ކިޑްނީގެ ބަލިތައް ވަނީ ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އާންމުވެފައެވެ. ކިޑްނީ ފެއިލް ވުމަކީ މީހާގެ ފުރާނަ އަށް ވެސް އެންމެ ފަހުން ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ބަލިމަޑުކަމަކާއި ކުރިމަތިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރުންގެ ލަފާ ހޯދަން ޖެހެއެވެ.

މިލިޔުމުގައި މިގެނެސްދެނީ "ވްމެންސްހެލްތު" ވެބްސައިޓްގައި ކިޑްނީގެ މައްސަލައެއް ދިމާވެއްޖެނަމަ އަންހެނުންނަށް ފެނިދާނެ ކަމަށް ބުނެފައިވާ ބައެއް އަލާމާތްތަކެވެ.

ކުޑަކަމުދާއިރު ތަދުވުން

ކުޑަކަމުދާއިރު ވަރަށް ގަދަ ތަދެއް އިހްސާސް ކުރަން ޖެހުމަކީ ކިޑްނީގެ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ޔޫރިން އިންފެކްޝަން އަކަށް ފަރުވާ ކުރުމުގެ އިތުރުން އެކަމާއި ބެހޭ ގޮތުން ޑޮކްޓަރާއި އިތުރަށް މަޝްވަރާ ކުރުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ.

ގިނައިން ކުޑަކަމުންދާން ޖެހުން

ދުވާލަކު ވިއްސަކަށް ފަހަރު ކުޑަކަމުދާން ޖެހޭ ނަމަ އެއީ ވެސް މައްސަލައެކެވެ. ކުޑަކަމުންދާން ބޭނުންވެ ނަމަވެސް ރަނގަޅަށް ކުޑަކަމުނުދެވޭ ކަމުގެ އިހްސާސް ކުރެވޭނަމަ އެކަމާއި ބެހޭ ގޮތުން ޑޮކްޓަރަކާއި އަވަހަށް މަޝްވަރާ ކުރުން ވަރަށް މުހިންމެވެ.

ކުއްލިއަކަށް ކުޑަކަމުދާން ބޭނުންވުން

ކުއްލިއަކަށް ކުޑަކަމުންދާން ބޭނުންވުން މިއީ ވެސް ނުރައްކާތެރި އަލާމާތެކެވެ.

ހުން އައުން

ކުއްލިއަކަށް ގަދައަށް ހުން އަންނަ ނަމަ އެންޓިބައެޓިކެއް ގޭގައި ނަގައިގެން ހުރުން އެއީ ރަނގަޅު ކަމެއް ނޫނެވެ. ކިޑްނީ ބަލި މީހުންނަކީ ވެސް ވަރަށް ގަދައަށް ހުންނަ އަންނަ ބައެކެވެ. އެހެންކަމުން ގަދައަށް ހުން އަންނަ ނަމަ ޑޮކްޓަރަށް ދެއްކުން ލަސްނުކުރާށެވެ. އަދި އިތުރު މައްސަލައެއް ހަށިގަނޑުގައި ހުރެދާނެ ކަމަށް ބަލާ ޑޮކްޓަރަކާއި މަޝްވަރާކޮށް އިތުރު ޓެސްޓްތައް ވެސް ހަދާށެވެ.

އުނަގަނޑުގައި ރިއްސުން

އުނަގަނޑުގައި ވަރަށް ގަދައަށް ހާއްސަކޮށް މަސްގަނޑުގެ އެތެރޭގައި މާބޮޑަށް ރިއްސާ ކަމުގެ އިހްސާސް ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ހޮޑުލެވުން

ސިއްހީ އިތުރު މައްސަލައެއް ހުރިކަން ފާހަގަ ނުކުރެވި ކުއްލިއަކަށް ހޮޑުލެވޭނަމަ އެކަމަކީ ވެސް ކިޑްނީގެ މައްސަލައަކާއި ގުޅުން ހުރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ލަސްނުކޮށް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

ކުޑަކަމުދިއުމުގެ އިތުރު މައްސަލަތައް

ކުޑަކަމުދާއިރު ނުބައި ވަހެއް ދޮވުން ނުވަތަ ކުޑަކަމުންދާއިރު ލޭ ހުންނަ ނަމަ އެއީ ވެސް ނުރައްކާތެރި އަލާމާތެކެވެ. އެހެންކަމުން ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ކިޑްނީގައި މައްސަލައެއް އުޅޭނަމަ އިތުރު އަލާމާތްތަކެއް ވެސް ފެނިދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ޝައްކު ކުރެވޭ ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމެވެ.