ނެޓްފްލިކްސްގައި އެންމެ މަގުބޫލު ސީރީޒްތަކުގެ ތެރޭގައި ހިމެނޭ ސްޓްރޭންޖާ ތިންގްސްގެ އެކްޓްރެސް މިލީ ބޮބީ ބްރައުން ރާއްޖެ އަތުވެއްޖެ އެވެ.

މިލީ ރާއްޖެ އައިސް، މަންޓާއެއާގެ ސީޕްލޭނެއް ކައިރީގައި ސީޕްލޭންގެ ޕައިލެޓުންނާއި އެކު ނަގާފައިވާ ފޮޓޯއެއް މިއަދު އެ އެއާލައިންގެ ފޭސްބުކް ޕޭޖުގައި ވަނީ އާއްމު ކޮށްފައެވެ. ނަމަވެސް މިލީ ޗުއްޓީ ހޭދަކުރާނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ނޫނގެއެވެ.

މިލީ ރާއްޖެ އައީ މަޝްހޫރު ލަވަކިޔުންތެރިޔާ ބޮންޖޯވީއާ އެންގޭޖުވިކަން އިއުލާނުކުރިތާ ހަފްތާއެއް ފަހުންނެވެ. މި ދަތުރުގައި ބޮންޖޯވީއާ ބައިވެރިވާކަމެއް ނުވަތަ ނޫން ކަމެއް ވެސް ކަށަވަރެއް ނުވެއެވެ.

މިލީ އަކީ 2016 ވަނަ އަހަރުން ފެށިގެން ގެނެސްދެމުންދާ ސްޓްރޭންޖާ ތިންގްސްގެ އެންމެ މުހިއްމު ލީޑް ކެރެކްޓާއެވެ. އެ ސީރީޒްގައި އޭނާގެ ނަމަކީ އިލެވެން އެވެ. އުމުރުން 19 އަހަރުގެ މިލީ ނިސްބަތްވަނީ އިނގިރޭސިވިލާތަށެވެ.

ސްޓްރޭންޖާ ތިންގްސް އިން މިލީ ވަނީ ބައެއް އެވޯޑްތައް ވެސް ލިބިފައެވެ. ހާއްސަކޮށް ފިލްމުތަކަށް ފާޑުކިޔާ މީހުންގެ ބޮޑު މަގުބޫލުކަމެއް އޭނާ ވަނީ އެސީރީޒުން ހޯދާފައެވެ.