މައިކަލް މައިލާ ނަމަކަށް ކިޔާ މީހަކު އޭނާގެ ޔޫޓިއުބު ޗެނަލަށް، މި މަހުގެ 14 ވަނަ ދުވަހު ލާފައިވާ އެއް މިނިޓުގެ ވީޑިއޯ ދަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ.

މި ވީޑިއޯގައި ދައްކައިދެނީ މައިކަލްގެ އަންހެނުން މަކެންނާ ޓްރެކްގައި ދުވާ މަންޒަރެވެ. އެއިރު މަކެންނާ ބަނޑަށް 9 މަސް ވެއްޖެއެެވެ.

މި ވީޑިއޯ ހިއްސާކުރަމުން މައިކަލް ބުނެފައިވަނީ މަކެންނާގެ ބަނޑަށް ދެ މަހުގައި ބެޓެއް ކުރީ ކަމަށެވެ. އެއީ މަކެންނާގެ ބަނޑަށް ނުވަ މަހުގައި 8 މިނިޓް ތެރޭގައި 1.6 ކިލޯ މީޓަރަށް ދުވެފިނަމަ 100 ޑޮލަރު ދިނުމަށެވެ.

އެހެންކަމުން މަކެންނާގެ ބަނޑަށް ނުވަމަސްވުމުން މި ބެޓު ފުރިހަމަ ކުރުމަށްޓަކައި ދުވާ ޓުރެކަށް ގޮސް ނަގާފައިވާ މި ވީޑިއޯ ފެށުމުގައި މައިކަލް ވާހަކަ ދައްކައެވެ. އެއަށްފަހު ޓްރެކުގައި ދުވަން ހުރި އޭނާގެ އަންހުނެން ދައްކާލައެވެ.

8 މިނިޓް ތެރޭގައި 1.6 ކިލޯ މީޓަރަށް ދުވަން ބެޓު ކުރެވިފައިވީ ނަމަވެސް މަކެންނާ 1.6 ކިލޯ މީޓަރަށް ދުވެ ނިންމާފައިވަނީ 5 މިނިޓް ތެރޭގައެވެ. އެއީ ބެޓު ކުރެވުނު ވަގުތަށްވުރެ 3 މިނިޓް ކުރިންނެވެ.

މަކެންނާ 5 މިނިޓް ތެރޭގައި ދުވެ ނިންމުމުން މައިކަލްގެ އިތުރުން ވީޑިއޯ ބެލި ފަރާތްތަކުން ވެސް ވަނީ އަޖައިބުވެފައެވެ. އަދި މަކެންނާއަށް އޭނާގެ ފިރިމީހާ ދޭން ބުނި 100 ޑޮލަރު ވެސް ހައްގުވީއެވެ.

މި ވީޑިއޯ ޔޫޓިއުބުގައި ހިއްސާ ކުރުމުން އެތައް ބައެއްގެ ތައުރީފު ދަނީ މަކެންނާއަށް ލިބެމުންނެވެ. އަދި 6000 ވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލައިފައެެވެ.

މި ވީޑިއޯ ބެލި ފަރާތްތަކުން ބުނެފައިވަނީ މަކެންނާއަކީ ''އަޔަން ލޭޑީ''ކަމުގައެވެ. އަދި އެއީ އަންހެނުންގެ ބާރު ދައްކުވައިދޭ ކަމެއްކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު