ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ އަމިއްލަ ވަޒަން ދޫކޮށް ޤައުމުތަކަށް ހިޖުރަކުރަން ޖެހިފައެވެ. ރެފިއުޖީންގެ ގޮތުގައި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ދިރިއުޅުން ބަދަލުކޮށްގެން އެތައް ބަޔަކު އުޅެމުންދާއިރު، އަހްމަދުގެ އާއިލާގެ ވާހަކަ ވަރަށް ތަފާތެވެ.

އަހުމަދު ހަޤީޤަތުގައި ނިސްބަތްވަނީ، ގްރީސްއަށް އުފަން އެޤައުމުގެ އާއިލާއަކަށެވެ. މީގެ 130 އަހަރު ކުރިން ގްރީސްގެ ހުޅަނގު އުތުރު ކްރީޓްގައި އަހުމަދު ނިސްބަތްވާ އާއިލާ އުޅެމުން އައިއިރު، 1800ގެ ފަހުކޮޅުގައި އެ ސަރަޙައްދުގެ ވެރިކަމަށް އައްޔަން ކުރެވުނު ގަވަރުނަރަކު ވަނީ ޝަހަރުގެ މުސްލިމް އާއިލާތައް އެޤައުމުން ބޭރުކޮށް ފައްސާލާފައެވެ. އޭގެތެރޭގައި އަހުމަދުގެ އާއިލާވެސް ހިމެނުނެވެ.

އަހުމަދުގެ އާއިލާ

އަހުމަދުގެ މާމަ އާއި ކާފަ އަދި އާއިލާގެ ބައެއް އެހެން ފަރާތްތައްވެސް އެ އިސްތިއުމާރީ ވެރިކަމުގައި ގްރީސް އިން ބޭރުކޮށްލުމުން ދިރިއުޅުން ބަދަލުކުރީ ސީރިޔާއަށެވެ. އެއަށްފަހު އޭނާގެ މައިންބަފައިން މުޅި އުމުރު ދުވަސް ހޭދަކުރީ ސީރިޔާގައެވެ. ނަމަވެސް ސީރިޔާގެ ހަމަނުޖެހުންތަކާއި ގުޅިގެން އަހުމަދާއި އޭނާގެ އާއިލާއަށް ވަނީ ރެފިއުޖީންގެ ގޮތުގައި ގްރީސްއަށް ހިޖުރަ ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.

ގްރީސްއަށް ދެވުމާއި އެކު އޭނާ ވަނީ އޭނާގެ އާއިލާ މީގެ 130 އަހަރު ކުރިން ދިރިއުޅެމުންދިޔަ ސަރަޙައްދު ހޯދާފައެވެ. އޭނާގެ އާއިލާ ދިރިއުޅެމުން ދިޔަ ތަނުގައި މިހާރު ރެސްޓޯރެންޓެއް ހިންގަމުންދާއިރު، އޭރު އެ ސަހަރުގައި އުޅުނީ ވަރަށް ތަފާތު ސަޤާފަތެއްގެ ތަފާތު އާދަކާދަތައް ގެންގުޅުނު ވަކި ބަހުރުވައަކުން ވާހަކަ ދައްކައި އުޅުނު ބައެކެވެ.

އަހުމަދުގެ އާއިލާ ގްރީސް ގައި

އަހުމަދު ބުނެފައިވާ ގޮތުގައި، ސީރިޔާގައި އެމީހުނަށް ސްކޫލުގައި ކިޔަވައިދެމުން ދިޔައީ އަރަބި ބަހުން ކަމުގައި ވީނަމަވެސް، ގޭގައި އާއިލާގެ މެމްބަރުން ވާހަކަ ދައްކައި އުޅުނީ ކްރީޓްގެ ގަދީމީ ސަޤާފަތާއި އެގޮތަށް އެ ބަހުރުވައިން ކަމަށެވެ. އެހެންކަމުން، މިއަދު ގްރީސް އިން އެކަންކަން މާޒީވެ ގެއްލިގެން ދިޔަނަމަވެސް އަހުމަދުގެ އާއިލާ އަދިވެސް އޮތީ އެ އާދަކާދައިގެ ތެރޭގައި ކަމަށް އޭނާ ބުނެއެވެ. މިކަން ވެގެން ގޮސްފައިވަނީ އެ ސަރަރުގައި މިހާރު ދިރިއުޅެމުންދާ މީހުނަށްވެސް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ.

އަހުމަދާއި އޭނާގެ ހަތަރު ދަރިން އަދި އަނބިމީހާ ގްރީސްގައި މިހާރު ދިރިއުޅެމުންދާއިރު، އޭނާ ބުނެފައިވަނީ 130 އަހަރަށްފަހު އަމިއްލަ ވަޒަނަށް އެނބުރި އާދެވުނީތީ އުފަލުން ހުރި ކަމަށެވެ. އަދި އޭނާއަކީ އަސްލު އެ ސަރަޙައްދަށް ނިސްބަތްވީ މީހެއްކަން އެނގުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބި އަޅާލުލާއި އޯގާތެރިކަން ލިބެމުންދާ ކަމަށް އޭނާ ބުނެއެވެ.

އަހުމަދުގެ އާއިލާ ގްރީސް ގައި

ނަމަވެސް ކުރީގެ ހުރިހައި ކަމެއް ބަދަލުވެފައިވާ ކަމަށާއި، މައިންބަފައިންގެ ފަރާތުން ކްރީޓް އާއި ބެހޭގޮތުން ލިބިފައިވި މަޢުލޫމާތުތަކާއި މިއަދު ފެންނާން ހުރި ހުރުމާއި ވަރަށް ބޮޑަށް ތަފާތު ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަހުމަދު ބޭނުންވަނީ އެ ސަޤާފަތާއި ބަހުރުވަ އަލުން އާލާކުރާން ކަމުގައިވާއިރު، އެކަމަށް ގިނަ ބަޔަކު ޝަޢުގުވެރިވާކަމަށް ވެސް އޭނާ ބުނެއެވެ.

އަހުމަދާއި އޭނާގެ އާއިލާއަކީ ސީރިޔާއިން ފިލައިގެން ގްރީސްއަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުވި ޑިންގީއެއްގައި ތިބި ބައެކެވެ. އެހެން ނަމަވެސް ނަސީބު ނިޔާކުރި ގޮތުން އެ ހާދިސާގައި ޑިންގީން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ސަލާމަތްވީއެވެ. އެ ހާދިސާއަށްފަހު އެމީހުނަށް ގްރީސް އިން ހޫނު މަރުޙަބާއެއް ކިޔައި އެޤައުމުން ވަނީ އޯގާތެރި މެހެމާންދާރީއެއް އަދާކޮށްފައެވެ.