ބައިގެން ދިޔުމާއި ވިހެއުމުގެ ތެރޭގައި ދަރިފުޅު މަރުވުމަކީ ވެސް ގިނަ މީހުންނަށް ކުރިމަތިލާންޖެހޭ ކަމެކެވެ. މާބަނޑުވުމާއި ގުޅިގެން މުޅި މީހާގެ ދިރިއުޅުމަށާއި ހަށިގަނޑަށް އެތައް ބަދަލުތަކެއް އާދެއެެވެ. ތަފާތު އެތައް ކަންތައްތަކެއް ތަހައްމަލު ކުރަން ޖެހެއެވެ. އެހެންކަމުން މިކަމާއި ގުޅިގެން ވީހާަވެސް ގިނަ ކަންތައްތަކެއް ބަލައި ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.

މާބަނޑުވުމާައި ދަރިފުޅު ބައިގެން ދިޔުން ފަދަ ކަންތައްތަކާއި ބެހޭގޮތުން ކަމުގެ މާހިރުން މި ބުނާ ކަންތައްތައް އެނގޭ ހެއްޔެވެ؟

  • 12 ވަނަ ހަފުތާގެ ފަހުން ވެސް ބައިގެން ދެއެވެ.

ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ ބައިގެން ދަނީ މާބަނޑުވުމުގެ ފުރަތަމަ 12 ހަފުތާގައި ކަމަށެވެ. ''ބޭބީ ލޮސް ކައުންސެލިން''ގެ ސީއީއޯ ކަރެން ބާގެސް ބުނެފައިވަނީ 12 ވަނަ ހަފުތާއާއި 24 ވަނަ ހަފުތާގެ ތެރޭގައި ވެސް ބައިގެން ދާނެކަމަށެވެ. ނަމަވެސް 24 ވަނަ ހަފުތާގެ ފަހުން ނަމަ އެ ވާނީ ވިހެއުމުގެ ކުރިން ކުއްޖާ މަރުވީ ކަމަށެެވެ.

  • ނޭނގި ވެސް ބައިގެން ގޮސްފާަނެއެވެ.

ކުރިން ބައިގެން ދިޔުން ތަޖުރިބާ ކޮށްފައިވާ މީހަކަށް މިކަންވުމުގެ ކުރިން ފެންނަ އަލާމާތްތަކުން އެެކަން އެނގޭނެއެވެ. ނަމަވެސް އެކަން ތަޖުރިބާ ކޮށްފައިނުވާ މީހަކަށް ނޭނގިވެސް ބައިގެން ގޮސްފާނެއެވެ.

''މިސްޑް މިސްކަރޭޖު'' ނުވަތަ ''ސައިލެންޓް މިސްކަރޭޖު''އަކީ ނޭނގި ހުއްޓައި ބައިގެން ދިޔުމެެވެ. މިހެން ދިމާވަނީ ދަރިފުޅު ބަނޑަށް މަރުވި ނަމަވެސް ''ޕްރެގުނަންސީ ހޯމޯންސް''ތައް މަސައްކަތް ކުރާތީއެވެ.

  • ވިހެއުމުގެ ތެރޭގައި ދަރިފުޅު މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ.

ޑރ. ކުލިއާ ހަރމާ ބުނެފައިވަނީ ވިހެއުމުގެ ތެރޭގައި، ނުވަތަ ވިހެއުމުގެ ކުރިންނާއި ފަހުން ދަރިފުޅު މަރުވެދާނެކަމަށް ގިނަ ބަޔަކަށް ހިއެއްނުވެއެވެ. މާބަނޑު ދުވަސްވަރުގެ ފަހު މަރުހަލާގައި ދަރިފުޅު ސަލާމަތުން ރައްކާތެރިކަމާއިއެކު އޮތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް މިކަންކަން މަދު ކުރުމަށް ވެސް އެޅިދާނެ ފިޔަވަޅުތަކެއް ހުރިކަމަށް ޑރ. ކުލިއާ ފާހަގަ ކުރައްވާފައިވެއެވެ.

  • ކޮންމެ މާބަނޑު މީހަކާއި ދަރިފުޅު ބައިގެން ގޮސްފައިވާ މީހަކުވެސް ކުރަންޖެހޭ ތަޖުރިބާ ތަފާތުވާނެއެވެ.

''މިސްކަރޭޖެ އެސޯސިއޭޝަން''ގެ ރުތު ބުނެފައިވަނީ ބައިގެންދާ ކޮންމެ މީހަކު ވެސް އެކަމާއިމެދު ދެކޭގޮތް ތަފާތުވާނެ ކަމަށެވެ. ބައެއް މީހުން އެކަމާއި ހާސްވެގެން އުޅޭއިރު ބައެއް މީހުން އެއީ ވާނެކަމެއްކަމަށް ގަބޫލުކޮށްލައެވެ. ފިލުމުތަކުން މިކަންކަން ދައްކާއިރު ދެވޭ ނުރަނގަޅު މެސެޖުގެ ސަބަބުން ވެސް ބައެއް މީހުން ހާސްވެގެން އުޅޭކަމަށް ރުތު ފާހަގަކޮށްފައިވެއެވެ.