ރާއްޖޭގެ ރީތިކަމުގެ ވާހަކަ އަކީ ދުނިޔޭގެ އެއްވެސް ބަޔަކަށް އާ ވާހަކައަކަށް ނުވާނެއެވެ. އެންމެ ގިނައިން ގޫގަލް ކުރާ ޑެސްޓިނޭޝަންތަކުގެ ލިސްޓުގެ ކުރީގައި ރާއްޖެ ހިމެނޭ އިރު ރާއްޖެ މަޝްހޫރުވެފައި ވަނީ ހަމައެކަނި ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައެއް ނޫނެވެ. ރާއްޖެއަކީ ލޯބިވެރިންގެ ސުވަރުގެ ވެސް މެއެވެ. މި ސަބަބާއި ހުރެ ރާއްޖޭގައި ލޯބި ހުށަހަޅާ މިންވަރާއި، ކައިވެނި ކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި ވެސް ރާއްޖޭގެ މަޤްބޫލްކަން އިންތިހާ އަށް ބޮޑެވެ. ބޮލީވުޑްގެ ތަރިންގެ ދިރިއުޅުމުގެ މުހިންމު އެކި ކަންކަން ރާއްޖެ އާއި ވަނީ ގުޅިފައެެވެ. އޭގެ ތެރެއިން އެއް ބަަޔަކީ ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި އަލީ ފަޒަލް އާއި ކުޅަދާނަ ބަތަލާ ރިޗާ ޗައްޑާއެވެ. ފުކްރޭގެ ސެޓުން ދިމާވި މި ދެ ފަންނާނުން މިހާރު ވަނީ އެންގޭޖުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަޒަލް ރިޗާއަށް ޕްރޮޕޯޒް ކުރީ މި އަހަރު ކުރީކޮޅު ރާއްޖެއަށް ކުރި ދަތުރެއްގައެވެ. އަދި އެ ދެތަރިންގެ ކައިވެނި ވެސް ރާއްޖޭގޭގައި ބޭއްވުމުގެ ވާހަކަ ދެކެވުނެވެ. އާއިލާ އާއި ގާތް ރައްޓެހިންނާއި އެކު މި އަހަރު މެދެއްހާ ހިސާބުގައި ބާއްވަން މަސައްކަތް ކުރި އެ ކައިވެނި ލަސްކޮށްފައި ވަނީ މުޅި ދުނިިިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ސަބަބުންނެވެ.

އެ ދެ މީހުން ކައިވެނި ކުރަން ބޭނުންވަނީ މޫދު އޮންނަ ސަރަހައްދެއްގައި ކަމަށް ވުމުން އެ ދެ މީހުންގެ ކައިވެންޏަށް އެންމެ އެކަށީގެންވާ ތަނަކީ ރާއްޖެ ކަމަށް ގާތް ބައެއް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އައި ދަތިތަކަށް ފަހު މިހާރު ދިއްލީގައި މި ދެ ތަރިން ކައިވެނި ކުރުންވެސް އެކަށީގެންވެއެވެ.