ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތް މިދިޔަ ޖޫން މަހު ދަންޖެހުމާއެކު ބޮލީވުޑްގައި ހިނގާ ނުރަނގަޅު އެތައް ކަމެއް އޭނާގެ މަރުގެ ތަހުގީގުގެ ތެރެއިން ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ބޮލީވުޑަށް ކުރިމަތިވެފައިވާ ޑްރަގުގެ ބަލިމަޑުކަމުގެ ތަފްސީލްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު މަޝްހޫރު އެތައް ތަރިންނެއް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާކަން މިހާތަނަށް ފެންނަން ހުރި މައުލޫމާތުތަކުން އެނގެއެވެ.

ފޮރުވިފައިވާ އެެތައް ކަމެއް މި ތަހުގީގުތަކުން ހާމަވަމުންދާ އިރު ޑްރަގްގެ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑު ކިޔުންތަކެއް ވެސް ދަނީ މި ތަރިންނަށް އަމާޒުވަމުންނެވެ.

ސުޝާންތުގެ މަރާ މެދު ލޯބިވެރިޔާ ރިއާ ޗަކްރޮބަދީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިރު އޭނާއަކީ ޑްރަގްގެ މައްސަލައިގައި ވެސް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެކެވެ.

އެގޮތުން ރިއާ އާއި، ދިޕިކާ ޕަޑުކޯން، ރަކުލް ޕްރީތް، ޝްރަދާ ކަޕޫރް ފަދަ ތަރިންނާއި މި މައްސަލައިގައި އިންޑިއާގެ ނާކޮޓިކްސް ބިއުރޯއިން ވަނީ ސުވާލުކޮށްފައެވެ.

އަދި 15 މީހެއްގެ ފޯނު ހިފަހައްޓާ އެ ފޯނުތައް ފޮރެންސިކް އަށް ފޮނުވަން ވެސް ނާކޮޓިކްސް ބިއުރޯއިން ވަނީ ނިންމައިފައެވެ.

ފޯނު ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ދިޕީކާގެ މެނޭޖަ ކަރިޝްމާ ޕްރަކާޝް، ޓެލެންޓް މެނޭޖަރު ޖަޔާ ޝާހް، އަދި ދިޕީކާ އާއި ރިއާ ވެސް ހިމެނެއެވެ.

މީގެ އިތުރުން ޑްރަގުގެ މައްސަލައިގައި ހިމެނޭ އެއް ތަރިންގެ ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އާއި ޝްރަދާ ކަޕޫރުވެސް ހިމެނެއެވެ. ސާރާ ވަނީ މި މަހުގެ 26 ވަނަ ދުވަހު ތަހުގީގަށް އެންސީބީއަށް ހާޒިރުކޮށްފައެވެ.. އަދި އޭނާގެ މޯބައިލް ފޯނާއި ބޭންކު އެކައުންޓުތަކާއި ކުރެޑިޓް ކާޑުގެ ތަހުގީގުތައް ވެސް ދަނީ އެންސިބީއިން ކުރަމުންނެވެ.

ޝްރަދާގެ ފޯނު ހިފެހެއްޓިކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.