ޕްރިންސް ހެރީ މެގަން ކެލްއާއި ކައިވެނި ބައްލަވައިގެންނެވި ހަފްލާގައި ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ ނެތުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތާމަކަން ޕްރިންސް ހެރީ ބުނެފިއެވެ.

މިދުނިޔޭގައި ނެތްނަމަވެސް، އެކަމަނާއަށްޓަކައި ޚާއްސަކޮށް އެކައިވެނީގައި ހުސް ގޮނޑިކޮޅެއް ޕްރިންސް ވިލިއަމް އާއި ޖެހިގެން ހުރީ ބަހައްޓާފައެވެ.

މީގެ 20 އަހަރު ކުރިން ފްރާންސްގެ ވެރިރަށް ޕެރިހުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވިއެވެ. ޑަޔާނާ ފަސްދާނުލީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ޑަޔާނާ ފާހަގަކޮށްލެވެނީ އިންސާނިއްޔަތަށް ހިދުމަތްތެރި ބޭކަނބަލެއްގެ ގޮތުގައެވެ.

އަވަހާރަވި ނަމަވެސް، އެކަމަނާގެ ހިދުމަތް ފާހަގަކޮށްލެވޭ ފޮޓޯތައް އަދިވެސް ދަނީ ދައުރުވަމުންނެވެ.

އެންގޭންޖްމެންޓަށްފަހު މޭގަން ބުނެފައިވަނީ ޕްރިންސް ހެރީ އެންމެ ގިނައިން ކޮށްފައިވާ ފިކުރަކީ އޭނާގެ އެއްވެސް ހިތާމައެއްގައި އަދި އުފަލެއްގައި ވެސް އޭނާގެ މަންމާފުޅަށް ބައިވެރި ނުވެވޭތީ ކަމަށާއި ނަމަވެސް ހެރީގެ އެހިތާމައިގާ ބައިވެރިވަން ކަމަށެވެ.

މި ޝާހީ ކައިވެނި ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު އިނގިރޭސިވިލާތުގެ މަގުތަކަށް ނިކުތްއިރު ޓީވީގެ ޒަރިއްޔާއިން މިލިއަނެއްހާ މީހުން ވަނީ މި ރަސްމިއްޔާތު ބަލާފައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ޕްރިންސް ފިލިޕް އާއި ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމްގެ އިތުރުން އަނބިކަނބަލުން ކޭޓް މިޑިލްޓަން އާއި މެގަންގެ މަންމަ އާއި އާއިލީ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނަމަވެސް މި ރަސްމިއްޔާތުގައި މެގަންގެ ބައްޕަ ބައިވެރިވެފައެއް ނުވެއެވެ. އޭނާ އަށް ބައިވެރިނުވެވުނީ ސިއްހީ ހާލަތު މިވަގުތު ހުރި ގޮތުންނެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި މަޝްހޫރު ގިނަ ފަރާތްތަކެއް ވެސް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން އާމާލް ކްލޫނީ އާއި އޮޕްރާ ވިންފްރީ އާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް ހިމެނެއެވެ.

އަދި މެގަން މާކަލް އެންމެ ބޮޑަށް ވިދާލި އެއް ޓީވީ ސީރީޒް ކަމަށްވާ "ސޫޓްސް" ގެ ގިނަ އަދަދެއްގެ ތަރިން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.