަލުވުމުން ނިމުމާއެކު އަލީފް އެ ނަންބަރަށް ފޯނުކޮށްލިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އަހްލާމްގެ ނަމެވެ. އަހްލާމްގެ ސިފައެވެ.

"ހަލޯ!" އެކޮޅުން ވާހަކަ ދެއްކީ ދެބައި އުމުރުގެ އަންހެނެކެވެ.

"މި ނަންބަރަށް ގުޅުއްވާފައި އޮތީމަ؟" އަލީފް ގުޅި ސަބަބު ބަޔާންކުރިއެވެ.

"ނޫން. މިކޮޅަކުން ނުގުޅަން. ތިވެދާނެ އޮޅިގެން ކަމަށް. ވަރަށް ބޮޑަށް މަޢަފަށް އެދެން." އެ މީހާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުގައެވެ.

"އެއީ މައްސަލައެއް ނޫން. ވަރަށް ސަލާން."

އަލީފްގެ ފޯނަށް އެކި މީސް މީހުން ގުޅާނެއެވެ. އެކި ކަންކަމުގައެވެ. އެހެނަސް އޮޅިގެން ގުޅުން އެއީ ވަރަށް މަދުން ނޫނީ ނުވާކަމެކެވެ. އަލީފް އެކަމަކާ މާ ބޮޑަކަށް އަޅައެއް ނުލައެވެ. އަލީފް ދިޔައީ އޭނާގެ ކެބިންނަށެވެ. އިހަވަންދޫ އިން އައި ފަހުން ބައްދަލުވުންތަކުގައި އުޅެން ޖެހުމުގެ ސަބަބުން ކެބިންގައި ސޮއިކުރަން ބަހައްޓާފައި ހުރި ޑޮކިއުމަންޓްތައް ބަލައިނުލެވޭތީއެވެ.

"ނަތާޝާ!" އަލީފް ނަތާޝާއަށް ކެބިންނަށް އައުމަށް ގޮވައިލިއެވެ.

"ލައްބަ!" ނަތާޝާ ކުރަން ހުރި މަސައްކަތްތައް ބަހައްޓައިފައި އަލީފްގެ ކެބިން ތެރެއަށް ދިޔައެވެ.

"އަހަރެން ދިއުމުގެ ކުރިން އިންޓަވިއުގެ ކަންތައް އަލީ ކުރިއަށް ގެންދިތޯ؟" އަލީފް ނުނިމި ހުރި މަސައްކަތްތައް ނިމިފައި ހުރި ހިސާބެއް އަހައިލިއެވެ.

"ލައްބަ!" ނަތާޝާ ޖަވާބު ދިނީ ވަރަށް އަދަބު އިޚްތިރާމާއެކުގައެވެ. "މިއަދު އަޅުގަނޑު މިދަނީ މިއަންނަ ހަފްތާގައި އޮތް އެންމެ ފަހު އިންޓަވިއުއަށް ކުދިންނަށް ދައުވަތު ދެމުން."

"އެ އިންޓަވިއުގެ ޕެނަލް އޮތީ ތައްޔާރަށްތޯ؟" އަލީފް ފަހަރަކު ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައީ މޭޒުމަތީގައި ހުރި ޑޮކިއުމަންޓްތައް ބަލަމުންނެވެ.

"ލައްބަ!"

"އެންމެ ރަނގަޅު! އަޅުގަނޑުގެ ސެކްޓަރީ މަޤާމް އަވަސްކޮށްލުން މުހިއްމު. އޭރުން ނަތާޝާއަށް ލުއިވާނީ." އަލީފް ކަންތައް ކުރިއަށް ގެންދަންވީ ގޮތް ކިޔައި ދިނެވެ.

"އަލުން ހުރިހާ ކުދިންނަށް... އަވަސް ދުވަހަކަށް ކިޔަން ވީތޯ؟" ނަތާޝާ ވަނީ އިންޓަވިއުއަށް އައުމަށް ގިނަ ޢަދަދެއްގެ ކުދިންނަށް ދައުވަތު ދީފައެވެ. "އަދި ޕެނަލްއަށް ސަރ ލަންތޯ؟"

"ނޫނޭ. މިހާރު އޮތް ދުވަސް ވެސް ރަނގަޅުވާނެ." އަލީފް ކުރަން ހުރި މަސައްކަތްތައް ބަހައްޓައި ގޮނޑީގައި ހަމަޖެހިލިއެވެ. "އެންޑް. އައްޔަ ނުވާނެ ގޯހެއް. އައި ވިލް ބީ އޯކޭ ވިތަ ދަ ޕާރސަން ހީ ސެލެކްޓް. ސޯ އައްޔަ މޭޒުމަތީގައި ބަހައްޓާ އެ ކުދިންގެ ފައިލްތައް."

"ލައްބަ!" ނަތާޝާ އަލީފްގެ މޭޒުމަތީގައި ހުރި ފައިލްތައް މެޔައިލައި ބޮޑިކޮށްލިއެވެ.

ނަތާޝާ ސިއްރު ސިއްރުން އަލީފާއި ދިމާއަށް ބަލައިލިއެވެ. އެއްޗެއް ބުނާށެވެ. އެކަމަކު އިސްވެ އެއްޗެއް ބުނުން އެއީ ގޯހަކަށްވުމުން އަޅައިނުލީއެވެ. އޭރު އަލީފް އޭނާގެ މަސަކަތާއިގެން ކުރިއަށް ދަނީއެވެ. ނަތާޝާ އެތަނުގައި އިތުރަށް މަޑުކުރަން ބޭނުންވެއެވެ. އަލީފްގެ އެ ރީތި މޫނަށް ބަލަން ހުންނަން ބޭނުން ވަނީއެވެ. އޭނާއާ އެކު ވަގުތުތައް ހޭދަކުރަން ބޭނުންވަނީއެވެ. އޮފީހުގައެވެ. އޮފީހުން ބޭރުގައި ވެސް މެއެވެ.

އެހެނަސް އޭނާގެ ވާޖިބު އަދާވީއެވެ. ދެން އިތުރަކަށް މަޑެއް ނުކުރެވޭނެއެވެ. މަޑުކޮށްފިނަމަ އަލީފް އޭނާއާ ސުވާލުކުރާނެއެވެ. އެ ސުވާލަށް ޖަވާބު ދޭން ނަތާޝާއަށް އުނދަގޫވާނެއެވެ. އެހިސާބުން ނަތާޝާއަށް ޖެހޭނީ އިސްވެ ބުނާށެވެ. އެގޮތް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އަލީފް ޖެހޭނީ އޭނާގެ ގާތުގައި އަހާށެވެ. އިސްވެއެވެ. ނިކަން ލޯބިކޮށެވެ. ރެސްޓޯރެންޓަކަށް ގޮހެވެ. ނޫނީ ބީޗަށް ގޮހެވެ. ތަފާތު ގޮތަކަށެވެ. އެއީ ނަތާޝާގެ ހިތުގެ އެދުމެވެ.

ނަތާޝާ ހިނގައިގަތީ އޭނާގެ މޭޒާ ދިމާއަށެވެ. މޭޒު ކައިރީގައި ހުރި ގޮނޑީގައި އިނށީދެ ފުން ނޭވައެއް ހަށިން ބޭރަށް ފޮނުވައިލިއެވެ. އޭނާގެ އަތްފައި ހުރީ ފިނިވެފައެވެ. އަލީފާއި ކުރިމަތިލާ ކޮންމެ ފަހަރަކުމެ އޭނާގެ ހާލަތަކީ އެއީއެވެ. ބިރުން މީހާ ހުންނަނީ ހީގެންފައެވެ. އޮފީހަށް ވަނީން ސުރެއް އަލީފްގެ ފަރާތުން އެއްވެސް އިޝާރާތެއް ވޭތޯ ނަތާޝާ އިންނަނީ ބަލަބަލައެވެ.

އެހެނަސް އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އަދި އަދަށް އަންނާދެއް ވެސް އެކަން ކާމިޔާބެއް ނުވެއެވެ. ނަތާޝާ ދެފަރާތް ދެފަރާތަށް ބޯ ހޫރުވައިލައި ލިސްޓްގައި ދެން އޮތް ނަންބަރަށް ގުޅައިލިއެވެ. އިސާހިތަކު ގިނައިރުތަކެއް ނުވެ ފޯނު ނަގައިފިއެވެ.

"އައްސަލާމް ޢަލައިކުމް. އަހްލާމްތޯ؟" އެކޮޅުން ފޯނު ނެގުމާއެކު ނަތާޝާ ވާހަކަދައްކަން ފެށިއެވެ.

(ނުނިމޭ)