(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

މެންދުރުގެ އެންމެ އަވި ގަދަ ވަގުތެވެ. ރަށުގެ މަގުތަކުން އަވާ މެންދުރު އަރައަރާ ހުއްޓެވެ. މަގުތަކުގައި ހިނގާ ބިނގާވެ އުޅޭ އެންމެން ކަހަލައިން ކުޑައެއް ނަގައިގެން އެ ދާން ބޭނުންވާ ތަނަކަށް ގޮސް ހަދައެވެ. މެންދުރުގެ ވަގުތުގައި ފައިބަމުންދާ ވޭންދެނިވި ހޫނުން ސަލާމަތްވުމުގެ ބޭނުމުގައެވެ. ކުޑައަކާ ނުލައި ބޭރަށް ނުކުމެއްޖެނަމަ އެ މީހެއްގެ ބޯ ފިއްސައިލާނެއެވެ.

ރަށުގެ މައި މަގުން އަރަމުން ދިޔަ އަވާމެންދުރުތަކަށް ގެއްލިފައި، ހަމްޒާ އިނެވެ. އެ ރަށުގެ އަތިރިމަތީގައި ހަދާފައި ހުރި ފިނިއަށިމަތީގައި ހަމްޒާ އިނީ އެކަނިމާ އެކަންޏެވެ. އެ އަވާމެންދުރުތަކުގެ ތެރެއިން އޭނާއަށް ސިފަވަމުން ދިޔައީ އޭނާ އެންމެ ލޯބިވާ ޝާނާއެވެ. އެއްވެސް ފޫހިކަމެއް ނެތި މޮޔައެއް ފަދައިން ހަމްޒާ ދުރުން އަރަމުން ދިޔަ އަވާމެންދުރަށް ބަލަމުން ދިޔައެވެ.

"އޭތް! ހަމްޒާ ހާދަ ފުން ޚިޔާލެއްގެ ތެރޭގައި..؟" ހަމްޒާގެ އެކުވެރި މުހައްމަދު އޭނާގެ ކޮނޑުގައި އަތުން ޖަހައިލިއެވެ. "އެނެއްކާ ކިހިނެއްވީބާ؟"

"ޚިޔާލަކަށް ގެއްލިފައެއް ނޫން މި އިނީ." ހަމްޒާ ޖުމުލަ އެ ހިސާބަށް ކުރުކޮށްލިއެވެ.

"ނާ އަހަރެންގެ ގާތުގައި ބުނީމަތާ އެނގޭނީ..." މުހައްމަދަށް ހީވިހީވުން އޭނާ ޔަޤީންކުރަން ބޭނުންވިއެވެ. "އަޅެ ދެން ބުނެބަލަ!"

"އަހަރެން މި އިނީ ކުއްޖެއްގެ ސިފައަށް ގެއްލިފާ!" ހަމްޒާ މުހައްމަދާ ދިމާއަށް ހިނިތުންވެލިއެވެ.

"އެނެއްކާ ތިއީ ކޮން ކުއްޖެއް؟" މުހައްމަދު ސުވާލަކަށްފަހު ސުވާލެއް ހަމްޒާއާ ކުރިމަތިކުރުވަން ފެށިއެވެ. "އަހަރެންނަށް ޔަޤީން އަންހެން ކުއްޖެއްކަން."

"އަހަރެން ފިރިހެންކުއްޖެގެ ސިފައަށް ގެއްލެންވީ އެއްވެސް ސަބަބެއް ނެތެއްނުން." ހަމްޒާ ސަމާސަކޮށްލިއެވެ.

"ދެން ތި ކުއްޖެއްގެ ނަން ބުނެބަލަ!" މުހައްމަދު ބަލަން ބޭނުންވީ އެ އަންހެންކުއްޖާގެ ނަމެވެ.

"ޝާނާ." ހަމްޒާ ބުނެލީ ޝާނާގެ ނަން އެކަންޏެވެ.

"ޝާނާ. ކުޑަދޮންބެގެ ދަރި ޝާނާ ވާހަކަތަ ހަމްޒާ ތި ބުނީ." މުހައްމަދަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އާނ! ކިހިނެއްވީ އެނެއްކާ؟" މުހައްމަދަށް ވީ ގޮތް ފެނިފައި ހަމްޒާގެ ދެ ލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. "އޭނާ ހުތުރީތަ؟"

"ނޫން. އެއީ ހުތުރު ކުއްޖެއް ނޫން. އެކަމަކު..." މުހައްމަދު ބުނަން އުޅުނު އެއްޗެއް އޭނާއަށް ފުރިހަމަކުރެވޭ ގޮތެއް ނުވިއެވެ.

"ދެ ކުދިން ހާދަ އޮލަ ވާހަކައެއްގައި؟" އިބްރާހިމްބެ އައިސް ފިނިއަށީގައި ދެ ފައި ދަމައި އޮށޯތެވެ. "މިހާރު ހާދަ ހޫނު ގަދައޭ ދޯ؟"

"ހުޅަނގު މޫސުމާ ގާތްވުމުން ހޫނުވާ ވާހަކަ މީހުން ކިޔާ." މުހައްމަދަށް އެނގިފައި އޮތް އެއްޗެއް އޭނާޔަށް ބުނަން އެނގޭ ގޮތަށް ބުނެލިއެވެ. "އަހަރެންނަށް ހީވަނީ މިހާރު އިސްތިހާރާ ނަމާދުކުރަން ވެއްޖެހެން."

"ނާ ތިއީވެސް މުޅިއަކުން ގޯސް ވާހަކައެއް ނޫން." އިބްރާހިމްބެ މުހައްމަދާ އެއްބަސްވިއެވެ.

"އަހަރެން އިހަށް ގޮސްލީއޭ!" މުހައްމަދާއި އިބްރާހިމްބެގެ ވާހަކަ ހުޅު ހިފައި ރޯވުމުން ހަމްޒާ ގެއަށް ދިއުމަށް ހިނގައިގަތެވެ.

ހަމްޒާގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައީ މުހައްމަދު ބުނަން އުޅުނު ވާހަކައެވެ. އެހެނަސް މުހައްމަދު މީހަކާ ވާހަކާގައި ޖެހިއްޖެނަމަ ވާގޮތް އެނގޭތީ ހަމްޒާ އެ ވާހަކަ ފަހަށް ފަސްކޮށްލީއެވެ. ފިނިއަށީގައި އެކަނިމާ އެކަނި އިނުމުން އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ. އެކަނިވެރިކަމުން ހަމްޒާއަށް ލިބޭ އުފަލަކީ މިހާރު އޭނާއަށް ތަފާތު އިޙްސާސްތަކެއް ކުރުވާ އުފަލެކަށްވަނީ ވެފައެވެ. އެކަމުން އޭނާގެ ސިކުނޑި ތާޒާވެއެވެ.

"ޝާނާ!" ހަމްޒާ ގެއަށް ދިއުމަށްޓަކައި އެޅި މަގުން އޭނާގެ ލޮލުގައި އަޅައިގަތީ ޝާނާއެވެ.

ހަމްޒާގެ ހިތް އެދިއެދި ހުރި ސިފަތަކުން ޖަރީވެފައިވާ، ޝާނާއެވެ. އޭނާގެ ހިތުގެ ރަނިކަން ކުރާ، ޝާނާއެވެ. އޭނާގެ އަމިއްލަ މީހަކަށް ހަދަން ބޭނުންވާ، ޝާނާއެވެ. އޭނާގެ އަލަތު ކައިވެނިކުރަން ބޭނުންވާ، ޝާނާއެވެ. އޭނާގެ ދިރިއުޅުމުގައި މުޅި އުމުރު ވޭތުކުރަން ބޭނުންވާ، ޝާނާއެވެ. ކަށްވަޅާ ހަމައަށް ދާންދެއް އޭނާ އެންމެ ލޯބިވާ ޝާނާއެވެ.

ޝާނާ ފެނުމުން ހަމްޒާ ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. މެންދުރުގެ ހޫނުން ހަމްޒާގެ ބޮލަށް ލިބެމުންދާ ވޭނުގެ މަތިން އޭނާ ހަނދާން ނެތުނެވެ. ހަމްޒާ ހީވަނީ އެތަނުގައި ބަހައްޓާފައި ހުރި ބުދެއް ހެންނެވެ. ފަރާތަކަށް އަރިއަކަށް ޖެހިނުލައި ހަމްޒާ ހުރީ މަގުމަތިން އޭނާއާ ދިމާއަށް އަންނަމުންދާ ޝާނާ ފެންނާތީއެވެ.

"ހަމްޒާ! ކިހިނެއްވެފައި ތިހުރީ؟" ޝާނާ އައިސް ހަމްޒާގެ ބޯ މައްޗަށް ކުޑަ ދިއްކޮށްލިއެވެ. "ބޮލަށް ހޫނެއް ނުވޭތަ؟"

"ޝާ..." ހަމްޒާގެ އަނގައިން ބަހެއް ނުނިކުތެވެ.

"ކީކޭ؟" ހަމްޒާ ބުނަން އުޅުނު އެއްޗެއް ޝާނާއަކަށް ނޭނގުނެވެ.

"ޝާ..." ހަމްޒާއަށް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ.

"ކިހިނެއްވެފައިހޭ ތިހުރީ!" ޝާނާގެ އަޑު ބަރުވެގެންދިޔައެވެ.

"އިބްރާހިމްބެ!" ހަމްޒާ ދިޔައީ ސިއްސައިގެންނެވެ. "ކަމެއް ނުވޭ!"

"އިބްރާހިމްބެ ބުނީ ބޮލަށް ހޫނެއް ނުވޭހޭ؟" އިބްރާހިމްބެގެ ސުވާލުން ހަމްޒާއަށް ފެނުނީ އަވާމެންދުރެއްކަން ޔަޤީންވިއެވެ. "ހިނގާބަލަ އިބްރާހިމްބެއާ އެކީ. ބޭބެމެން ގޭގެ ރުކުގަ ހުރި ކާށިތައް އަޅައިދޭން."

"ލައްބަ! ހިނގާ ދަމާ!" ހަމްޒާ ބޮލުމެދުގައި އަތް ހާކައިލިއެވެ.

އިބްރާހިމްބެގެ ކުޑައިން އެޅުނު ހިޔަލުން ހަމްޒާގެ ފިހެވެމުންދިޔަ ފަން އިސްތަށިގަނޑަށް ފިނިކަމެއް ގެނުވިއެވެ. ހަމްޒާ އިބްރާހިމްބެއާއެކު ހިނގައިގަތެވެ. އެޔާއެކު އޭނާ ފަސް އެނބުރި ބަލައިލިއެވެ. އޭރު ޝާނާ ކުޑައެއް ހިފައިގެން ހަމްޒާއަށް ފަސްދީފައި ހިނގަމުން ދިޔައެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާުްއަަޝްކޮ

    ވ ފޫހި އެންމެ އިންޓްރެސްޓް ވީ ތަންކޮޅަށް ނިމުނީ.. ? ވެން ނެކްސްޓް ޕާޓް؟؟؟؟

  2. ކަނބުލޮ

    ޢަވާމެންދުރަކީ އެހެން އަރާއެއްޗެއް ނަުން މުސައްނިފާ ކާރީ ބުނެދޭން ބޭނުން

    • މުސައްނިފާ

      އަވާމެންދުރަކީ އެހެން އަރާއެއްޗެއް ނުންވިއްޔާ ދެން އެއީ ކިހިނެއްވާ އެއްޗެއް؟

  3. ބާއިސް

    ވާހަކަ ވަރަށް ރީތި އަދި އެކަމް ތިގޮތަށް އެއްބުރިލީމަ ކަޑަދޯ

    • އިޝާ?

      އަސްލުވެސް

  4. ޒީ

    ޢިސްތިސްޤާ ނަމާދަކީ ވާރޭވެހުމަށް އެދި ކުރާ ނަމާދެއް.. އިސްތިޚާރާ އެއީ އަދި އެހެން ނަމާދެއް. ކުްށެއްހެން ހީވީމަ ބުނެލީ