މިދިޔަ ޖޫން މަހު އެކްޓަރ ސުޝާންތު ސިންގ ރާޖްޕޫތް އޭނާގެ މުމްބާއި އެޕާޓެމްންޓުގައި ދަންޖެހިފައިހުއްޓާ ފެނުނު ހިސާބުން އެތައް ބަޔަކު ވަނީ އޭނާގެ މަރާއި މެދު ސުވާލު އުފައްދާފައެވެ.

އަދި ސުޝާންތުގެ މަރައި ގުޅުވައިގެން ދެކެވޭ ވާހަކަތަކާއި އެކު ސުޝާންތުގެ ލޯބިވެރިޔާ ރިޔާ ޗަކްރޮބަދީއަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އެގޮތުން ސުޝާންތު އަށް ނުފޫޒު ފޯރުވުމާއި އޭނާ އަށް ގަދަކަމުން ބޭސް ދިނުން ފަދަ ކަންކަމުގައި ރިޔާ އަށް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

މީގެ އިތުރުން ބޮލީވުޑްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯރކެއް އޮތްކަން މި މައްސަލައިގެ ތެރެއިން ވަނީ ފަޅާ އަރާފައެވެ. އެގޮތުން ސުޝާންތު ސިންގ އާއި ސާރާ އަލީ ޚާން އަދި ދިޕިކާ ފަދަ ތަރިން ޑްރަގް ބޭނުން ކުރާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް ލަވަކިޔުންތެރިޔާ އަދި ބީޖޭޕީ މެމްބަރު އަނުޕް ޖަލޯތާ ވަނީ މި މައްސަލަ އަށް މީހުން ސަމާލުކަން ދޭވަރުން އެއީ ޤައުމީ މައްސަލައެއްހެން ހީވާ ކަމަށެވެ.

އެހެންނަމަވެސް އެއަށް ވުރެ މުހިންމު މައްސަލަތައް އިންޑިއާގައި އެބަ ހުރި ކަމަށާއި، އެކަންކަމާއި މެދު ވާހަކަ ނުދެކެވެނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދިއެވެ.

އަދި ސުޗާންތުގެ މަރާއި ގުޅިގެން މީހުން މުޒާހަރަކުރާތީ އެކަމަށް ވެސް އަނުޕް ވަނީ ފާޑުކިޔާފައެވެ.

އޭނާ ވަނީ އެއީ ޖަޒުބާތުގައިި ޖެހިގެން ހިންގާ ކަމެއްކަމަށް ބުނެފައެވެ.

67 އަހަރުގެ އަނުޕް ވަނީ ސުޝާންތު އާއި ދިމާވި ކަމަށާއި، އޭނާއަކީ ރަނގަޅު މީހެއްކަމަށް ބުނެފައެވެ.

އެހެންނަމަވެސް އޭނާ އަށް އިންސާފު ހޯދާ ދިނުމަކީ ޤައުމީ މައްސަލައެއް ނޫން ކަަަމަށް އަނުޕް ވަނީ ތަކުރާރުކޮށް ބުނެފައެވެ.