'އަކުއާމެން 2' އިން އެމްބާ ހާޑް ވަކިކުރުމަށް 9 ލައްކައަށްވުރެ ގިނަ މީހުންގެ ސޮޔާއި އެކު ޕެޓިޝަނެއް ހުށައަޅައިފި އެވެ.

އަކުއާމެން 2 ގެ މޭރާގެ ރޯލު ކުޅޭނެ ކަމަށް ހާޑް ބުނުމާއި ގުޅިގެން ގިނަ ބަޔަކު އޭނާ އެ ފިލްމުން ވަކިކުރަން ޕެޓިޝަންގައި ސޮއިކުރަމުން ގެންދަނީ ޖޯނީ ޑެޕް އާއި ޖައްސާލާފައި ހުންނާތީ ކަމަށް މީޑިޔާތަކުގައި ބުނެފައި ވެއެވެ. ޖޯނީ ޑެޕް އާއި ހާޑް އާއި ޖެހުނު މައްސަލައަކާއި ގުޅިގެން 'ފެންޓަސްޓިކް ބީސްޓް 3' އިން ޖޯނީ ޑެޕް ވަކިކުރުމާއި ގުޅިގެން ޖޯނީ ޑެޕްގެ ސަޕޯޓަރުން ދަނީ މީސް މީޑިޔާގައި ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

ޑެޕް އަކީ ހާޑް ގެ ކުރީގެ ފިރިމީހާއަށް ވާއިރު ހާޑް ޖޯނީ ޑެޕް އާއި ދިމާލަށް އެއްޗިހި ކިޔާ އޯޑިޔޯއެއް ލީކުވެ ޖޯނީ ޑެޕް ކުޅެން ހަމަޖެހިފައިވާ ރޯލުން ވަކިކުރަން ނިންމުމުން އެކަމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުދެކޭ އެތައް މީހުންނެއް އެބަ ތިއްބެއެވެ. އަދި ޖޯނީ ޑެޕް ވަކި ކުރުމުން އެ ފިޔަވަޅު ހާޑް އަށް ވެސް އަޅަން މިލިއަނެއްހާ މީހުން ބޭނުންވާކަން މިހާރު ވަނީ ޔަގީންކުރެވިފަ އެވެ.

ހާޑް އަކީ ޑެޕް އަށް އަނިޔާ ކުރާ މީހެއްގެ ގޮތުގައި ވެސް ބެލެވިފައިވާއިރު އޭނާ ވަނީ ޖޯނީ ޑެޕްގެ މޫނުގައި ދެފަހަރެއްގެ މަތީން ވަކި އަޅައި ރާފުޅިއަކުން ޖަހައި ޖޯނީ ޑެޕްގެ އިނގިލިވެސް ކަނޑާފަ އެވެ.

2016 ވަނަ އަހަރު ޑެޕް އާއި ހާޑް ވަރިވުމަށްފަހު ޖޯނީ ޑެޕް އަށް އެތައް ތުހުމަތެއް ހާޑް ދަނީ ކުރަމުންނެވެ. އެގޮތުން އޭނާ ބުނަނީ ޖޯނީ ޑެޕް އޭނާ އަށް ބިރުދައްކައި އަނިޔާކުރާ ކަމަށެވެ. އަދި ހާޑް ގެ ފިލްމީ ކެރިއަރު ކުރިއަށް ގެންދަން ހުރަސް އަޅާކަމުގެ ތުހުމަތުތައްވެސް ޖޯނީ ޑެޕްގެ މައްޗަށް އޭނާ ވަނީ ކޮށްފަ އެވެ. ޖޯނީ ޑެޕް އާއި ދެކޮޅަށް ހާޑް ލިއުނު އެއްޗަކާއި ގުޅިގެން ޖޯނީ ޑެޕް ވަނީ ހާޑްގެ މައްޗަށް އަބުރާ ބެހުމުގެ ދަޢުވާވެސް ކޮށްފަ އެވެ.

ޑެޕް ފެންޓާސްޓިކް ބީސްޓް 3 ގައި ކުޅޭ ރޯލުން އޭނާ ދުރުކުރުމުން ޖޯނީ ޑެޕް އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 10 މިލިއަން ޑޮލަރު އެ ފިލްމު ހަދާ ފަރާތުން ދޭން ޖެހޭނެ އެވެ. މުސާރައިގެ ގޮތުގައި މި ޢަދަދަށް އޭނާ ލިބޭނެ ގޮތަށް ކަނޑައަޅާފައި ވަނީ 'ޕްލެއި އޯ ޕޭއި ސްޓިޕިއުލޭޝަން' ގެ އުސޫލުންނެވެ. މި ފިލްމުގައި ޑެޕް ހިމެނުމަށް 100،000 އަށްވުރެ ގިނަ މީހުންގެ ސޮޔާއި އެކި ޕެޓިޝަނެއްވެސް ވަނީ ހުށައަޅާފައި އެވެ،

އަކުޔާ މެން 2 އިން ހާޑް ވަކިކޮށް އެ ފިލްމުގައި އޭނާ ކުޅޭ ރޯލުން ގޭމްސް އޮފް ތްރޯންގެ ތަރި އެމީލިއާ ކްލާކް ކުޅެން ބައެއް ފަރާތްތަކުން ދަނީ އެދެމުންނެވެ. އެފަރާތްތަކުން ބުނަމުން ގެންދަނީ އެމީލިއާ ކްލާކް އަކީ އެ ރޯލު ކުޅެން އެންމެ ކަމުދާ މީހާ ކަމަށެވެ. ހާޑް ގެ މައްޗަށް 2009 ވަނަ އަހަރުވެސް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކޮށް އޭނާ ހައްޔަރުވެސް ކޮށްފައި ވެއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.