ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ޕީއާރް ހެޑަކަށް މަޝްހޫރު މީސް މީޑިއާ ޕިންޓްރެސްޓްގެ ކޮމިއުނިކޭޝަން ހެޑްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ކްރިސްޓީން ޝީމާ ހަމަޖައްސައިފިއެވެ.

ކްރިސްޓީން ވަނީ ޕިންޓްރެސްޓްގައި މަސައްކަތް ކުރުމުގެ ކުރިން މަޝްހޫރު އެޕަލް ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރުގެ މަގާމު ވެސް ފުރާފައެވެ. އޭގެ ކުރިން އޭނާ ވަނީ ނިއުޔޯކްގެ ޑިޕްޓްމަންޓް އޮފް އެޑިއުކޭޝަންގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ޕީއާރް ހެޑަކަށް ކްރިސްޓީނާ ހަމަޖެއްސީ މިދިޔަ އޮކްޓޯބަރ މަހު ކަމަށް ވެއެވެ. ތަޖުރިބާކަރުން ބޭފުޅަކު ޕްރިންސް ހެރީގެ ދެކަނބަލުންގެ ޕީއާރް ހެޑަކަށް އައްޔަން ކުރީ ދެބޭފުޅުން އުފައްދާފައިވާ ފައުންޑޭޝަންގެ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދީ ފައުންޑޭޝަން އާއި ގުޅޭ ކަންކަން ކުރުމަށް ކަމަށް ވެއެވެ.

ކްރިސްޓީނާގެ އިތުރުން އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ޖޭމްސް ހޯލްޓް ވެސް ހެރީގެ ދެކަނބަލުންގެ ޕީއާރް ޓީމްގައި ދެން މަސައްކަތް ކުރައްވާނެއެވެ.

މޭގަން އާއި ހެރީގެ ދަރިކަލުން އާޗީގެ ނަމަށް ނިސްބަތްކޮށް އުފައްދާފައިވާ "އާޗީވެލް" ފައުންޑޭޝަންގެ ވެބްސައިޓް ވަނީ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު ލޯންޗް ކޮށްފައެވެ. ކޮވިޑް-19 ސަބަބުން ދުނިޔެ އަށް ދިމާވެފައިވާ ހާލަތުން އަރައިގަނެވުމާއިއެކު ފައުންޑޭޝަންގެ މަސައްކަތްތައް ފުޅާކުރަން ހެރީގެ ދެކަނބަލުން ގެންދަނީ ރޭވުންތައް ރާވަމުން ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހެރީ އާއި މޭގަން ފުރަތަމަ ބައްދަލުވީ ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ތެރެއިން ކަމަށް ވެއެވެ. އޭގެ ފަހުން ދެބޭފުޅުންގެ ގުޅުން ބަދަހިވެ ކައިވެނި ކުރެއްވީއެވެ.