ސޮނީ އެންޓަޓެއިންމެންޓްގެ ޕްރޮގުރާމުތަކުގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އެންމެ ކާމިޔާބު ޝޯއަކީ ކަޕިލް ޝަރުމާގެ މޮމެޑީ ޝޯއެވެ. މި ޝޯގައި މީހުންނަށްް ހަޖޫ ޖަހައި ކަމަށް ގިނަ ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އިންޑިއާގެ އެންމެ ގިނަ މީހުން ހާއްސަ ސަމާލުކަމެއް ދީގެން މި ޝޯ ބަލައެވެ.

ކޮވިޑް-19 އާ ގުޅިގެން ޝޯ މެދު ކެނޑިފައި އޮތުމަށްފަހު އަލުން ޝޯ ފެށި އިރު، މިދިޔަ ހޮނިހިރު ދުވަހު ޝޯގެ މެހުމާނެއްގެ ގޮތުގައި އައީ ޑައިރެކްޓަރު އަނުބަވް ސިންހާއާއި އެކްޓަރު މަނޯޖް ބާޖްޕާއީއެވެ. އަނުބަވް އާއި މަނޯޖް ޝޯގައި ބައިވެރިވެފައިވަނީ އެ މީހުންގެ އައު މިޔުޒިކް ވީޑިއޯ ޕްރޮމޯޓް ކުރުމަށެވެ.

މި ޝޯގެ އާޓިސްޓް ކީކޫ ޝާަރުދާ އާއި ކްރިޝްނާ އަބީޝެކް ދައްކުވައިދީފައިވަނީ ޖާނަލިސްޓެއް ކަމަށްވާ އަރްނަބް ގޯސްވަނީ ސުޝާންތުގެ މަރުގެ މައްސަލައާއި ޑްރަގު މައްސަލައާއި ގުޅޭގޮތުން ވަރަށް ހަރުކަށިކޮށް ސުވާލުކުރާ މަންޒަރެވެ. އަދި ޑްރަގުގެ މައްސަލައާ ގުޅޭ ގޮތުން ސަލްމާން ޚާނާއި ސުވާލު ކުރާ މަންޒަރާއި އޭގެ ޖަވާބުގައި ޑްރަގު ދިނުމަށް ސަލްމާން ޚާން ބުނާ މަންޒަރު ވެސް ޝޯގެ ބައިވެރިންވަނީ ރޯލު ޕްލޭއަކުން ދައްކުވައިދީފައެވެ.

މި މައްސަލައާ ގުޅިގެން ސުޝާންތުގެ ސަޕޯޓަރުން ބުނަނީ އަރްނަބްއަށް މިގޮތަށް ހަޖޫޖެހުމަކީ ސުޝާންތުގެ މަރަށް ވެސް ހަޖޫޖެހުން ކަމަށެވެ. އެހެންކަމުން ސުޝާންތު ސަޕޯޓަރުން ދަނީ ''ބޮއިކޮޓް ކަޕިލް ޝަރުމާ ޝޯ''ގެ ހޭޝްޓެގްގައި ޓްވީޓްތައް ކުރަމުންނެވެ.

މި މައްސަލައިގައި ރުޅި އައިސްފައިވާ ސުޝާންތުގެ ބައެއް ސަޕޯޓަރުން ބުނެފައިވަނީ ޓީއާރްޕީ މަތި ކުރުމަށް އެފަދަ ކަންތައްތައް ކުރިނަމަވެސް މަރުވެފައިވާ މީހަކާއި ބެހުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ބުނެފައެވެ.

ކަޕިލް ޝަރުމާ ޝޯއަކީ ސަލްމާން ޚާން ޕްރޮޑިއުސްކޮށް ކަޕިލް ޝަރުމާއާއި އޭނާގެ ޓީމުން ހުށަހަޅައިދޭ ޕްރޮގުރާމެކެވެ.