ކޮވިޑް-19ގެ ބިރުވެރިކަމުން ސަލާމަތް ވެވެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބިފައިވަނީ ވެކްސިން އުފައްދާ ކުންފުނިތަކުން އެކި ގައުމުތަކުގެ މީހުންނަށް ވެކްސިން ދޭން އުޅޭ ކަމުގެ ހަަބަރުތަކާއި އެކުގައެވެ،.

ނަމަވެސް ވެކްސިން ދޭން ފެށުމުން ދެން އިވެންފެށި އަޑުތަކުން އެންމެންގެ ހިތުގައި ވެސް އުފެދުނީ ބިރުވެރި ކަމެކެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ވެކްސިން ޖެހުމަށް އިންކާރު ކޮށްފައެވެ.

މި ވެކްސިނާއި މެދު މީހުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ފިލުވައިލުމުގެ ގޮތުން ބައެއް ފަރާތްތަކުން ވެކްސިން ޖަހަމުން ދަނީ އާއްމުންނަށް ވެސް ފެންނާނެހެންނެވެ.

މިފަހަރު އާއްމުންނަށް ފެންނާނެހެން ވެކްސިން ޖެހުމަށް ނިކުތީ ހޮލީވުޑުގެ ތަރި ޓޮމް ހެންކްސްއެވެ. އޭނާ މި ވެކްސިން އެންމެންނަށް ފެންނާނެހެން ޖެހުމަށް ނިންމާފައިވަނީ ވެކްސިން ޖަހަން ބިރުގަންނަ ފަރާތްތަކަށް، އެ ބިރުވެރިކަން ކުޑަ ކޮށްދިނުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.

އޮސްކާ އެވޯޑު ހާސިލު ކޮށްފައިވާ ޓޮމް ''ޓްޑޭސް ޝޯ''ގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ޓޮމްއާއި އޭނާގެ އަންހެނުން ރިޓާ ވިލްސަން ވެސް ކޮވިޑް-19 ވެކްސިން ޖަހާނީ އެންމެންނަށް ފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް އެއީ ވެކްސިން ފުރަތަމަ ދޭންޖެހޭ ފަރާތްތަކަށް ދީ ނިމުމުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ވެކްސިނަކީ ރައްކާތެރި ވެކްސިނެއްތޯ އެހެން މީހުންނަށް ޔަގީން ކޮށްދިނުމަށް އެންމެންނަށް ފެންނާނެހެން ވެކްސިން ޖަހާނަންތޯ ކުރި ސުވާލަށް ޓޮމް ވަނީ އެއްބަސްވެފައެވެ.

އިތުރަށް މި ޝޯގައި ޓޮމް ބުނެފައިވަނީ ވެކްސިން ލިބުނު ނަމަވެސް އެންމެން ވެސް މާސްކު އަޅައިގެން އުޅުމަށެވެ. އަހަރެމެން މާސްކު އަޅަންވީ ހަމައެކަނި އަހަރެމެން ވައިރަސްއިން ރައްކާތެރިވުމަށް ނޫންކަމަށާއި އެހެން މީހުން ވެސް އެ ވައިރަސްއިން ރައްކާތެރި ކުރުމަށް ކަމަށް ވެސް ޓޮމް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއްލާ

    ތިދެން ކާކުަތަ؟ ކައޭ މަގުމަތީގަ ގުދަށް އޮވެގެން ވެކްސިން ޖެހިޔަސް ހެޔޮ ބަލާވެސް ނުލާނަން.
    ކައޭ ވެކްސިން ޖެހިޔަސް ނުޖެހިޔަސް ހެޔޮ.