އައްޑޫސިޓީގެ، ސ.ހިތަދޫ ބިނާޓުގޭ އައިޝަތު މަނިކުފާނު އަކީ އޭނާގެ ދިރިއުޅުން އަމިއްލަ އަށް ކުރާ މަސައްކަތުން ވޭތުކުރަމުން އައި ގެވެހި އަންހެކެވެ. 5 ކުދިންގެ މަންމަ އެއް ކަމަށްވާ އައިޝަތު މަނިކުފާނަކީ ކުދިންގެ ދިރިއުޅުމާއި އަމިއްލަ ދިރިއުޅުން ހޭހަން ކުރަން މަސައްކަތް ކުރަމުން އައި ހީވާގި ކަނބަލެކެވެ.

އެހެންނަމަވެސް 2015 ވަނަ އަހަރު އޭނާގެ ލޮލުގެ ފެނުމަށް އައި ބަދަލާއި އެކު އޭނާގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފައެވެ. 2015 ވަނަ އަހަރު އެންމެ ފުރަތަމަ އައިޝަތު މަނިކުފާނަށް ފާހަގަކުރެވެން ފެށީ އޭނާގެ ލޮލުގެ ފެނުން ކުރިއަށް ވުރެ އަނދިރިކަމެވެ. އެހެންނަމަވެސް އޭރު އޭނާގެ ލޮލަށް ފުސް އަރާފައި ވުމުން، ލޮލުގެ ފެނުމަށް އައި ބަދަލަކީ އެ ސަބަބާއި ހުރެ އައި ބަދަލެއް ކަމަށް ބެލެވުނެވެ.

އަދި އޭރު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކި ނަމަވެސް އެކަމުން ހިތްހަމަޖެހޭ ލުޔެއް އޭނާ އަށް ނުލިބޭކަން "ވަގުތަށް" އޭނާ ކިޔާދިން ވާހަކަތަކުން އެނގެއެވެ.

" ޑޮކްޓަރަށް ދެއްކީމަ އަސްލު ރަނގަޅެއް ނޫން. އެކަމަކު އެންމެ ފުރަތަމަ އެއްކޮށެއް ނޫން އަނދިރިވީކީ. ވަމުން ވަމުން ގޮސް އެއްކޮށް އަނދިރިވީ. ކުރިން ކޮށްއުޅުނު ކަންކަމެއް ނުކުރެވޭ އެއްގޮތަކަށް ވެސް. އެއަށް ވުރެ މާ ހާލަތު ގޯސް. އެހެންވީމަ އެންމެ ދެރައީ." އޭނާ ބުންޏެވެ.

އުމުރުން 61 އަހަރުގެ އެ އަންހެން މީހާގެ 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ހުރި އިރު ކުއްލިއަކަށް ލޮލުގެ ފެނުމަށް އައި ބަދަލާއި އެކު އެތައް ތަކުލީފެއް ވަނީ އުފުލަން ޖެހިފައެވެ. ކުރިން އެހެން މީހަކަށް ބަރޯސާ ނުވެ ކުރަމުން އައި އެތައް ކަމެއް ހުއްޓި، މީހެއްގެ އެހީ އާއި އެކު ނޫނީ ޒަރޫރީ ކަންކަން ވެސް ނުކުރެވޭ ވަރަށް ލޮލުގެ ފެނުން ދަށް ވުމުން އައިޝަތު މަނިކުފާނަށް ވަނީ ބޮޑު ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހިފައެވެ.

"ކުދިން ކައިރީގައި ތިއްބަސް ނޭނގޭ. އަލި ވަކިކުރަން އެނގޭ. މީހެއްގެ އެހީއާއި އެކު ނޫނީ ފާހަނާ އަށް ވެސް ނުދެވޭ. އެއްވެސް މީހެއް ވެސް ވަކި ކުރާކަށް ނޭނގޭ. ބައެއް ޑޮކްޓަރުން ބުނަނީ ރަނގަޅު ނުވާނެއޭ. އެކަމަކު ރަނގަޅު ވެއްޖެއްޔާ ރަނގަޅުތާ. އެހެންވީމަ އަދިވެސް މި ބެލެނީ އެހެންގޮތަކުންވެސް ރަނގަޅުވޭތޯ." އޭނާ ބުންޏެވެ.

2015 ވަނަ އަހަރުން ފެށިގެން އައިޝަތު މަނިކުފާނު ދިރިއުޅެމުން އައީ ލޮލުގެ ފެނުން ރަނގަޅު ނުވެ އެ ހާލުގައެވެ. އޭނާގެ އަންހެން ދަރިފުޅު އައިމިނަތު ޝަމީޒާ ބުނީ ލޮލުގެ ފުސް ކެހުމަށް ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު މާލެ ގެންދިޔައީ މިހާރު އައްޑޫސިޓީގެ ހޮސްޕިޓަލްގައި ހުރި ޑޮކްޓަރެއްގެ ލަފާގެ މަތިން ކަމަށެވެ. މާލެ ދިޔައީ މާލެއިން އޭނާގެ ބައްޔަށް ފަރުވާއެއް ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ. އެހެންނަމަވެސް މާލެ ގޮސް އެއް ލޮލުގެ ފުސް ކެހުމުން ލޮލުގެ ފެނުމަށް ބަދަލެއް ނާންނަ ކަން އެނގުނު ކަން އޭނާ ފާހަގަކުރެއެވެ.

އަދި އައިޝަތު މަނިކުފާނުގެ ލޮލުގެ ނާރުތަކުގައި މައްސަލަ ހުރިކަން ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ވެސް ޝަމީޒާ ބުނެއެވެ.

"2015 އިން ފެށިގެން އެހެންވާން ފެށީ. ކައިރީގައި ޖެހިގެން ހުއްޓަސް މިހާރު ނޭނގޭ. ނާރުގެ މައްސަލަ އެއް އެބަ ހުރެއޭ. ރަނގަޅު ނުވާނެއޭ މިކޮޅުން ބުނަނީ. ފުރަތަމަ އަނދިރިވި އިރު ކައިރިކޮށްގެން ފޯނު ފެނޭ ކުރިން. އެއްކޮށް އަނދިރިވެ ނުފެންނަން ފެށީ 2015 އިން ފެށިގެން. އެންމެ ފުރަތަމަ އެއްލޮލުގަ މައްސަލަ ޖެހުނީވެސް." އޭނާ ބުންޏެވެ.

ޝަމީޒާ އާއި އެހެން ކުދިންގެ އުންމީދަކީ ރާއްޖެއިން ބޭރަށް މަންމަ ގެންގޮސްގެން ނަމަވެސް މަންމަގެ ލޮލުގެ އަލިކަން އަލުން އިއާދަވާނެ ކަމެއް އޮތްތޯ ބެލުމެވެ.

"އެއް ލޯ ސަކަރާތްވެގެން ގޮސް ފަހުން ދެ ލޯވެސް ސަކަރާތްވީ. ހިތަދޫ ހޮސްޕިޓަލް ޑޮކްޓަރު ބުނީ ރަނގަޅުވާނެއޭ. ދެން މި ފަހަރު މާލެ އައިސްގެން ލޮލުގެ ފުސް ކެހީމަވެސް ރަނގަޅެއް ނޫން. ޑޮކްޓަރު ބުނީ ބޮކީގެ އަލި ފިޔަވާ އެއްވެސް ކަމެއް ސާފު ނުވާނެ ކަމަށް. އެކަމަކު ރާއްޖެއިން ބޭރަށް ގެންދިޔައީމަ ރަނގަޅުވެދާނެއޭވެސް ބައެއް މީހުން ބުނޭ." އޭނާ ބުންޏެވެ.

އައިޝަތު މަނިކުފާނުގެ ބޭސްފަރުވާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަމެވެ.

"އެންސްޕާއިން ނުކުޅެދޭ މީހުންނަށް ދޭ ފައިސާ އާއި އެކަނިވެރި މައިންނަށް ދޭ ފައިސާކޮޅު އެއްކޮށްގެން އައީ. މިތާ ތިބޭނެ ވަކި ތަނެއް ނެތުމުން ކުއްޔަށް ތަނެއް ހިފައިގެން ތިބެނީ. ދެން ކާން ދަނީ ގަލޮޅުގައި ހުންނަ ތިމާގެ ގެއަކަށް ކުދިންނާއި އެކު. އަތްމަތި ވަރަށް ދަތި. އެހެންވެ އެހީ އަކަށް އެދެން ޖެހުނީ. " އޭނާ ބުންޏެވެ.

އެހެންކަމުން އައިޝަތު މަނިކުފާނަށް އެހީއެއްވެދެއްވެން އޮތް މާލީ އެހީތެރިކަމެއް ވެދެއްވުމަކީ އެފަރާތުގެ އިޚުލާސްތެރި އެދުމެކެވެ.

އެކައުންޓް ނަމްބަރު: 7708382160101

ގުޅޭނެ ނަމްބަރު: 7632686

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    ވަރަށް ދެރަވެއްޖެ މިހަބަރު ކިޔާފަ.އަަވަސް ޝިފާއަކަށް އެދެން.

    36
  2. އައްޑޫ މީހާ

    އަވަސްޝިފާޔަކަށް އެދެން

    21
  3. ޜރސ

    މި އަންހެން މީހާއަށް އެޙީވެބަ. ފައިޒަ އަށް ވިހެން.މީ މާބޮޑަ ބޭނުން ޖެހިފަ ހުރި މީހެ

    4
    1