(ރ. ދުވާފަރު) ހިތްދަތި ހިތާމަވެރި ދުވަހެކެވެ. އެ ކާރިސާ ހިތުން ނުފިލާނެ ކިތަންމެ މީހަކު މި ރާއްޖޭގައި މަދެއް ނުވާނެއެވެ. އަމިއްލަ ގެދޮރާއި އުފަން ރަށް ދޫކޮށް ދާން ޖެހުނު ހިތި ތަޖުރިބާކުރި އެތަށް ބަޔަކު މި ރާއްޖޭގައި އުޅޭނެއެވެ.

އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު 26 ވަނަ ދުވަހުގެ ހެދުނު ވަގުތެވެ. މުޅި ދުނިޔެ ސިއްސުވާލައި ދެކުނު އޭޝިއާ އަށް އެރި ބޮޑު ސުނާމީގެ ރާޅު ރާޅުތަކުން މި ކުޑަކުޑަ ރާއްޖެ ދޮވެލި ބިުވެރި ދުވަހެވެ. ހާއްސަކޮށް އެ ކާރިސާގައި މިހާރު ދުވާފަރަށް ބަދަލުކޮށްފައިވާ އެ އަތޮޅު ކަނދޮޅުދޫ ރައްޔިތުންގެ ހިތުން އެ ދުވަސް ހަނދާން ނުނެތޭނެކަން ކަށަވަރެވެ.

އެ ހިތާމަވެރި ދުވަހު މަންމަ ނިޔާވި ހާދިސާގެ ވާހަކަ ވަގުތު ހޭރިޔާ ޓީމާއި މައުސޫމާ ޝިހާމް (38.އ) ހިއްސާކުރީ އެ ދުވަހުގެ ހަނދާންތައް އާކޮށް ކަރުނަ އަޅާ ހާލުގައެވެ.

އެންމެ ފުރަތަމަ ރާޅު ރަށަށް އަރައިގެން އައި އިރު މައުސޫމާ ގޭގައި މަންމައާއި އެކީގައެވެ. ފުރަތަމަ ރާޅާއެކު ދިޔަވަރު ހަމައެއްކޮށް ކަހަލަ ގޮތަކަށް ފަރުތައް ހިކި މޫދުގާތަށް ރީއްޗަށް ފެންނަން ހުއްޓެވެ. ކައިރީގައިހުރި ރަށްތަކަށް ފެނުގައި ނުޖެހި ހިނގާފައި ދެވޭވަރަށް ހިކިފައި އޮތް އޮތުމުން އެންމެނެވެސް ތިބީ ވެގެން އުޅޭ ގޮތެއް ނޭގިފައެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މަންޒަރު ބަދަލުވެ ލޮނުގަނޑު އުފުލި ރަށުގެ ތެރެޔަށް ރާޅުގަނޑު އެއްވެސް ހުރަހަކާއި ނުލައި ވަންނަންފެށީ ހަމަ ބަލަން ހުއްޓައެވެ.

ގެޔާއި ހަމަޔަށް ލޮނުގަނޑު އަންނަން ފެށުމާއެކު މަންމައާއި ގޭގައި ދެން ތިބި މީހުނާއެކު އެތެރެޔަށްދާން ދުއްވައިގަނެވުނީއެވެ. މައުސޫމާގެ ފަސް މަހުގެ ތުއްތު ދަރިފުޅު އުރާލައިގެން އޭރު ހުރީ މަންމައެވެ. މާމަދަރިދެކެ ވާ ލޮތްބެއްގެ ބޮޑުކަމުން އެ ކުޑަކުޑަ ކުއްޖާ ސަލާމަތްކުރުމަށް މަންމަ މަސައްކަތްކުރަމުންދިޔައީ ޖާނުން ގުރުބާންވާ ހާލުގައެވެ.

"އަނބުރާލާފައި އަހަރެން ގޮސް މަންމަ އެ ވަޅުގަނޑުން ނަގައިދިނިން. ދެން މަންމަ އަހަރެން ކައިރީ ބުނީ އަވަހަށް ގެއަށް ދާން. މިއީ އާދައިގެ ކަމެއް ނޫން ކަމަށް ވެސް ބުނި" ކަން ހިނގާދިޔަގޮތުގެ ވާހަކަ ކިޔައިދެމުން މައުސޫމާ ބުންޏެވެ.

ލޮނުގަނޑު ދިޔައީ ގޭތެރެޔަށް ވަންނަމުންނެވެ. ގޭގައި ބޭނުންކުރާ ގިނަ ތަކެއްޗަށް ވަނީ ލޮނުގެ އަސަރު ކޮށްފައެވެ. އެހެންކަމުން ޓީވީއާއި އައިސް އަލަމާރިއާއި ގޭގައި ބޭނުންކޮށް އުޅޭ އެހެނިހެންވެސް ކަރަންޓު ބައެއް ސާމާނުތައް ފެން ނާރާ ތަނެއްގެ މަތީގައި ބެހެއްޓުމަށް މަންމަ ދިޔައީ އެދެމުންނެވެ. ފޮނި ހުވަފެންތަކާ އުންމީދާއެކު ބިނާކުރަމުން އައި ދިރިއުޅުން އަލުން އާރާސްތު ކުރުމަކީ ބޮޑު ކަމެއްކަން މަންމައަށް ވިސްނޭތީ އެވަގުތުވެސް ކުރެވެން އޮތް ކަމެއް ކުރުމަށް މަސައްކަތް ކުރިއެވެ.

"އަހަރެން މަގުމަތިން ކުއްޖަކު ގެނެސްގެން އެ ތަކެތި އުސްތަނަކަށް އެރުވީ، އަދި މީހަކު ބުނެގެން ގެއިން ކަރަންޓް ވެސް ކަނޑާލީ. އޭރުވެސް ނޭގޭ އަސްލު ވެގެން އުޅޭ ގޮތެއް" މައޫސޫމާ ކިޔައިދިނެވެ.

ފުރަތަމަ ރާޅާއެކު ރަށުގެ ތެރެޔަށް ވަދެގަތް ލޮނުގަނޑު ކޮންމެވެސް ވަރަކަށް މައިތިރިވުމުން ދެން މައުސޫމާ ދިޔައީ ފިރިމީހާގެ ގެޔަށްދާށެވެ. ގެޔަށްދާން ދިޔަ މަގުމަތީގައި އެހެން ގެތަކުގެ މީހުން އެމީހުންގެ ގެދޮރު ސާފު ކުރުމުގެ މަސައްކަތް އޭރު ވަނީ ފަށާފައެވެ. ދެން ކުރިމަތިލާން ޖެހެނީ މާބޮޑު ރާޅުތަކަކާއި ކަމެއް ނޭގޭ ހާލުގައެވެ. ހުދު މައުސޫމާވެސް ހީކުރީ އެހާ ހިސާބުން އެކަންތައް ނިމުނީ ކަމަށެވެ.

ގެޔަށް އާދެވުމާއެކު މައުސޫމާ އޭނާގެ ހަ އަހަރުގެ ދަރިފުޅާއި ދެމީހުން ވެގެން ތެމިފައިހުރި ބާލިސްތަކާއި ގޮދަޑިތައް ދޮވުމުގެ މަސައްކަތް ކުރަން ފެށިއެވެ. އެހެން ނަމަވެސް ކަންތައް ދިމާވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ދެވަނަ ރާޅެއް އަންނަ ކަމަށް އޭރު ރަށުތެރޭގައި މީހުން ގޮވާއަޑު ދިޔައީ އިވެމުންނެވެ. އޭރުވެސް އެއީ ކިހައިވަރެއްގެ ރާޅެއް ކަމެއް ނުވަތަ ސުނާމީއެއް ކަމެއް އޭނާއަކަށް ނޭގެއެވެ.

"އަހަރެން ދަރިފުޅު ކައިރީ ބޭރުބެލުމަށް އެދުނިން. ދަރިފުޅުވެސް ބުނީ ހަމަ އެހެން. އަހަންނަށް ބޭރު ބަލައިލެވުނުއިރު ވަރަށް އުސްކޮށް ބޮޑު ރާޅެއް އަންނަތަން ފެނުނު. ދުވަހަކުވެސް ނުދެކެން އެހައި ބޮޑު ރާޅެއް. އަހަރެން ހީކުރީ މި ނިމުނީ ކަމަށް. ދެން އަވަހަށް ދަރިފުޅު ގޮވައިގެން ދުވެފައި ގޮސް އެރީ ރާނަން ފަށާފައި ހުރި ގެއެއްގެ ބޮޑު އަށްޓަކަށް. އެގޭގައި ތިބި މީހުންވެސް އެ އައްޓަށް އަރައި ތިބީ. އެތަނުގެ މަތީގައި ތިބިއިރުވެސް ރާޅު އަރައިގެން އައި ގަޑީގައި އަހަރެންގެ މެއި ކައްޓާއި ހަމައަށް ފެން ހުރި'' މައުސޫމާ ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ފެންގަނޑު ހިނދެންފެށިއެވެ. އެއާއެކު ރައްޔިތުން މިސްކިތްދޮށަށް ދިޔުމަށް ގޮވަމުން ދިޔައެވެ. ރާޅު އަރައި ރަށް ދޮވެލާފައި ދިޔައިރުވެސް މިސްކިތަށް ފެނުގެ އެއްވެސް އަސަރެއް ނުކުރެއެވެ. މިސްކިތް ކައިރީގައި ހުރި އިމާރާތްތައް ސުންނާފަތިވެގެން ދިޔައިރުވެސް މެއެވެ.

ދަރިފުޅު ގޮވައިގެން މިސްކިތަށް ދާން މައުސޫމާ ހިނގައިގަތީ، މަންމަވެސް ހުންނާނީ އެތަނުގައި ކަމަށް ހީކޮށްގެންނެވެ. އެހެންކަމުން އިތުރު ކަމަކާއި ކުރިމަތިނުވަނީސް އަވަހަށް ދާންވެސް ބޭނުންވީ މިސްކިތަށެވެ. މިސްކިތާއި ހަމަޔަށް ދެވުނުތަނާ މައުސޫމާގެ ކޮއްކޮ މަންމަ ކޮބައިތޯ އޭނާގެ ގާތުގައި އެއްސެވެ. އެއީ މައުސޫމާއަށްވެސް އޭނާގެ މަންމަ އެތަނުގައި ނެތްކަން އެނގުނު ވަގުތެވެ. އެވަގުތު ހިތަށް ވެރިވި އިހުސާސްތައް ކިޔައިދޭނެހައި ހިއްވަރެއް އަދިވެސް މައުސޫމާގެ ގައިގައި ނެތެވެ.

"އޭނާ އައިސް ބުނީ މަންމައާއި ކޮއްކޮ ރާޅާއެކު ގޭތެރެއަށް ދަމައިގަތްތަން ފެނުނު ކަމަށް. އަދި ރާޅާއެކު އޭނާ ދަމައިގަތީ މަގުމައްޗަށް ކަމަށް ބުނި. އޭނާގެ ވާހަކަ އެހިސާބަށް ދިޔައިރު އަހަންނަށް ހުރެވުންތަންވެސް ނޭގޭފަދަ އިހުސާސެއް ކުރެވުނު" ކަރުނަ އަޅާ ހާލުގައި މައުސޫމާ ކިޔައިދިނެވެ.

އެވުގުތު އެތަނުގައި ތިބި ކުދިންތަކެއް ކައިރީ ގެއަށް ގޮސް މަންމައާއި، އުމުރުން ފަސް އަހަރުގެ ކޮއްކޮ ވީތަނެއް ބަލައިދިނުމަށް މައުސޫމާ އާދޭހާއެކު އެދެމުން ދިޔައެވެ. އެކުދިންވެސް ގެ ހުންނަ ސަރަހައްދު ބަލާފައި އައިސް މަންމަ އަދި ފަސް އަހަރުގެ ކޮއްކޮގެ ހިލަމެއްވެސް ވާނެ ނެތްކަމަށް ބުންޏެވެ. މަންމަ ގެއްލިއްޖެ ކަމުގެ އިހުސާސް ދަރިއަކަށް ކުރެވޭހިނދު، އެ ދަރިފުޅަށް ކުރާނެ އަސަރު ތަސައްވުރުކޮށްލައްވާށެވެ. މައުސޫމާ އެވަރުންވެސް އުންމީދު ކަނޑާލަން ބޭނުން ނުވީ މަންމައާއި ވަކިވާނެހައި ހިތްވަރެއެް އޭނާގެ ގައިގައި ނެތްކަން ޤަބޫލުކުރެވޭތީއެވެ. އެ މަންމައާއި ނުލައި އުފާވެރި ދިރިއުޅުން ފުރިހަމަ ނުވާނެ ކަމުގެ އިހުސާސް ކުރެވޭތީއެވެ.

"އަނެއްކާވެސް އަހަރެން އިތުރު ކުދިންތަކެއް ކައިރީގައި ރޮމުން ބުނިން މަންމަ އާއި ކޮއްކޮ ވީތަނެއް ބަލައިދިނުމަށް. އެކުދިންވެސް އައިސް އަހަންނަށް ދިނީ ހަމަ އެ ޖަވާބު. އަހަރެން ހިތްވަރެއް އެލުވައި ނުލަން. އޭރު ނޭނގޭ މަންމަ ނިޔާވި ކަމެއް ވެސް" މައުސޫމާ ބުންޏެވެ.
މަންމައަށް ވީގޮތެއް ނޭގިގެން ހޯދަމުން ދަނިކޮށް މައުސޫމާ ގެންދިޔައީ އޭނާގެ ފިރިމީހާގެ އާއިލާ މީހުންނެވެ.

"އަހަންނައް އެދުވަހުގެ ވާއެއް ނުވާއެއް ނޭނގޭ. އެގޮތަށް އިންދާ އަހަރެންގެ ދައްތައެއްގެ ފިރިމީހާ އަހަރެންމެ މަންމަ ނިޔާވިކަމުގެ ޚަބަރު ދިނީ. އަހަންނަށް އެވަގުތު ހުރެވުނީ އެމީހާގެ މޫނަށް ބަލަހައްޓައިގެން ހުއްޓިފައި. އެވަގުތު އަހަންނަ ވީގޮތެއްވެސް ނޭގުނު. އަހަންނަށް އެވަގުތު ބާރުބާރަށް ރޮވުނު. ފިރިމީހާގެ މަންމަ ބުނި އަހަރެން ގާތުގައި ކެތްތެރިވުމަށް. އެއީ ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުވަހެއްކަމަށް" އެދުވަހުގެ ހަދާންތައް އާކުރަމުން މައުސޫމާ ބުންޏެވެ.

އޭރު ފަސް އަހަރުގެ ކޮއްކޮ އުނގޫފާރަށް ގެންދިޔުމަށްޓަކައި ހަވާލުވުމަށް ލޯޑުން ގޮވަމުން ދިޔައަޑު އިވެއެވެ.

"ދެން އަހަރެން ދިޔައީ އަހަރެންގެ އުނގުގައި އިން އަހަރެންގެ ފަސްމަހުގެ ދަރިފުޅު ހެދުންކޮޅެއް ހޯދުމަށް ގެއަށް. އަހަރެން ހަމައެކަނި ނެގީ އެ ކުޑަމީހާގެ އެއްޗެހި އެކަނި. އެ އެއްޗެހި ނަގައިގެން އަހަރެން ހިނަވާގެއަށް ދިޔައިރު، މަންމަ ވަޅުލައިފި. އަހަންނަ އަހަރެންގެ ލޯބިވާ މަންމަގެ މޫނެއްވެސް ނުފެނު" މައުސޫމާ ބުންޏެވެ.

މައުސޫމާ ބުނީ އޭނައަށް މޫނު ނުދައްކާ މަންމަ ވަޅުނުލުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް އެދުވަހު ރަށުގެ ހާލަތުހުރި ގޮތުން އެކަން އެގޮތަށް ނުވީއެވެ.

މައުސޫމާގެ މަންމަ ނިޔާވީ ދެވަނަ ރާޅު އަރަމުން އައި ވަގުތު ތުއްތު ތުއްތު ކޮއްކޮއާއެކު މަގުމަތިން ދަނިކޮށް ރާޅާއެކު ގޭތެރެއަށް ގަމައިގަތްވަގުތުގައެވެ. އެދިޔަގޮތަށް ގޮސް ތަނެއްގައި ތާށިވެގެން މަރުވެފައި އޮތްއިރު ކޮއްކޮ އޮތީ މަންމަގެ އަތްދަނޑިމަތީގައެވެ. އޭނާއަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

"އަހަންނަ އެމަންޒަރު ފެނުނު މީހަކު މައުލޫމާތު ދިންގޮތުގައި ކޮއްކޮ އޮތީ މަންމަ ނިޔާވެފައި އޮތްއިރު މަންމަގެ އަތްދަނޑިމަތީގައި. މަންމަ ނިޔާވެފައި އޮތީ ގޭގެ ކޮޅުގައި ހުންނަ ހިތިގަހާއި ލައްގާފައި އިން ބަރޯ އަދި އެތަނުގައި އިންނަ ފުޅައްގަނޑު ވެއްޓިފައި އޮތުމުގެ ސަބަބުން އެއިން ތަނެއްގައި ތާށިވެގެން،" މައުސޫމާ ބުންޏެވެ.

ސުނާމީ ކާރިސާ އަށް 16 އަހަރުވީ ނަމަވެސް އެދުވަހުގެ ހިތި ތަޖުރިބާ ހަދާންވާކޮންމެ މީހަކުމެ ކަރުނައަޅައެވެ. އެފަދަ ދުވަހެއް މުސްތަގުބަލުގައި ކުރިމަތި ނުކުރައްވާތޯ އެފަރާތްތަކުން ދުޢާކުރެއެވެ.

"ވަގުތު ހޭރިޔާ" ޓީމުން ނިޔާވި 3 މީހުންގެ އާއިލާއާއި ބައްދަލުކޮށް އެދުވަހުގެ މައުލޫމާތު ހޯދަން މަސައްކަތްކުރި ނަމަވެސް މައުސޫމާ ފިޔަވައި އަނެއް ދެއާއިލާ އިން ބުނީ އެދުވަހުގެ ވާހަކަތައް ކިޔައިދޭނެހާ ހިތްވަރެއް އެމީހުން ގައިގަ ނެތް ކަމަށެވެ.

"ވަގުތު" އިން ރ.އަތޮޅަށް ކުރަމުން އަންނަ "ހޭރިޔާ" ދަތުރުގެ މެއިން ސްޕޮންސަރ އަކީ މޯލްޑިވް ގޭސް އެވެ.