(އަށްވަނަ ބައި)

އަހްލާމްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ނަތާޝާގެ އަމަލުތައް ހުރި ގޮތުންނެވެ. ހީވަނީ އަހްލާމް ހެކިކޮށް އެމީހަކު ގާތުގައި ނަތާޝާ ލޯބިވާ ވާހަކަ ބުނެފާނެ ހެންނެވެ. މަޑުމަޑުން ގޮނޑީގައި އިން މީހަކު ނަތާޝާއާއި އަހްލާމާ ދިމާއަށް އެނބުރެމުން ދިޔައެވެ. އަހްލާމަށް ހިންދިރުވައި ލެވުނެވެ. ލޯ ތަންމިނަށް ހުޅުވައިލިއެވެ.

"އަހްލާމް!" އަލީފަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އަލީފް!" އަހްލާމަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

"ސަރއަށް އަހްލާމް އެނގޭތޯ؟" ނަތާޝާ ހުރީ ހައިރާންވެފައެވެ.

"އަ... އާ..." އަލީފަށް ވާހަކަދެއްކުނީ ގަދަކަމުންނެވެ.

"އެހެންވީމާ، އިތުރު އިންޓްރޮޑަކްޝަނަކަށް ބޭނުމެއްނުވާނެ ދެއްތޯ؟" ނަތާޝާ އަލީފްގެ މޭޒު ކައިރީގައި ހުރި ގޮނޑި އަހްލާމް އިށީނުމަށް ދަމައިލިއެވެ.

އަހްލާމް އިތުރު އެއްޗެކޭ ނުބުނެ އިށީނެވެ. އޭރުވެސް އަހްލާމްގެ ބޮލުގައި އެނބުރެމުން ދިޔައީ ނަތާޝާ ބުނި ޖުމަލައެވެ. ނަތާޝާގެ ހިތް އެދޭ ކުއްޖާ ދެއްކުމަށް ބުނެ އަލީފް ދެއްކުމުން އެކާމާ ދޭތެރޭގައި އަހްލާމަށް ވިސްނެނީއެވެ. އެކާމާ ދޭތެރޭގައި ފިކުރު ހިންގެނީއެވެ. އެއީ އަހްލާމް އެކަމަށް އެދިއެދި ހުރި ކަމަކަށް ވުމުންނެވެ. އަހްލާމްގެ ހިތް މަޑުމަޑުން ވިރެމުން ދިޔައެވެ. ވެގެން ދިޔަ ކަންކަމުން އޭނާގެ ހިތަށް ތަދުވަނީއެވެ. ހިތްދަތިވަނީއެވެ.

"އަހްލާމް! ކިހިނެއްތޯ؟" އަލީފް އަހްލާމާއި ދިމާއަށް ބަލައިލީ ހިނިތުންވެ ހުރެއެވެ. "މިހާރު ނަތާޝާ އަހްލާމްގެ މަސައްކަތްތައް ހަވާލުކޮށްފި ދެއްތޯ؟"

"އަޅުގަނޑު ރަނގަޅު." އަހްލާމްގެ ޖަވާބު ކުރުވެފައި ނިކަން ސާދާއެވެ. "ލައްބަ! ހަވާލުކޮށްފި."

"މިތަނާއި އެންމެ ކައިރީގައި އެ ހުރި މޭޒް އެއީ އަހްލާމްގެ ކެބިންއަކީ. އެކަމަކު އަދި އެތަން އެއްކޮށް ނުނިމި ހުރީމަ ވަގުތީ ގޮތުން ނަތާޝާގެ މޭޒު ކައިރީ ތި އިންވަންޖެހެނީ." އަލީފް ބޭރަށް އިޝާރާތްކުރުމަށްފަހު ނަތާޝާއާ ދިމާއަށް ބަލައިލިއެވެ. "ނަތާޝާ، އެންމެ ރަނގަޅު މަސައްކަތަށް އެނބުރި ދިޔަޔަސް."

އަލީފްގެ ޖުމުލައިން ނަތާޝާގެ މޫނުމަތީގައި މީހަކު ޖެހިހެން އޭނާއަށް ހީވިއެވެ. އަހްލާމާއި އަލީފް އެކަހެރިކޮށްފައި ދިޔުން އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އަލީފް އަހްލާމާއި ވާހަކަދައްކަމުން ދިޔަލެއް މަޑުމޮޅިކަމުން ނަތާޝާ ހިތް ބިރުގަންނަނީއެވެ. އަލީފްގެ ހިތުގައި އަހްލާމްގެ ރީތި ސިފަ ކުރެހުން އެއީ ނަތާޝާ ބޭނުންވާ ގޮތެއް ނޫނެވެ. އަލީފްގެ ހިތުގައި ކުރެހެންޖެހޭނީ ނަތާޝާގެ ސޫރައެވެ. ލިޔެވިފައި އޮންނަން ޖެހޭނީ ނަތާޝާގެ ނަމެވެ. އެއީ ނަތާޝާ ބޭނުންވާ ގޮތެވެ. ހިތް އެދޭ ގޮތެވެ.

"އަހްލާމް ވަޒީފާއާ ދޭތެރޭގައި ހިތްހަމަޖެހޭތޯ؟" އަލީފް ގޮނޑީގައި ހަމަޖެހިލައި އިސްޖަހައިގެން އިން އަހްލާމްގެ ރީތި މޫނަށް ނަޒަރު ހިންގައިލިއެވެ.

"ލައްބަ!" އަހްލާމަށް އިސް އުފުލައިލާ ބަލައިލާކަށް ނުކެރެއެވެ.

އަހްލާމްގެ ހިތުގައި އެނބުރެމުން ދިޔައީ އެއްމެ ޖުމުލައެކެވެ. އެއީ ނަތާޝާގެ ޖުމުލައެވެ. އެ ޖުމުލައިން އޭނާ ކުރި ހުރިހާ އުއްމީދެއް ވިއްސި ވިހާލިވީއެވެ. ދިރިއުޅުމުގައި ކުރިއަށް ދިއުމަށްޓަކައި ކޮށަމުން ދިޔަ މަގު ދޫކޮށް އެހެން މަގެއް ކޮށަން މަޖުބޫރުވީއެވެ.

"ކިހިނެއްތޯވީ؟ އެހާ މަޑުމަޑުން އިންނަވާތީވެ..؟" އަހްލާމް އިސްޖަހައިގެން އިންނާތީވެ އަލީފް ކުޑަކޮށް ހާސްވިއެވެ.

"އަޅުގަނޑުތޯ؟ ކަމެއް ނުވޭ." އަހްލާމް އަލީފާއި ދިމާއަށް އިސް އުފުލައިލާ ބަލައިލީ ގަދަކަމުންނެވެ.

"އެއްވެސް ކަމެއް ދަތިކަމެއް އޮތީޔާ އަންގާލާތި!" އަލީފަށް އިތުރަށް ދައްކާނެ ވާހަކައެއް ބޮލަކަށް ނައެވެ. "އެންމެ ރަނގަޅު މަސައްކަތަށް އެނބުރި ދިޔަޔަސް."

"ޝުކުރިއްޔާ!" އަހްލާމް ހީވީ އެތަނުން ނުދެވިފައި އިން ހެންނެވެ.

އަހްލާމް ހަލުއިކަމާއެކު އޭނާގެ މޭޒު ކައިރިއަށް ދިޔައެވެ. އޭރު ނަތާޝާ އެތަނުގައި ނެތްކަން އެއީ އޭނާގެ ނަސީބޭ ހިތަށް އެރިއެވެ. އޭނާގެ މޭޒުގައި ހުރި ޓިޝޫފޮށިން ދެތިން ޓިޝޫ ހިފައިގެން އަހްލާމް ދިޔައީ ފާޚާނާއަށެވެ. ފާޚާނާގެ ދޮރު ލައްޕައި އަހްލާމް ލޯގަނޑަށް ބަލައިލިއެވެ. އެޔާއެކު އޭނާގެ ލޮލުން ކަރުނަތައް ހިފުހެއްޓުމެއްނެތި ރަތްކުލަ އަރައަރައި ހުރި ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. އަހްލާމަށް ގިސްލެވޭ ގޮތްވިއެވެ. ދެތިން ދުވަހު ފެނުނު އަލީފާއި މެދު ކުރެވުނު އުއްމީދުތައް ފުނޑު ފުނޑުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

"އަހްލާމް! ވެއަރ ހޭވް ޔޫ ބިއިން؟" އަހްލާމް ފާޚާނާއިން ނުކުތުމުން ނަތާޝާ ދުވެފައި އަހްލާމްގެ ގާތަށް ދިޔައެވެ. "ފެނިއްޖެދޯ؟ ކިހިނެއްވަނީ؟"

"ތިބުނީ؟" ނަތާޝާ ދެއްކިވާހަކައެއް އަހްލާމަކަށް ނޭނގުނެވެ.

"މިބުނީ ނަތާގެ ބޯއީފްރެންޑް. ނޮޓް ބޯއީފްރެންޑް، މޯރ ލައިކް މައި ކުރަޝް." ނަތާޝާ ހުރީ ހިތް އަވަސްވެފައެވެ.

"އަލީފް ނަތާޝާ ދެކެ ލޯބިވޭތަ؟" އަހްލާމްގެ ހިތުގައި އޮތް ސުވާލު ހިތުން ބޭރުކޮށްލިއެވެ.

"ޔޭސް. ނޯ. ނޮޓް ރިއަލީ. އެކަމަކު އަލީފް އުޅޭ ގޮތުން ހީވޭ ހީ ލަވްސް މީ ހެން." ނަތާޝާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއް ބައެއް ފަހަރަށް ނުވެސް އެނގެއެވެ.

"އެހެންތަ!" އަހްލާމް އިހުނަށްވުރެއް ދެރަވިއެވެ.

"ސޯ. ވިލް ޔޫ ހެލްޕް މީ؟" ނަތާޝާ ދެ ލޯ ބޮޑުކޮށް ފެންކަޅިވެފައި އަހްލާމްގެ މޫނާ ދިމާއަށް ދެއަތް ދެއަތާއި ވެހައިލައި އާދޭސްކުރިއެވެ.

"އަހްލާމް ތިކަހަލަ ކަންކަމަށް އެހާ މޮޅެއް ނުވާނެ." އަހްލާމް އެކަމުގައި އެއްވެސް ގޮތަކަށް ޖެހޭކަށް ބޭނުމެއް ނުވެއެވެ.

"ދެން ޕްލީސް. ޕްލީސް. އަހްލާމް އިސް ހިސް ސެކެރަޓަރީ. ޔޫ ކޭން ގެޓް ކުލޯސް ޓު ހިމް އެންޑް ޑޫ ދަ މެޖިކް." ނަތާޝާ އެއްގޮތަކަށް ވެސް ގޮތް ދޫނުކުރިއެވެ.

"އޯކޭ. ބަލައިނަން އަޅުގަނޑަށް އެކަން ކޮށްދެވޭތޯ. އެކަމަކު ނޯ ޕްރޮމިސެސް." އަހްލާމް ވާހަކަދެއްކީ ވަރަށް ނޫން ގޮތަކަށެވެ.

"އަހަރެންނަށް ދެން ނުވާނެ މިކަމެއް." އަހްލާމް އޮތީ އެނދުމަތީގައެވެ. "އޮފީހެން ކެނޑެން މި ވިސްނަނީ."

"އެކަމަކު އަހޫ. ތި ދެން ކޮން ގޮތެއް." ނަފާޒާ އުޅުނީ އަހްލާމަށް ވިސްނައިދެވޭތޯއެވެ. "އޮފީހަށް ވަނީވެސް މަންމަމެނަށް ފައިސާ ހަމައަށް ނުފޮނުވޭނެތީނުން. ދެން އޮފީހުން ކެނޑުނީމަ ކިހިނެއް އަހްލާމް ކިޔަވާނީ؟"

"ތިކަން އެނގޭ ނަފާ. އެކަމަކު އަހަރެންގެ ހިތަށް ކިހިނެއް ކުޅަދާނަވާނީ ނަތާޝާއާ އަލީފް ޖަހައި ސަކަރާތް ބަލަން ހުންނަން." އަހްލާމްގެ ލޯ ހުރީ ފެންކަޅިވެފައެވެ. "ބަލާކަށެއް ވެސް ނޫން. ނަތާޝާ ވޯންޓް ޓު އިންވޮލްވް މީ އޮން ދިސް މެސް."

"ހިތްވަރުކޮށްލާ! އަދި ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ އަހޫ." ނަފާޒާ އަހްލާމްގެ ގާތުގައި އިށީނެވެ. "ތިއީ ހިތްވަރު ގަދަ ކުއްޖެއްނުން."

"ތެންކްސް ނަފާ. އަހަރެން ވަރަށް ޓުރައި ކުރަން ބޮލުން އަލީފް ނެރެން ވެސް." އަހްލާމްގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. "އެކަމަކުވެސް. އައި ގޭވް މައި ހާރޓް ޓު ދެޓް ސްޓްރޭންޖަރ."

"ގެޓް އިޓް ބެކް!" ނަފާޒާ އަހްލާމަށް ހިތްވަރު ދިނެވެ.

"ކިހިނެއް އަތުލާނީ؟" އަހްލާމަށް އެކަން ކުރެވޭނެ މަގެއް ނުފެނެއެވެ.

"ކޮންމެ ވެސް ގޮތަކުން." ނަފާޒާ ފުންކޮށް ވިސްނަމުން ދިޔައެވެ. "ހިތްވަރުކޮށްފައި ތިއުޅޭ ނަތާޝާއަކަށް އަލީފް ސެޓްކޮށް ދިނީމަ ހީވޭ އަހޫ އޯކޭ ވާނެހެން."

"އެކަމަކުވާ! އަހަރެން ކޮންތާކުން ތިޔަ ހިތްވަރެއް ނެރޭނީ!" އަހްލާމް އެނދުމަތިން ތެދުވެ އެނދުގައި ފައި ވަށްކޮށްލައިގެން އިށީނެވެ.

"އަހަރެންގެ ފަރާތުން ދޭނަން ކޮންމެ ވެސް ވަރެއްގެ ހިތްވަރެއް. އޯކޭ އެއްނުން." ނަފާޒާ އަހްލާމްގެ ބުރަކަށީގައި ފިރުމައިލިއެވެ. "އެހެން ނޫނަސް އަލީފަށް ނޭނގޭނެ އަހްލާމް އޭނާ ދެކެ ގަޔާވާ ކަމެއް. މާ ގަޔާވާ ނޫން ކަމަށް ހެދިގެން އުޅުނީމަ މިކަން ވާނެ."

"އައި އެމް ނޮޓް ޝުއަރ. އެކަމަކު އެކަން ވޭތޯ ބަލައިނަން." އަހްލާމް ހިތުގައި އައު އަޒުމެއް ކަނޑައެޅިއެވެ.

ސައިންސް ފެކްލްޓީގެ ނާމާދުކުރާ ކޮޓަރިން އަހްލާމް ނުކުތީ ދުވަހުގެ މަޣްރިބް ނަމާދުކޮށްފައެވެ. ކިޔެވުމަށް ހަމަޖެހިފައިވާ ގަޑިއަށް މުދައްރިސް ހާޒިރުނުވާތީވެއެވެ. ދެން އޮތް ގަޑިއަށް ތައްޔާރުވުމަށްޓަކައި އަހްލާމް ދިޔައީ ފެކްލްޓީ ތެރޭގައި ހުރި ބެންޗަކަށެވެ. މިހާ ހިސާބަށް ދީފައި ހުރި ފިލާވަޅުތައް ބަލައިލުމަށެވެ. ދުވަހުން ދުވަހަށް މުދައްރިސް ނަގައިދޭ ފިލާވަޅުތައް ދަސްކުރުން އެއީ އަހްލާމް ކާމިޔާބުވުމުގެ އެއް ސިއްރެވެ.

އަހްލާމް އެފޮތް އެނެއް ފޮތަށް ނަޒަރު ހިންގަން އިނީ އެކަނިމާ އެކަންޏެވެ. ކިޔެވުމުގައި ހޭދަވި ދެ ހަފްތާ ދުވަހުގެ ތެރޭގައި ރަޙްމަތްތެރިވި ނިޒޫ ކުލާހަށް ނައުމުގެ ސަބަބުންނެވެ. އެހެން ނޫނީ ފިލާވަޅުތައް ދަސްކުރަން އިންނާނީ ނިޒޫއާ އެކުގައެވެ. އަހްލާމްގެ އެންމެ ރަޙްމަތްތެރި ނަފާޒާ ކިޔަވަނީ ވިޔަފާރީގެ މާއްދާތައް ކަމުން އެ ފެކްލްޓީއިން ނަފާޒާއަކާ ދިމައެއް ނުވާނެއެވެ. އަހްލާމް އެ ހިޔާލްތަކުގައި އިނދެ އެއްލި ކަޅިން އަޅައިގަތީ ދުރުގައި ހުރި ބެންޗެއްގައި އޭނާއާ ދިމާއަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން އިން އެއްފުރައިގެ ފިރިހެންކުއްޖެކެވެ. އަހްލާމްގެ ހިތުގައި އުފެދުނު ސުވާލަކީ އެއީ ކާކުބާވައެވެ؟

(ނުނިމޭ)