(ހަވަނަ ބައި)

ނަތާޝާ އަވަސް އަވަހަށް އެ ފޯރމް ނެގިއެވެ. އެއީ އަހަރީ ޗުއްޓީ ފޯރމެކެވެ. އަލީފް ރާއްޖެއިން ބޭރަށް ދިއުމަށް އެދި ހުށައަޅައި ފޯރމެކެވެ. ބައްޕައަށް ފަރުވާކުރުމަށެވެ. ނަތާޝާގެ ބޮލުގައި އެނބުރިގަތީ އަލީފް ޚިޔާލަށް ގެއްލިފައި އިން ގޮތެވެ. އަލީފް ޚިޔާލަށް ގެއްލިފައި އެ އިނީ ބައްޕަ ބަލިވެގެން ކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ.

"ނަތާޝާ! ވަޒީފާއަށް ނިއު ގާރލްއެއް އެބައިން އައިސް." އޮފީސްތެރޭގައި ހުރި ކުއްޖަކު ނަތާޝާއަށް ގޮވައިލިއެވެ.

ނަތާޝާ ނުކުތީ އޮފީހުން ބޭރަށް ކައުންޓަރު ކައިރިއަށެވެ. އޭރު އަހްލާމް އެތަނުގައި ހުރި ގޮނޑިއެއްގައި ރީއްޗަށް އިށީދެލައިގެން އިނެވެ. ނަތާޝާއަށް ބަލައިލެވުނީ އަހްލާމްގެ ރީތި ސިފައަށެވެ. އޭނާގެ ތުނިތުނި ހަށިގަނޑަށެވެ. އެ ހެދި ހުރި އިސްކޮޅަށެވެ. ބައްޓަން ހަމަ ޗާލު ބައްޓަމަށެވެ. އެ ފަންފަން އިސްތަށިގަނޑަށެވެ. އިސްތަށިގަނޑުގެ ކުރި ރާޅެއްހެން އޮޅިފައި ހުއްޓެވެ. ބޮޑު ދެލޮލެވެ. ދިގު ދިގު ކަޅު އެސްފިޔަތަކެވެ. ފިޔާތޮށިކުލައިގެ ތުންފަތެވެ. ނަތާޝާގެ ހިތުގައި އަހްލާމްގެ ސޫރައާ މެދު ހަސަދަވެރިވެވުނީ އެފަދަ ރީތި ކަމަކަށް އޭނާ ބޭނުންވާލެއް ބޮޑު ކަމުންނެވެ.

"އަސަލާމް ޢަލައިކުމް!" ނަތާޝާ ފެނުމާއެކު އަހްލާމް ސަލާން ގޮވާލައި އަތް ދިއްކޮށްލިއެވެ.

"މަރުހަބާ!" ނަތާޝާ އަހްލާމާއި އަތް ޖޯޑުކޮށް ސަލާންކޮށްލިއެވެ.

"ޝުކުރިއްޔާ!" އަހްލާމް ނަތާޝާގެ ފަހަތުން ހިނގައިގަތީ ނަތާޝާގެ އަތުން އައުމަށް އިޝާރާތް ކޮށްލުމުންނެވެ.

"ވަރަށް ދެރަ! އަޅުގަނޑުމެންގެ ވެރިޔާ ހަމަ ދެންމެއަކު އެ ނުކުތީ ރާއްޖެއިން ބޭރަށް ފުރުމަށްޓަކައި. އަޅުގަނޑަށް ވިދާޅުވި އަހްލާމްގެ މަސައްކަތްތައް އަހްލާމާއި ހަވާލުކުރުމަށް."

"ލައްބަ!" އަހްލާމް ވާހަކަ ދައްކަމުން ދިޔައީ ވަރަށް އަދަބުވެރި ކަމާއެކުގައެވެ.

"މި ސެކްޝަނަކު އެހާ ގިނަ ކުދިންނެއް ނޫޅޭނެ." ނަތާޝާ އޮފީހުގެ ކުދިންނަށް އަހްލާމް ތަޢަރަފް ކުރަމުން ދިޔައެވެ. "އައި އެމް ނަތާޝާ ބަޓް ޔޫ ކޭން ކޯލް މީ ނަތާ! ދެން މިއީ ހަސަން. އެއިނީ ހުސެއިން. އެޓް ލާސް އަވަރ ބެސްޓް ބޯއީ ލުކްޝާން."

ލުކްޝާނަށް އަހްލާމްއާ ދިމާއަށް ބަލައިލެވުނެވެ. އަހްލާމްގެ އެ ހެދިހުރި ހަށިގަނޑުގައި ލުކްޝާން ވެސް ޖެހުނެވެ. އަޅައިގަތެވެ. ފުރަތަމަ ނަޒަރުންނެވެ. ލުކްޝާންގެ ޢާއްމު ދިރިއުޅުމުގައި ވެސް އަނގަ ގަދަވާނެއެވެ. އެހެނަސް އަހްލާމް ފެނި އޭނާގެ އަނގައިން ބަހެއް ނުނިކުމެ އިރުތަކެއް ވިއެވެ. ބުނާނެ އެއްޗެއް ސިކުނޑިއަށް ނޭނގުނީއެވެ. އަހްލާމް ފެނި ހިތުގެ ތެޅުން އަވަސްވީއެވެ.

"ހައި! އައި އެމް ލުކްޝާން ބަޓް ޔޫ ކޭން ކޯލް މީ ލޫކް. އޯ ލުކޭ އޯ ލޫކީ." އެންމެ ފަހުން ލުކްޝާން އަހްލާމާއި ދިމާއަށް އައިސް ސަލާން ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. "އިޓް ވުޑް ބީ މައި ޕްލެޝަރ ޓު ލިސެންޓް ދޯސް ނޭމްސް."

"ވައަލައިކުމް ސަލާމް!" އަހްލާމް ލުކްޝާންގެ އަތުގައި އަތްލުމުގެ ބަދަލުގައި ސަލާން ރައްދުކޮށްލިއެވެ.

"ސޮރީ! ނޭނގުނު." ލުކްޝާން ރަކިވެ، ސަލާން ކޮށްލުމަށް ދިއްކޮށްލެވުނު އަތް ނަގައި އޭނާގެ ގިރުވާނާ ހަމައަށް ދިގުކޮށްފައިވާ އިލި އިސްތަށިގަނޑު އޮމާން ކޮށްލިއެވެ.

"އެއީ މައްސަލައެއް ނޫން. ލުކްޝާން." އަހްލާމް ލުކްޝާނަށް ބަލަން ހުރެ ހިނިތުންވެލިއެވެ.

"އޯލްރައިޓް!" ލުކްޝާން ސިއްސައިގެން ދިޔައީ ނަތާޝާގެ ޖުމުލައިންނެވެ. "ލެޓްސް ގޯ! ނަތާގެ މޭޒު ކައިރީ އެ އިނީ އަހްލާމްގެ މޭޒު."

އަހްލާމް ނަތާޝާގެ ފަހަތުން ހިނގައިގަތެވެ. ލުކްޝާނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ހައިރާންވެފައެވެ. އަހްލާމްގެ އާދަޔާ ޚިލާފް ސިފައާއި ޖެހިލުން ކުޑަކަން ފެނިފައެވެ. އޭނާ ދިއްކޮށްލި އަތުގައި ހިފުމެއްނެތި ސަލާން ޤަބޫލުކުރުމުންނެވެ. އޭނާ ކިޔުމަށް އެދުނު ނަން ބޭނުން ނުކުރީމައެވެ. އެންމެ ފަހުން ދިން ތޫނު ހިނިތުންވުމުގެ ލުއިކަމުން ލުކްޝާންގެ ހިތް ދާނެއްގައި ބާއްވައި ދިން ފަދަ ވީމައެވެ.

އަހްލާމްގެ ސަބަބުން ލުކްޝާން ބަދަލުވި ފަދައެވެ. މުޅި ދުވަހު އޭނާ އިނީ އަނގައިން އެއްވެސް އެއްޗެއް ނުބުނެއެވެ. ތެދުވެ އުޅޭ މީހާ އިނީ އަމިއްލަ ގޮނޑީގައި ތަތްލަވާފައި އިންހެންނެވެ. ކޮންޕިއުޓަރުގެ ކީބޯރޑްގައި އިނގިލިތައް ހަރަކާތް ކޮށްލަނީ މަދުމަދުންނެވެ. އަދި އެހާމެ މަޑުމަޑުންނެވެ. އިރުއިރުކޮޅުން ކުރިމަތިން ފެންނަން އިންނަ އަހްލާމާގެ މޫނަށް ބެލުން ނޫން ކަމެއް އޭނާއަށް ނުކުރެވެއެވެ. އަދި އެއީވެސް އަހްލާމް ނުބަލައި އިންނަ ވަގުތުތަކުގައެވެ.

"ލުކްޝާން!" ލުކްޝާން ސިއްސައިގެން ދިޔައީ މީހަކު އޭނާއަށް ގޮވައިލުމުންނެވެ.

"އާނ! ކީކޭ؟" ލުކްޝާން ދެފަރާތް ދެފަރާތަށް ބޯ ހޫރުވައިލިއެވެ.

"ކިހިނެއްވީ؟ މިއަދު އޮފީހުން އައި ގޮތަށް ތިޔަ އިންނަނީ ސޯފާގައި؟ ކޮންމެ ވެސް ޚިޔާލަކަށް ގެއްލިފައި؟" ލުކްޝާންގެ މަންމަ ފަރީދާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންދިޔައީ އެއްވެސް ހުއްޓުމެއް ނެތިއެވެ. "އޮފީހުގައި ހިތްހަމަ ނުޖެހޭ ކަމެއް ދިމާވީތަ؟"

"ނޫނޭ މަންމާ. މިއަދު އޮފީހުގައި ބުރަކޮށް އުޅުނީމަ ވަރުބަލިވީ." ލުކްޝާން ކަރުގައި ބައްދައިފައި އޮތް ޓައިގެ ގޮށް މޮހައިލިއެވެ.

"އެހެންތަ! ދެން އަވަހަށް ތިތަނުން އާދޭ ކާން." ފަރީދާ ހެދުމުގެ އަތްކުރި އޮޅަމުން އޮޅަމުން ދިޔައީ ބަދިގެއާ ދިމާއަށެވެ.

ލުކްޝާން ދިޔަ ގޮތަށް ގޮސް ވަނީ ފާޚާނާއަށެވެ. މީހާގެ ބޮލަށް ކުރަމުންދާ ބާރު ކުޑަވޭތޯއެވެ. ބުރަކޮށް މަސައްކަތް ކުރަމުންދާ ހިތަށް ލުޔެއް ލިބޭތޯއެވެ. އެހެނަސް ފާޚާނާގެ މައިގަނޑުން ފައިބަމުން ދިޔަ ފެނުގެ ތެރެއިންވެސް ލުކްޝާނަށް ސިފަވަމުން ދިޔައީ އަހްލާމްއެވެ. ލޯ މަރައިލައި ކޮންމެ ފަހަރަކުމެ ފެންނަނީ އަހްލާމްއެވެ. އަހްލާމްގެ އެ ރީތި ސޫރައެވެ.

ކައި ނިމުމާއެކު ލުކްޝާން ވެއްޓިގަތީ އޭނާގެ ކިންގް ސައިޒްގެ އެނދު މައްޗަށެވެ. ކޮޓަރީގައި ޖައްސާފައި ހުރި ވައިފިނިކުރާ މަޑުކޮށްލީ ކޮޓަރި ތެރެއަށް ވެރިވަމުން ދިޔަ ތެތްފިނިކަމުގެ ސަބަބުންނެވެ. އެ ފިނިކަން ލުކްޝާނަށް އުދަނގޫ ކުރާ ކަހަލައެވެ. ލުކްޝާން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ.

އޮރެންޖް ކުލައިން ފަވާލެވިފައިވާ ޑިޒައިންތަކަށް އޭނާ ނަޒަރު ހުއްޓައިލައިގެން ކިތަންމެ އިރެއް ވަންދެއް ވެސް އޮވެދާނެއެވެ. އެ ޑިޒައިންގެ ތެރެއިން އޭނާއަށް ކޮންމެ ވެސް އެއްޗެއް ފެންނަނީއެވެ. ނޫނީ އޭނާގެ ސިކުނޑި ކޮންމެ ވެސް އެއްޗެއް ސިފަކޮށް ދެނީއެވެ. ދިރިއުޅުމުގައި ކުރިއަށް ހަޔާތް ބައްޓަން ކުރަންވީ ގޮތެވެ. ނޫނީ މޮޅު ރޭވުންތަކެވެ. ނޫނީ އެފަދަ އެހެން ޚިޔާލްތަކެކެވެ.

ލުކްޝާން ފޯނު ނަގައި ޓަޗް އިސްކިރީނުގައި އިނގިލި ދަމައިލައި ތަޅު ހުޅުވައިލިއެވެ. ލުކުޝާންގެ ލޮލުގައި އަޅައިގަތީ ފޯނަށް އަންނަމުން ދިޔަ އެކިއެކި މެސެޖްތަކެވެ. އެޔާއެކު އޭނާގެ ފޯނުގެ އިސްކިރީނުގައި އިން އަހްލާމްގެ ފޮޓޯ ފެނުނެވެ. އެއީ އަހްލާމްގެ ވަޒީފާ ބަޔާނުގައި ތަތްކުރުމަށް ދެވުނު ފޮޓޯގެ ފޮޓޮއެކެވެ. ފޯނުން ނަގާފައިވާ ފޮޓޯއެކެވެ. ލުކްޝާން އެ ފޮޓޯ ހޯދީ އެ ރީތި ކުއްޖާއަށް ނުބަލައި ނުނިދޭނިކަން ޔަޤީންވާތީވެއެވެ. އެކަމުގެ ތަޖުރިބާ އޭނާ އެތައް ގޮތަކަށް ކޮށްފައިވެއެވެ. އެހެނަސް އަހްލާމް ފެނުމުން ލުކުޝާނަށް ވީގޮތް ބުނެދޭން ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ.

ބަނޑުވަތަށް އޮވެދާނެއެވެ. ބުރަކަށިވަތަށް އޮވެދާނެއެވެ. އެނދުގައި ލެގިލައިގެން އިނދެދާނެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ދެކޮޅަށް އޭނާ ހިނގައިލަދާނެއެވެ. އަހްލާމްގެ ފޮޓޯ ފޯނުގެ އިސްކިރީނުން ފެންނަން ހުރުމުން ލުކުޝާނަށް އެންމެ ރަނގަޅެވެ. އެއީ އަހްލާމްގެ ފޮޓޮއިން އޭނާގެ ހިތަށް ހަމަޖެހުން ގެނެސްދޭތީވެއެވެ. ފޯނަށް އިރުއިރުކޮޅުން އެކި ކުދިން ފޮނުވަމުންދާ މެސްޖެތަކަށް ލުކްޝާން އެއްވެސް ފަރުވާލެއް ނެތެވެ. މިރޭ އެއްވެސް އަންހެންކުއްޖަކާ ވާހަކަދައްކައިގެން ލުކުޝާނަށް އުފަލެއް ނުލިބޭނެއެވެ. ވަގުތު ދުއްވައިލަން އޭނާ ޢާއްމުކޮށް ކުރާ އެ މަސައްކަތް މިރޭ އޭނާއަކަށް އެއްވެސް އެހީތެރިކަމެއް ވެސް ފޯރެއް ނުކޮށްދެވޭނެއެވެ.

"ގުޑް މޯރނިންގް!" ލުކްޝާން އޮފީހަށް އައީ ވަރަށް ނަލަ ހެދިގެންނެވެ.

ހާލަތު ނިޔާކުރި ގޮތުން ލުކްޝާންމެންގެ ސެކްޝަންގައި އިނީ ހަމައެކަނި އަހްލާމެވެ. އޭރު އަހްލާމް ކޮމްޕިއުޓަރުގައި އެއްޗެއް ލިޔަމުން ދިޔައެވެ. ލުކްޝާން ބުނި އެއްޗެއް އޭނާއަށް އިވުނުހެން ހިޔެއް ނުވެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ. އެކަމަށް ހުސްވެގެން އިނދެއެވެ.

ލުކްޝާން އަހްލާމާއި ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ފައިތިލައިން ފަށައިގެން ބޮލައި ހަމައަށެވެ. އޭނާގެ ލޯ ފެންކަޅިވިއެވެ. އެޔާއެކު ލުކްޝާނަށް ހިންދިރުވައިލެވުނެވެ. ހިކެމުން ދިޔަ ތުންފަތް ދުލުން ތެންމައިލެވުނެވެ. ގަދަކަމުންނެވެ. އެޔާއެކު ދެފަރާތަށް ބޯ ހޫރުވައިލައި އޭނާގެ ގޮނޑިއާ ދިމާއަށް ހިނގައިގަތެވެ.

އިރުކޮޅެއްވިހެން ހިޔެއް ނުވެއެވެ. ލުކްޝާން ހުރިތަނުގައި ހުއްޓުނެވެ. އެޔާއެކު އަލުން އަނބުރައި އަހްލާމާއި ދިމާއަށް ލުކްޝާން އައީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ލުކްޝާން އައި ގޮތުން ހީވީ ދެންމެ ދެންމެ ވެގެން އުޅޭ ގޮތް ކިޔައިދީފާނެ ހެންނެވެ. ސިކުންތަކުން ފެށުނު ލޯބީގެ ކުޅިވަރު އެއްފަހަރުން ނިންމަފާނެ ހެންނެވެ.

"އަހްލާމް. އަހްލާމް. އޭ އަހްލާމް."

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަޒޫ

    ހާދަ ދުވަހެއް ފަހުންނޭ މި ވާހަކަ ކިޔާލަން މި ލިބުނީ. ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ކިޔާލަން ލިބުނީތީ ވަރަށް އުފާ ވެއްޖެ..ވަރަށް ރީތި.......