އެއީ އަހްލާމް ގާތުގައި އެފަދަ މަސައްކަތަކަށް އެދެން ނުކެރޭތީއެވެ. އަދި އަހްލާމް ގާތުގައި ނުބުނެ ނަތާޝާގެ ގާތުގައި އެކަމަށް އެދެފިނަމަ އަހްލާމް އެއްޗެކޭ ހީކޮށްދާނެތީއެވެ. އެކަމަށް އޭނާއަށް ފެނުން އެންމެ ރަނގަޅު ހައްލަކީ ބޭރުން ކޮފީ ތައްޓެއް ބޮއެލުމެވެ. އެހެނަސް މިއަދު އޭނާއަށް އަހްލާމްގެ ގާތުގައި ކަމަކު ކިޔަން ޖެހުނީ އޮފީހުގައި ހުރި މަސައްކަތްތައް ގިނަކަމުން ބޭރަށް ނުކުމެވެން ނެތުމުންނެވެ.

"އެ ކީއްވެތޯ މަޢަފަށް އެދުނީ؟" އަހްލާމްގެ ހިތުގައި އުފެދުނީ ސުވާލެކެވެ.

"އަހްލާމަށް އުނދަގޫ ވެދާނެތީ!" އަލީފް ޖަވާބު ދިނީ ވަރަށް ކުރުކޮށެވެ.

"ކޮފީ ތައްޓެއް ގިރުމަކީ ވަރަށް ފަސޭހަ ކަމެއް!" އަސްލު އަހްލާމް ބުނަން ބޭނުންވީ އަލީފަށް ކޮފީތައްޓެއް ގިރައި ދިނުން އެއީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ.

އަލީފަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހްލާމް ކޮފީތަށި ގިރުމަށް ނުކުތުމުން އަލީފް ގޮސް މާލޭގެ ތޮއްޖެހިފައިވާ އިމާރާތްތަކަށް ބަލަން ފެށިއެވެ. އެޔާއެކު އޭނާގެ ސިކުނޑީގައި އެތަކެއް ޚިޔާލްތަކެއް އެނބުރެން ފެށިއެވެ. މާލޭގެ ބޮޑެތި އިމާރާތްތަކުގައި އުޅުމުގެ ބަދަލުގައި ރާއްޖެތެރޭގެ ރަށެއްގައި ހުންނަ އާދައިގެ ހިތްގައިމު ގެގަނޑެއްގައި އުޅުންވެސް ހިތަށް މާ ފަސޭހަވެފައި ބޮލަށް ލުޔެވެ. އެހެނަސް ރާއްޖޭގެ ހާލަތު ނިޔާކުރާގޮތުން މީހާ ކުރިއަރައިގެން ދާން އޮތީ މާލޭގައި ދިރިއުޅޭނަމައެވެ.

ކަން އެގޮތަށް އޮތްކަމުގައި ވީނަމަވެސް، ސިކުނޑީގެ ވެރިއަކަށް ކޮންމެ ތަނެއްގައި ހުރެވެސް ކުރިއަރައިގެން ދާން އެނގިއްޖެނަމަ ކުރިއަރައިގެން ދެވިދާނެއެވެ. ބޭނުންވަނީ މޮޅު ޚިޔާލެކެވެ. ދެން ޖެހޭނީ އެ ޚިޔާލު އާރާސްތުކޮށް އޭގައި ކުލަ ޖައްސާށެވެ. އޭރުން އެ މީހަކަށް މަޑުމަޑުން ގޮސް އެންމެ އުހަށްވެސް އެރިދާނެއެވެ.

"މިހިރީ ކޮފީތަށި!" އަހްލާމް ދޮރުގައި ޓަތްކެއްދީ އަލީފްގެ ކޮޓަރިއަށް ބޯ ދީ ބަލައިލިއެވެ.

"މޭޒު މަތީގައި ބެހެއްޓިޔަސް އެންމެ ރަނގަޅު!" އަލީފް ސިސްސައިގެން ދިޔަނަމަވެސް އޭނާ ހެދީ ކަމެއް ނުވާކަމަށެވެ.

އަހްލާމް މޭޒު މަތީގައި ކޮފީތަށި ބަހައްޓާފައި ދިޔަ މަންޒަރު ބަލަން އަލީފް ކަޅި ޖަހައި ނުލައި ބަލަން ހުއްޓެވެ. އޭނާގެ ހިތް އަހްލާމް ދިޔުމަކަށް ނޭދެއެވެ. އޭނާގެ ހިތް އެދެނީ، އަބަދުވެސް އަހްލާމް ފެންނަ ހިސާބުގައި ހުރުމަށެވެ. އެހެނަސް އޮފީހުގެ ކުދިންނަށް ޝައްކުވާ އެއްވެސް ކަމެއް ވާކަށް އަލީފް ބޭނުމެއް ނުވެއެވެ. އަހްލާމްގެ ގާތުގައި އަލީފް އެ ވާހަކަ ނުދައްކަން ހުރީވެސް އެ ސަބަބަށްޓަކައެވެ.

"އޭރުވެސް ނަތާ ބުނީމެއްނުން! އަހްލާމް އެއައީ އަލީފަށް ކޮފީތަށި ގިރައި ދީފަ!" ނަތާޝާ އިނީ ލުކްޝާން ގާތުގައި ހުރި ގޮނޑިއެއްގައި އިށީދެގެންނެވެ. "ފުރަތަމަ ގިރައިދޭނީ ކޮފީ. ދެން ދާނީ ޑިނަރއަށް!

"ނަތާ ދެރަނުވޭ! އަދި ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެ!" ލުކްޝާނަށް ދަތްކުނޑި ވިކައިލެވުނެވެ.

"ނުވާނެ ރަނގަޅެއް! ދެންވާނީ ހަމަ ގޯސް! މުޅިން ގޯސް!" ނަތާޝާ ދެއަތް ދެއަތަށް ބޯ ހޫރުވައިލިއެވެ.

"އަހްލާމް! ބިޒީ ގަޑިއެއްތަ؟" ލުކްޝާން އަހްލާމްގެ މޭޒު ކައިރިއަށް ދިޔައެވެ. "ވާހަކައެއް އަހާލަންވެގެން!"

"ކުޑަކޮށް ބިޒީ!" ލުކްޝާން ބުނަން ބޭނުންވާ އެއްޗެއް އަހްލާމް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ.

"ވަގުތުކޮޅެއް ހުސްކޮށްލަ ދީފާނަންތަ؟" ލުކްޝާން ބޭނުންވީ އޭނާ ބުނަން އުޅޭ ވާހަކަ އަހްލާމް ކަނުލައި އަޑުއެހުމެވެ.

"އޮފީސް ކަމަކުތަ؟" ދެންވެސް އަހްލާމް ކުރީ ސުވާލެކެވެ.

"އޮފީސް ކަމަކުއެއް ނޫން! އަމިއްލަ ކަމަކު! އެކަމަކު ވަރަށް މުހިއްމު ކަމަކު!" ލުކްޝާން ހިތްހަމަނުޖެހޭ ގޮތް ވިއެވެ.

"މިކަން ނިންމާލައިފަ. އެންމެ ރަނގަޅުތަ؟" ލުކްޝާން ދޫ ނުދިނުމުން އަހްލާމް އެންމެ ފަހުން އެއްބަސްވިއެވެ.

"އޯކޭ! ތިކަން ނިންމާފަ މަށަށް ޚަބަރެއްވެލަބަލަ!" ލުކްޝާން އެނބުރި އޭނާގެ މޭޒު ކައިރިއަށް ދިޔައެވެ.

އޮފީހުގެ މަސައްކަތްތަކުގައި އަހްލާމް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދިޔައީ އެއްވެސް ވަގުތެއް ބޭކާރުނުކޮށްލައެވެ. އެއީ މާދަމާ އޮތް ޓެސްޓަށް ހުރިހާ ވަގުތެއް ހުސްކޮށްލުމުގެ ބޭނުމުގައެވެ. އޮފީސްތަކުގެ މަސައްކަތްތަކުގައި އިތުރަށް ބޯ ގޮއްވަން ނުޖެހޭވަރަށް މަސައްކަތްތައް ނިންމުމުން އޭނާގެ ސިކުނޑިއަށް ލުއިވާނެތީއެވެ. އޮފީސް ބަންދުކުރާ ގަޑިޖެހުނުއިރު ނިންމަންޖެހޭ މަސައްކަތްތައް އޭނާ ނިއްމާލިއެވެ.

"ގެއަށް ދަނީތަ؟" ލުކްޝާން އޭނާގެ ގޮނޑީގައި ލެގިލައިގެން އިނދެ އަހްލާމާ ވާހަކަދެއްކިއެވެ.

"އާނ! މިވަގުތު ލުކްޝާން ބުނަން ބޭނުންވާ އެއްޗެއް ބުނެދީ!" އަހްލާމް ވާހަކަދެއްކީ އެއްވެސް ފަރުވާލެއް ނެތިއެވެ.

"އަހަރެންނާއެކު ބޭރަށް ކައިން ދެވިދާނެތަ؟" ލުކްޝާން ގޮނޑިން ތެދުވިއެވެ.

"ސޮރީ! އަހަރެންގެ އެގްޒާމެއް މާދަމާ އެބަ އޮތް!" އަހްލާމް އޮފީހުން ނުކުތުމަށް މިސްރާބު ބެހެއްޓިއެވެ.

"މަޑުކޮށްބަލަ!" ލުކްޝާން އެއްލި އަތުން އަހްލާމްގެ އަތުގައި ހިފިއެވެ.

"ދޫކުރޭ އަހަރެން!" ކަންދިމާކުރިގޮތުން އެވަގުތު އެ ސެކްޝަންގައި އެއްވެސް މީހަކު ނެތެވެ. "މިބުނީނުން ދޫކުރާށޭ!"

"އަޑުމަޑުކޮށްބަލަ! އެހެންނޫނީ ފަލީޙަތްވާނީ އަހަރެމެން ދެ މީހުން!" ލުކްޝާން އަހްލާމަށް އިންޒާރެއް ދިނެވެ.

"އަހަރެންގެ އަތުން އަތް ދޫކޮށްލާށޭ! އެހެން ނޫނީ އަހަރެން ހަޅޭލަވާނަން!" އަހްލާމްގެ ގާތަށް އިންތިހާއަށް ރުޅިއައެވެ.

"ހަޅޭލެވިޔަސް މިހާރު މި އޮފީހުގައި އެއްވެސް މީހެއް ނޫޅޭނެ! މިއަދު އޮފީސް ތަޅުލަން ތަޅުދަނޑިއާ ހަވާލުވީ އަހަރެން." ލުކްޝާން އަހްލާމަށް ބިރުދެއްކިއެވެ. "އަހަރެންނާއެކު ޑިނަރއަށް ދާން އެއްބަސްވީމަ ދޫކޮށްލާނީ!"

"އަހަރެންގެ އެގްޒާމްވީމަ އަހަރެންނަށް ބޭރަކަށް ނުދެވޭނެ! ވަރަށް ބޮޑަށް ސޮރީ! ލުކްޝާން މިހާރުން މިހާރަށް އަހަރެންގެ އަތުން އަތްދޫކޮށްލާ!" އަހްލާމް ވާހަކަދެއްކީ ވަރަށް ވިސްނާފައެވެ. "އެހެންނޫނީ މާދަމާ އަހަރެން އޮފީހަށް އައިސް މި މައްސަލަ ވެރިންނާ ހިއްސާކުރާނަން. އަދި ފުލުހުންނާ ހަމައަށް މި މައްސަލަ ގެންދާނަން!"

"އޯކޭ!" ލުކްޝާން އެންމެފަހުން އަހްލާމްގެ އަތުން އަތްދޫކޮށްލިއެވެ. އަތް ދޫކޮށްލަން ބޭނުންނުވެ ހުރެއެވެ.

"އަދިވެސް ވަރަށް ބޮޑަށް ސޮރީ! އަހަރެންނަށް ލުކްޝާނާއެކު ބޭރަށް ކައިކަށް ނުދެވޭނެ!" އަހްލާމް އަވަސް ފިޔަވަޅުތަކެއް އަޅަމުން އޮފީހުން ނުކުތުމަށް ހިނގައިގަތެވެ.

ލުކްޝާން ބަސް ހުއްޓިފައި އެ ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރެވުނު ކަންތައް މޮޔަ ހިތަށް އަރާފައެވެ. ދެން އެކަން އިސްލާހްކުރާނެ މަގެއް ނޭނގިފައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ. ނިތްކުރިއަށް ޖަމާވެފައި ހުރި ދާތިކިތައް އަތުގެ ނުފުށުން ފޮހެލިއެވެ.

(ނުނިމޭ)