ބޮލީވުޑުގެ އެންމެ މަޝްހޫރު އެކްޓަރ އަމީތާބު ބަޗަންއަށް ޝޫޓިންގެ ތެރެއިން ދިމާވި އެންމެ އުދަނގޫ ކަންތަކާއި ބެހޭގޮތުން އޭނާ ޓްވީޓް ކޮށްފިއެވެ.

ފޮނިކާ ތަކެތި ކެއުން ޑޮކްޓަރ މަނާ ކުރުމުން އަމީތާބު ވަނީ ފޮނިކާ ތަކެތި ކެއުން ހުއްޓާލައިފައެވެ. އޭގެ ފަހުން އިންޑިޔާގެ މަޝްހޫރު ފޮނިކާ އެއްޗެއް ކަމަށްވާ ''ރަސްގުއްލާ' އާއި ގުލާބު ޖާމުއެއް ހިފައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކޮށް ބުނެފައިވަނީ އެއީ އޭނާއަށް ޝޫޓިންގެ ތެރެއިން ދިމާވި އެންމެ އުދަނގޫ ކަންތައް ކަމަށެވެ.

''އަހަރެން ފޮނިކާ ތަކެތި ކެއުން ހުއްޓާލައިފިން. އޭގެފަހުން ޝޫޓެއްގައި އަހަރެންނަށް މި ޖެހުނީ ރަސްގުއްލާ އަކާއި ގުލާބު ޖާމުއެއް ހިފައިގެން ހުރެ ފޮޓޯނަގަން. އޭގައި އަހަރެންގެ މޫނުމަތިން ދައްކުވައިދެން މި ޖެހެނީ މިއީ ކިހައި މީރު އެއްޗެއްކަން. މިއަށްވުރެ ބޮޑު އުދަނގުލެއް ކުރިމައްޗެއް ނުވޭ'' އަމީތާބުގެ ޓްވިޓާގައިވެއެވެ.

މީގެ އިތުރަށް އަމީތާބު ވަނީ މި ޝޫޓުގެ ބައެއް ފޮޓޯތައް ވެސް ޓްވިޓާގައި ހިއްސާ ކޮށްފައެވެ. މި ފޮޓޯތަކުގައި އަމީތާަބު ހުންނަނީ އިންޑިޔާގެ ހެދުމެއް އަޅައިގެން އެއް އަތުން ''ރަސްގުއްލާ''އެއް ހިފައިގެން އަނެއް އަތުން ''ގުލާބު ޖާމުން''އެއް ހިފައިގެންނެވެ.

އަމީތާބުގެ މި ޓްވީޓަށް ވަނީ އޭނާގެ އެތައް ބައިވަރު ސަޕޯޓަރުންނެއް ކޮމެންޓް ކޮށްފައެވެ. އޭގެތެރެއިން އެއްބަޔަކު ބުނެފައިވަނީ އެ އިހްސާސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ރަސްގުއްލާއެއް ހިފައިގެން އެ ނުކައި ހުރުމަކީ ވެސް ވަރަށް އުދަނގޫވާނެ ކަމެއް ކަމަށް ވެސް ބައެއް މީހުން ލިޔެފައިވެއެވެ.