ދާދި ފަހުން އޮސްކަރސް އެވޯޑް ހަފްލާގައި ވިދާލި ފިލްމު "އާރްއާރްއާރް" އިން މަޝްހޫރުކަން ހޯދި ރާމް ޗަރަންއާއި އޭނާގެ އަންހެނުން އުޕާސްނާ ކާމިނެނީ ކޮނިޑެލާ ޗުއްޓީއަކަށް ރާއްޖެއަށް އައިސްފިއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ރާމް ޗަރަން އައިސްފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ގޭމް ޗޭންޖަރސް" ގެ ޝޫޓިންގއިން ބްރޭކްއެއް ނެގުމަށްފަހުގައެވެ. ރާއްޖޭގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު، އޭނާ އަނެއްކާވެސް ފިލްމުގެ ޝޫޓިންގއަށް އެނބުރި ދާނެކަމަށް އިންޑިއާގެ މީޑިއާތަކަށް އޭނާ މައުލޫމާތު ދީފައިވެއެވެ. އަދި އެއަށްފަހު އިތުރު 2 މަހުގެ ޕެޓާނިޓީ ލީވްއެއް ނަގާނެކަމަށްވެސް ރާމް ބުނެފައިވެއެވެ.

ޝަންކަރް ޑައިރެކްޓް ކުރަމުންދާ މި ފިލްމުގައި އޭނާއާއި އެކީ މަޝްހޫރު ބަތަލާ ކިއާރާ އަދްވާނީ ފެނިގެންދާނެއެވެ. ބޮޑު ބަޖެޓެއް ހަރަދުކޮށްގެން ޕްރޮޑިއުސްކުރަމުންދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައިއެވެ.

"އާރްއާރްއާރް" އަށް ލިބުނު ކާމިޔާބީގައި ބައިވެރިވުމަށް އެމެރިކާއަށް ކުރި ދަތުރަށްފަހު، ރާމް ޗަރަންއާއި އޭނާގެ އަންހެނުން އުޕްސަނާ ވަނީ ގާތްތިމާގެ މީހުންނާއި އެންމެ ގާތް އެކުވެރިންނާއި އެއްކޮށް ދުބާއީގައި 'ބޭބީ ޝަވަރ"އެއް ބާއްވާފައިއެވެ. މިއީ 10 އަހަރުގެ ކައިވެންޏަކަށް ފަހު ރާމް އާއި އުޕްސަނާއަށް ލިބެން އުޅޭ ފުރަތަމަ ދަރިފުޅެވެ.

ބަނޑުބޮޑުކަން އެނގުނު ފަހުން، އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އުޕްސަނާ ބުނީ ކައިވެންޏަށް ދިގު މުއްދަތެއް ވެގެންދިޔައިރު، ކުއްޖަކު ނުހޯދާ ފަސްކުރުމުން އޭނާއަށް ވަށައިގެންވާ އާއިލާ މީހުންނާއި މުޖުތަމައުގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެގެންދިޔަކަމަށެވެ.

އެހެންވިޔަސް، އޭނާއާއި ފިރިމީހާގެ މި ނިންމުމާއި ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށް އުޕްސަނާ ބުންޏެވެ. "އަހަރެން މަންމައަކަށް ވާން މި އުޅެނީ ދެމީހުންވެސް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ފުދިގެން، ތައްޔާރުވެގެން ތިބި ދަނޑިވަޅެއްގައި" ފާޑުކިޔުންތެރިންނަށް އޭނާ މިފަދައިން ރައްދު ދީފައިވެއެވެ.