ސްކޮޓްލޭންޑުގެ މަޝްހޫރު ފިލްމީ ތަރި އަދި އޮރިޖިނަލް ”ޖޭމްސް ބޮންޑް“ގެ ގޮތުގައި މަޝްހޫރު ވެފައިވާ ޝޯން ކޮނެރީ އިއްޔެ މަރުވެއްޖެއެވެ.

އުމުރުން 90 އަހަރުގެ ޝޯން މަރުވިކަނަ އޭނާގެ އާއިލާ އިން މިއަދު ހާމަކޮށްފައިވާއިރު، ޖޭމްސް ބޮންޑުގެ ފިލްމުތައް އުފައްދާ އިއޯން ޕްރޮޑަކްޝަންސް އިންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. މިއާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްޓަރުންނާއި ޝޯންގެ ފޭނުން އަންނަނީ އޭނާ އަށް ތައުޒިޔާ ކިޔަމުންނެވެ.

”ޝޯން އާއި އެކު ސެޓުގައި ހޭދަ ކުރާ ކޮންމެ ދުވަހަކީވެސް އެކްޓު ކުރަންވީ ގޮތުގެ ރަނގަޅު ފިލާވަޅެއް ލިބޭ ދުވަހެއް. އޭނާ އަށް ލިބިފައި ވަނީ އަޖައިބެއް ފަދަ ހުނަރެއް“ އެކްޓަރ ސެމް ނީލް ޓްވީޓު ކޮށްފައިވެއެވެ.

އެންމެ ފުރަތަމަ ޖޭމްސް ބޮންޑުގެ ދައުރު އަދާކުރި ޝޯން އެ ފިލްމުގެ އިތުރުން އޭޖެންޓް 007 އާއި އިންޑިއާނާ ޖޯންސް ފަދަ އެތައް މަޝްހޫރު ފިލްމުތަކެއްގައި ލީޑް ރޯލު އަދާ ކޮށްފައިވެއެވެ.

ޝޯންގެ ޙިދުމަތްތަކަށް އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒެބަތު ވަނީ 2005 ވަނަ އަހަރު އޭނާ އަށް ނައިޓްހުޑްވެސް އަރުވާފައެވެ. މިއީ އިނގިރޭސި ވިލާތުގައި ރާނީގެ ފަރާތުން ލިބޭ އެންމެ މަތީ އެއް ޝަރަފުކަން ފާހަގަކޮށްލެވެއެވެ.

ޝޯންގެ އާއިލާ އިން ހާމަ ކޮށްފައިވާ ގޮތުގައި އެ ގައުމުގައި ވައިރަހުގެ ކަންކަން ހަމައަކަށް އެޅުމުން ޝޯން އަށް ހާއްސަ ޖަނާޒާ އެއް ބާއްވާނެކަމަށާއި އަދި ވަޅުލެވޭ ގޮތް ނުވާ ކަމަށެވެ.