ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑުގެ ހުނަރުވެރި ބަތަލް އަމީތާބު ބައްޗަން އޭނާގެ އިންސްޓަގުރާމުގައި ޕޮލިޝްގެ ރޮކްލޯ ސިޓީގެ ފޮޓޯއެއް ހިއްސާކޮށް އެ ސިޓީގެ އެއް ސަރަހައްދަށް އޭނާގެ ބައްޕަގެ ނަމުން ނަން ދެވުމަކީ އެ އާއިލާއަށާއި އިންޑިޔާއަށް ލިބޭނެ ޝަރަފެއް ކަމަށް ބުނެފިއެވެ.

މި ސިޓީގެ ވަކި ހިސާބަކަށް އަމީތާބުގެ ބައްޕަ، އިންޑިޔާގެ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ ހަރިވަންޝް ރާއި ބައްޗަންގެ ނަން ދިނުމަށް ޕޮލެންޑުން ނިންމާފައިވާ ނިންމުމަކީ ޝަރަފެއްކަމަށާއި އަދި އިންޑިޔާގައި ފާހަގަ ކުރާ ފެސްޓިވަލެއް ކަމަށްވާ ދުސޭރާގެ ދުވަސްވަރު މިކަންވުމަކީ އޭނާއަށް އިތުރު އުފާވެރިކަމެއް ގެނެސްދޭ ކަމެއްކަމަށް ވެސް އަމީތާބު ބުނެފައިވެއެވެ.

އަމީތާބަށް ލިބުނު މި އުފަލުގައި ބައިވެރިވުމުގެ ގޮތުން ފިލުމު އިންޑަސްޓްރީގެ އެތައް ފަންނާނުންނެއް ދަނީ އޭނާއަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ. އޭގެތެރޭގައި ރަންވީރު ސިންގ، ސުނިލް ޝެޓީ، ޝަމިތާ ޝެޓީ، އަހާނާ ކުމާރު ފަދަ އެތައް ފަންނާނުން ހިމެނެއެވެ. ފިލުމު އިންޑަސްޓްރީގެ އިތުރުން އަމީތާބުގެ އެތައް ސަޕޯޓަރުންނެއް ވެސް އޭނާގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން އޭނާއަށް މަރުހަބާގެ މެސެޖުތައް ދަނީ ފޮނުވަމުންނެވެ.

ރޮކްލޯ ސިޓީގެ ސަރަހައްދަކަށް އަމީތާބުގެ ބައްޕަގެ ނަން ދިނުމަށް ޕޮލެންޑުން ނިންމާފައިވާކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އަމީތާބު ވަނީ ބުނެފައެވެ. މި އުފާވެރި ޚަބަރާއި އެކު އަމީތާބުގެ އިހްސާސްތައް ހާމަކޮށްދިނުމަށް އޭނާގެ ބައްޕަގެ ހަނދާންތައް އައު ކުރަމުން އިންސްޓަގުރާމުގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

އަމީތާބު ބުނެފައި ވަނީ އޭނާ އަކީ ގައުމުތަކުން ޝަރަފު ދޭވަރުގެ މީހެއް ނޫން ކަމަށާއި ނަމަވެސް އޭނާގެ ބައްޕަ އަށް ގައުމުތަކުން ޝަރަފު ދޭވަރުވާ ކަމަށެވެ.

މޮޅު ޅެންވެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އަމީތާބުގެ ބައްޕަ މަރުވީ 2003 ވަނަ އަހަރު އެވެ.