ކެތުރީނާ ކައިފް އާއި ދީޕިކާ ޕަޑޫކޭ އާއި އެކުގައި ފިލްމް ކުޅުމަށް ވަޒީފާއަށް އެދި ހުށައާ އާދަޔާ ހިލާފު ހުށައެޅުމެއް ބޮލީވުޑްގެ ބައްޕަ އަމީތާބް ހުށައަޅައިފިއެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން މީސްމީޑިޔާގައި ވަރަށް ހަރަކާތްތެރި އަމީތާބު ޓްވީޓާގައި ހުށައެޅި މި ހުށައެޅުމުން ބޮލީވުޑްގެ އިތުރުން އަމީތާބުގެ ގިނަ ސަޕޯޓަރުންގެ މޫނުމައްޗަށްވަނީ ހިނިތުންވުން ގެނެސްދީފައެވެ.

އަމީތާބު ވަނީ އާމިރުޙާން އާއި ސާހިދު ކަޕޫރުމެން ކެތުރީނާ އާއި ދީޕިކާއަށް ވުރެ އިސްކޮޅުން ކުރުވީމަ އެކަމަށް ހައްލެއްކަމަށް ބުނެ އެ ހުށައެޅުން ހުށައަޅާފައެވެ. އެ ޓްވީޓްގައި އަމީތާބް ބުނެފައިވަނީ "ވަޒީފާއަށް އެދި ހުށައަޅާ ލިޔުން.... ނަން: އަމީތާބް ބައްޗަން. އުފަންތާރީޙް: 11 އޮކްޓޯބަރ 1942... އުމުރު: 76... ފިލްމް ކުޅުމުގެ 49 އަހަރުގެ ތަޖުރިބާ... 200 ފިލްމް ކުޅެފައި... އިގިރޭސި، ހިންދީ، ޕަންޖާބީ އަދި ބެނގާލީ ބަސް އެނގޭ... އިސްކޮޅުގައި ހަފޫޓު 2 އިންޗި ހުރޭ... އިސްކޮޅުގެ މައްސަލައެއް ނުޖެހޭނެ" ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

އަމީތާބު ވަނީ މީގެ ކުރިން ދީޕިކާ އާއި އެކުގައި "ޕިކް" ފިލްމުގައި މަސައްކަތް ކޮށްފައެވެ. އަދި މިހާރު އަންނަނީ ކެތްރީނާއާއި އާމިރު ޚާން އާއި އެކުގައި "ތަގްސް އޮފް ހިންދުސްތާން" ގައި މަސައްކަތް ކުރަމުންނެވެ. އަދި އަމީތާބު ވަނީ އޭނާގެ ފިމްލީ ކެރިޔާއަށް 49 އަހަރުވުމުގެ މުނާސަބަތުގައި އޭނާ އަމިއްލައަށް ތައްޔާރުކޮށްފައިވާ ޅެމެއްވެސް ޓްވިޓާ މެދުވެރިކޮށް އޭނާގެ ފޮލޯވާސްއަށް ދޫކޮށްލާފައެވެ.

އަމީތާބު އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 15 ފެބްރުއަރީ 1969 ވަނަ އަހަރު "ސާތު ހިންދުސްތާން" ކިޔާ ފިލްމަކުންނެވެ. އަމީތާބް މިހާރު އަންނަނީ ރިޝީ ކަޕޫރާ އެކުގައި "102 ނޮޓް އައުޓް" ކިޔާ ފިލްމެއްގެ މަސައްކަތްވެސް ކުރަމުންނެވެ.