އަހަރެން އެންމެ ކުޑައިރުއްސުރެންވެސް އުޅެން ބޭނުންވީ މާލެ ނޫން ކޮންމެވެސް އެހެންތަނެއްގައެވެ. ރާއްޖެތެރޭގައި ތިބޭ ކުދި ކުދިރަށްތަކުގައި އުޅެލަން ދެވޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރީމެވެ. އަހަރެންނަކީ ފުރިހަމަ މާލޭ މީހެއްކަމުންނާއި މުއްސަނދި މައިންބަފައިންނަށް ލިބިފައިހުރި ހަމައެކަނި ދަރިކަމުން އަބަދުވެސް ލިބޭ ކޮންމެ ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް މަންމަމެންނާއެކު އަހަރެން ދަމެވެ. އަބަދު ރާއްޖެއިން ބޭރަށް ދާތީ އަހަރެން ހުންނަނީ ވަރަށް ފޫހިވެފައެވެ. މަންމަމެން ކުރެން ކައިރި ރަށަކަށް ދާން އެދުމުން ބުނަނީ އެމީހުންނަށް ނުދެވޭނެ ކަމަށާއި މާޒް ބޮޑުވި ދުވަހަކު އަމިއްލައަށް ދިއުމަށެވެ. އެހެންކަމުން އަހަރެން ކެތްކޮށްގެން ހުރީ އަހަރެންގެ އުމުރުން 18 އަހަރު ވަންދެންނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންނަށް މިހުރެވުނީ ގދ އަތޮޅުގެ ކޮންމެވެސް ރަށެއްގައެވެ. މިއީ ވަރަށް މީހުން މަދު ކުޑަ ރަށެއްކަމަށް އަހަރެންނަށް ވަނީ އެނގިފައެވެ. އަހަރެންނަށް ރަނގަޅީވެސް މީހުން މަދިއްޔާއެވެ. އަހަރެންގެ ރައްޓެހި އާދިމްއާއެކު އާދިމްގެ ރަށަށް މިއައީ އާދިމް ހުރުމުން އަހަރެންނަށް މިރަށުގައި އުޅެލަން ފަސޭހަވާނެތީއެވެ. ދޯނިން ފައިބައިގެން އަހަރެން އާދިމްގެ ފަހަތުން ހިގައިގަތީ އެގެއާ ދިމާލަށް ދިއުމަށެވެ. ދިޔަމަގުމަތީގައި ރަށުގެ އެކި ދިމަދިމާލަށް އަހަރެންގެ ލޯ ދަތުރުކުރިއެވެ. މިޒަމާނުގެ ފެންވަރަށް ހަދާފައިވާ ދެތިންގެ ފެނުނުނަމަވެސް ދެން ފެންނަންހުރީ ވީރާނާވެ ހަލާކުވެފައިވާ ގެތަކެވެ. އެއްވެސް ގޯއްޗެއްގެ އިންފާރެއް ނެތްއިރު ރަށުތެރޭގައި ހެދިފައި ހުރި ގަސްތަކާއި ވެޔޮތަކުގެ ފަތްތައް މުޅި މަގުމަތީގައި ވެއެވެ.

ދިހަވަރަކަށް މިނެޓްފަހުން އަހަރެމެންނަށް އާދިމްގެ ގެއާ ހަމައަށް އާދެވުނެވެ. އެގެއަކީވެސް އެހާ ފެންވަރަށް ހަދާފައި ހުންނަ ގެއެއްނޫނެވެ. އަހަރެންނަށް ރަނގަޅީވެސް އެފަދަ ގެއެކެވެ. އަހަރެންނާއި އާދިމް ތިބެނީ އެއްކޮޓަރިއެއްގައެވެ. ގެއަށް ވަދެވުނު އިރު އާދިމްގެ މަންމަހުރީ މެންދުރަށް ކާން ތައްޔާރުކޮށްފައެވެ. މޭޒުކައިރިއަށް ގޮސް ބަލާލުމުން އަހަރެންގެ ކުޅު ދިޔާވިއެވެ. ފައްކާ ދިވެހި ކެއުމެކެވެ. ބަތާއި ގަރުދިޔަ، ރިހާކުރު، ތެލުލި ފަތް، ސަޓަނި، ފިހުނު މަސް، ތެލުލިމަސް، މިހެން ގޮސް ނަން ހުސްނުވާނެހާ ގިނަ ބާވަތްތައް ތައްޔާރުކޮށްފައި ހުއްޓެވެ. އަހަރެންނަށް މިކަހަލަ ކެއުމެއް މާލޭގައި ހުންނައިރު ލިބެނީ ވަރަށް ހާލުންނެވެ.

ކައިގެން އާދިމްގެ ގޭގެ ބޭރުގައި ހައްދާފައިވާ ޖޭމްގަހެއްގެ ދަށުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އަހަރެމެން ދެމީހުން ޖައްސާލީމެވެ. އެކި އެކި ވާހަކަ ދައްކަން ތިއްބައި އާދިމް ދައްކަންފެށި ވާހަކައަކުން އަހަރެންގެ ސަމާލުކަން ހުއްޓުނީ އާދިމްއަށެވެ.

"މާޒް ކައިރީގައި ބުނެވުނުތަ މިރަށު ކުއްޖެއް މީގެ ދެދުވަސް ކުރިން ގެއްލުނު ވާހަކަ؟"

އަހަރެން ނޫނެކޭ ބުނެލީމެވެ.

"ނުބުނެވޭ ދޯ. ހުމްމް އެފެންނަނީނު ގެއެއް. ރަތް ފުރާޅެއްލާފައި. އެގޭގައި އުޅޭ އަށާރަ އަހަރުގެ އަންހެންކުއްޖާ ގެއްލިގެން ހޯދާ ހޯދާވެސް ނުފެނޭ" ދުރުން ފެންނަން ހުރި ގެއެއް ދައްކާލަމުން އާދިމް ބުންޏެވެ.

"މީހަކަށް ނުވެސް ފެނޭތަ؟ ކިޑްނެޕް ކޭސްއެއްތަ؟" އަހަރެން ވަރަށް ގަޔާވެގެން އަހާލީމެވެ.

"ނޭނގޭދޯ. މިއޮއް ކުޑަ ރަށުގަ އެކަމާ ގުޅިގެން ނުބަލާކަށް ގެއެއްނެތް. ހަމަ ހުރިހާ ތަނެއް ބަލައިފި. ވަލުތެރެވެސް. އެކަމަކުވެސް ނުފެނޭ" އާދިމްވެސް އަހަރެންނާއި ދިމާލަށް އެނބުރިލަމުން ބުންޏެވެ.

އެދުވަހު ހަވީރު ސައިބޮއެގެން އާދިމް ދިޔައީ އާދިމްގެ ކްލާސްކުދިންތަކަކާއި ބައްދަލުކުރާށެވެ. އަހަރެން ބޭނުންވީ އާދިމްމެންގެ ގެއާ ދިމާލުން ވާތްފަރާތަށް ވާގޮތަށް ފެންނަން ހުރި ބިޔަގަސްތަކުގެ ތެރެއިން ލާފައި ދެވެން އޮންނަ ތުނޑިމަތި ބަލައިލަން ދާށެވެ. އާދިމް އާދޭސްކުރުމުންވެސް އަހަރެން އާދިމްއާއެކު ނުދިޔައީ އެހެންވެގެންނެވެ. އާދިމް ދިއުމުން އަހަރެން ކުޑަކޮށް މޫނު ދޮވެލައި ތައްޔާރުވެލައިގެން ކުރު ސޯޓަކާއި ޓީޝާޓެއް ލައިގެން ނުކުތީ މިބުނި ދިމާލަށް ދިއުމަށެވެ.

ގަސްބޯ ވިނަގަނޑެއް ހުރަސްކޮށްލާފައި އަހަރެންނަށް ނުކުމެވުނީ ވަރަށް ރީތި ތުނޑިއަކާ ދިމާލަށެވެ. އުފަލުން ވީނުވީއެއްވެސް ނޭނގުނެވެ. ފައިވާން އަތަށް ނަގައިގެން ދުވެލާފައިގޮސް އަހަރެން އިށީނީ ތަންކޮޅެއް ދުރުގައި ހުރި ދޮންވެލިގަނޑުމަތީގައެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީ ލިބުނު އަރާމަކުންނެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އަހަރެން އިންދާ އަހަރެންގެ ގައިގެ ފުރަގަހުން ފިޔާތޮށިކުލައިގެ ދޯޕައްޓާއެއްފަދަ ފޮތިކޮޅެއް ވަޔާ ވިހުރިގެން އަހަރެންގެ ގައިގައި ޖެހެން ފެށިއެވެ. ޔަޤީނުންވެސް އަހަރެންގެ ފަހަތުގައި މީހަކު އެބަހުއްޓެވެ. އަހަރެން މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލީމެވެ. ނަމަވެސް އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އެކަން މާބޮޑުކަމަކަށް ނަހަދައި އަނެއްކާވެސް ކުރިމައްޗަށް އެނބުރިލީމެވެ. ދެން ފެނުނީ ތުނޑިކައިރިން މޫދުދޮށުގައި އަންހެން ކުއްޖެއް ހިނގާލާފައި އަހަރެން އިން ދިމާލަށް އަންނަ ތަނެވެ. އެފަދަ ރީތިކަމެއް އަހަރެން މިއިން ދުވަހަކުވެސް ނުދެކެމެވެ. ލާފައިވާ ފިޔާތޮށިކުލައިގެ ހެދުމުގައި ހުރި ކުލަ އެމޫނުން ފެންނަން ހުއްޓެވެ. ވަޔާއެކު ވިހުރެމުންދާ އިސްތަށިގަނޑު އެކުއްޖާގެ މޫނަށް ކުދި ގޯނާ ކުރުމުން އަތް އުފުލާލާފައި އެއިސްތަށިކޮޅުތައް ކަންފަތުގެ ފަހަތަށް ލައްވައި ގައިދުކޮށްލައެވެ. އާޝޯހުވެ ބަލަން އިން މާޒަށް ހޭވެރިކަމެއްވީ އެކުއްޖާ އައިސް ކައިރީގައި ހުއްޓިލުމުންނެވެ.

"ތިއީ އަހަރެން އިށީންނަ ތަން" އެކުއްޖާ ރަކިގޮތަކަށް ބުނެލިއެވެ.

"ނަމެއް ނެތް ޖަހާފަ މިތަނުގަ" އަހަރެންވެސް ޖަވާބު ދިނީމެވެ.

"އެންމެ ރަނގަޅުތަ އަހަރެން މިތަނުގައި އިށީނަސް؟" އެކުއްޖާ އަހަރެންގެ ހުއްދައަށް އެދިލުމުން އެންމެ ފުރަތަމަވެސް އަހަރެންގެ ސިކުނޑިއަށް އައީ މިހެންނެވެ.

"ސޯ ޗީޕް"

އަހަރެންގެ ހިތަށް ވެރިވި އެއްޗެއްގެ އޭނައަށް އިނގުނީ ކަންނޭނގެއެވެ. އަހަރެންގެ ލޮލަށް ބަލަހައްޓައިގެން އިނުމަށްފަހު ލުއި ގޮތަކަށް ހީލުމަށްފަހު އަހަރެންނާއި ޖެހިގެން ކަހަލަ ގޮތަކަށް އޭނަ އިށީނދެއްޖެއެވެ.

"ކޮން ނަމެއް ކިޔަނީ" އަހަރެން ސުވާލުކޮށްލީމެވެ.

"ރޫނާ. ތިއީ މާޒްދޯ؟" އަހަރެންގެ މޫނުމަތި ފުސްވެގެން ދިޔައީ މިއީވާ ކުޅަދާނަ ކުއްޖެކޭ ހިތަށް އެރުމުންނެވެ. ރަށަށް އަރައިގެން އަދި ބާރަ ގަޑިއިރު ނުވެއެވެ. ނަންވެސް ހޯދާލައިފިތާއެވެ.

"ހެހެ. އަހަރެންގެ ގެކައިރީގައި ހުންނަ ގެއެއްގައި އުޅޭތީ ނަން އެނގުނީ. އަހަރެން ތިގެ ކައިރިންލާފައި ދިޔަ ގަޑިއެއްގައި އާދިމްއާއި މާޒްއާ ވާހަކަދައްކަން ތިބީ. އެހެންވެ އެނގުނީ" ރޫނާ އަހަރެންގެ ހިތުގައި އޮތް ސުވާލުގެ ޖަވާބު ދިނެވެ.

އެކަމަކު އަހަރެމެން އެޖޯލީގައި ތިއްބާ އެއްވެސް މީހެއް އެހެންދިޔަ ހަނދާނެއް އަހަރެން ނުވެއެވެ. އަހަރެންނަށް ނުފެނުނީ ކަމަށްވެދާނެއެވެ.

"އެހެންތަ؟ މިތަނަށް އަންނަންތަ ވަރަށް ގިނައިން؟" އަހަރެން ރޫނާއާ ދިމާލަށް ބަލާލަމުން އަހާލީމެވެ. ރޫނާ އޭރު އިނީ ދުރުން ފެންނަންހުރި މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"އާނ ކޮންމެ ދުވަހަކު އަންނަން. ކޮއްކޮ ގޮވައިގެން. އެކަމަކު މިހާރު ދެން އަބަދު މިއުޅެނީ މިތާ" ރޫނާގެ ޖަވާބުން އަހަރެންގެ ހިތުގައި އިތުރު ސުވާލުތައް އުފެދެން ފެށިއެވެ.

"އެއީ؟ އަބަދު ކީއްވެ؟"

"އެއީ ދެން ހުރިގޮތެއްނު. ދެން ގޮސްލީއޭ. މާދަންވެސް އުޅޭނަން މިތާ. މާޒް އަންނަންޏާ ފެނިލައްޗޭ" މިހެން ބުނެ އިތުރަށް މަޑުކުރުމެއްނެތި ރޫނާ ދުވެލާފައިގޮސް ވަނީ އެއްކަލަ ބޯ ވިނަގަނޑު ތެރެއަށެވެ. ހަމައެވަގުތު މަޢްރިބް ނަމާދުގެ ބަންގީގެ އަޑު އަހަރެންނަށް އިވުނެވެ. އިތުރަށް އެތަނުގައި އިންނަން އަހަރެންވެސް ބޭނުންނުވުމުން އެއްކަލަ ވިނަގަނޑު ތެރެއިން ލާފައި މަގުމައްޗަށް ނުކުމެ ގެއާ ދިމާލަށް ހިގައިގަތީމެވެ.

އެރޭގައި އާދިމްއާއި ދިމާވުމުން އަހަރެން އާދިމްކުރެން އެއްކަލަ ގަޑީގައި ޖޯލީގައި ތިބިއިރު އެހެންލާފައި ކުއްޖެއްދިޔަތަން ދެކުނިންހޭ އެހުމުން އާދިމްބުނީ އާދިމްއަށްވެސް ނޭނގޭކަމަށެވެ. އަހަރެން އިތުރަށް ސުވާލެއްނުކޮށް ރޭގަނޑު ކައިގެން ނުކުމެލީ އެރަށުގައި ހުންނަ ފިހާރައަކަށް އާދިމްއާއެކު ގޮސްލުމަށެވެ. އަހަރެމެން ދިޔައީ ގެއްލިގެން އުޅޭ އަންހެން ކުއްޖާގެ ގެކައިރިން ލާފައެވެ. އެހިސާބަށް ދެވުނުތަނާ އެގޭގެ ދޮރުން އެތެރެއަށް ދެމިގަތް މީހެއް އަހަރެންނަށް ފެނުނެވެ.

"ކޮން މަންޖެއެއްތަ އެއީ؟" އަހަރެން އާދިމްއަށް އެގެ ދައްކާލަމުން ސުވާލުކޮށްލީމެވެ.

"ނޭނގޭ. ގެއްލިގެން އުޅޭ ރޫނާގެ ކޮއްކޮކަމަށްވާނީ. ވަރަށްކުޑަ ކުއްޖެއްތަ ފެނުނީ؟" އަހަރެންގެ ފިޔަވަޅު ހުރިތަނުގައި ހަރުލީ ރޫނާގެ ނަން އާދިމް ކީމައެވެ. އެމީހަކު އެގެ ތެރެއަށް ދެމިގަތްއިރު ރޫނާ މިއަދު ލައިގެން ހުރި ފިޔާތޮށިކުލައިގެ ދޯޕައްޓާގެ ތަންކޮޅު އަހަރެންނަށް ފެނުނެވެ.

"ކިހިނެއްވީ މާޒް؟"

"ރޫނާތަ ކިޔަނީ އެކުއްޖާއަށް؟" އަހަރެން މިހެން އެހުމުން އާދިމް ޖަވާބުދިނެވެ.

"ރޫނާ ގެއްލުނު ދުވަހު ލައިގެން ހުރީ ކޯއްޗެއް؟"

"މީހުން ކިޔަނީ ފިޔާތޮށިކުލައިގެ ދޯޕައްޓާ ހެދުމެކޯ" ކިހިނެއްތަވީ؟" އާދިމްވެސް ހައިރާންވެގެން ހުރެ އަހާލިއެވެ.

"ހިނގާ ގޭދޮށަށް. ފިހާރައަށްދާނީ މާދަން" މިހެން ބުނެ އާދިމްގެ އަތުގައި ހިފައިގެން ބާރުބާރަށް ގޮސް ގެއަށްވަދެ އަހަރެންނަށް އެދުވަހު ތުނޑިމަތިން ފެނުނު ކުއްޖާގެ ވާހަކަ އާދިމްއަށް ކިޔައިދިނީމެވެ.

މިވާހަކަ އަހަރެން ކިޔައިދިނުމުން އާދިމްގެ މަންމައާއި ބައްޕައަށް ގޮވައި އާދިމް އެމީހުންވެސް ގެނައެވެ.

އަހަރެންނަށް ފެނުނު ކުއްޖާ ހުންނަގޮތް ކިޔަދިނުމުން އެމީހުންބުނީ އެއީ ރޫނާކަމަށާއި އޭނަ ހޯދަން ރަށު އެންމެނަށް އަންގަންވީ ކަމުގައެވެ.

އާދިމްގެ ބައްޕަ އެކަން އެރަށުގެ ކައުންސިލް އިދާރާގެ ރައީސަށް ގުޅައިގެން ބުނުމުން ޓޯޗުތަކާއި އެކި ވައްތަރު ވައްތަރުގެ ލައިޓްތައް ހިފައިގެން އެކި އެކި މީސްތަކުން ތުނޑިއަށްގޮސް ރޫމާގެ ހިލަމެއްވޭތޯ ބަލަން ފެށިއެވެ. އަހަރެންގޮސް އަހަރެން އިންދިމާވެސް އެމީހުންނަށް ދެއްކީމެވެ. އެތަނުގައި ހުރި ކުޑަކޮށް މުސްކުޅި ބޭބެއަކު އެދިމާލަށް ބަލަން ހުރެފައި އެތަން ކޮނުމަށް އެދުނެވެ. އެހެން ދިމަދިމާލުގައި ހުރި ދޮންވެއްޔަށްވުރެ އެތަނުގެ ދޮންވެލި ތެތްކަމަށް ބުނުމުން މީހުންތައް އެދިމާލަށް އެއްވެ އެތަން ކޮންނަން ފެށިއެވެ.

އަހަރެން ހުރީ ބިރުންގޮސް ވިރޭވަރުވެފައެވެ. އާދިމް ކައިރީގައި ވިއްދާލާފައި އަހަރެން އެހެން ހުއްޓާ އެއްކަލަ ވަޅުގަނޑު ތެރެއިން ރޫމާގެ ފިޔާތޮށި ދޯޕައްޓާގެ ބައެއް ފެންނަން ފެށިއެވެ. އެހާ ހިސާބުން އަހަރެންނެކޭ އެއްފަދައިން ދެންތިބި މީހުންގެ މޫނުމަތިންވެސް ހާސްކަން ފެންނަން ފަށައިފިއެވެ. އެތަނުގައި ރޫނާގެ ގަބުރު އޮތީ ވަޅުލާފައެވެ. ފިޔާތޮށި ދޯޕައްޓާއިން އަނގަމަތި ބަންދުކޮށްފައި އޮތްއިރު ހެދުމުގެ ފަސްބައިން ލޭފެންނަން ހުއްޓެވެ. ރޫނާގެ ގަބުރުއޮތީ ވަރަށްބޮޑަށް ކުނިވެފައި ކަމުން ނަގަން ވަރަށް އުދަނގޫވިއެވެ. ނަމަވެސް އެތައް މަސައްކަތަތުން އެގަބުރު އެވަޅުގަނޑުން ނެގުނެވެ.

އެވަގުތު އަހަރެންގެ ހިތަށް ބަޔާންކުރަންދަތި ވޭނެއް ލިބުނެވެ. އެހާ ރީތި ކުއްޖަކު މަރަން ކެރުނީ ކާކަށް ހެއްޔެވެ؟ މީހުންތަކާއި ދުރަށް އަހަރެން ޖެހުނީ އަހަރެންގެ ނަފްސް ހަމައަކަށް އެޅުވުމަށެވެ. އެވަގުތު ކަންފަތް ކައިރީގައި މީހަކު އެއްޗެއް ބުނިހެން ހީވިއެވެ.

"ތޭންކްސް މާޒް" އެއީ ރޫނާގެ އަޑެވެ. އަހަރެން ރޫނާގެ ގަބުރަށް ބަލާލުމަށްފަހު މުޅިތަނަށް ނަޒަރު ހިންގާލީމެވެ. ދުރުދުރުން ވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

އެފަހުން އަހަރެން އެރަށުގައި ވޭތުކުރި ހަފްތާއެއްހާ ދުވަސް ތެރޭގައި އަހަރެން ކޮންމެ ދުވަހަކު އެތުނޑިއަށް ދަމެވެ. ރޫނާގެ ގަބުރު ވަޅުލި ތަން ކައިރީގައި ހުންނަމެވެ. ނަމަވެސް ދުވަހަކުވެސް ރޫނާއެއް ނުދެކެމެވެ.

 

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހމމމ

    ވަރަށް ތަފާތު

  2. އަާމިނަ

    ވަރަށް ރީތި

  3. ޅޮ

    ވަ. ސަޅި