މިއީ މީގެ ތިރީހަކަށް އަހަރު ކުރީން ދެކުނުގެ ރަށެއްގައި ހިނގި ހަގީގީ ހާދިސާ އެކެވެ. އެދުވަސްވަރާއި ބަލާއިރު މިއީ އޭރު ރަށެއްގައި މިފަދަ ގޮތަކަށް ހިނގައިދިޔަ އެންމެ ބޮޑު ހާދިސާ އެވެ. ރަށުތެރޭގައި އެންމެންގެ ހިތަށް ބިރުވެރިކަން ގެނުވި އެއް ވާހަކަ އެވެ. އެންމެންގެ ތުންތުންމަތީން އޭރު ދެކެވުނު އެއް ވާހަކަ އެވެ. މިހާދިސާގެ ވާހަކަތައް މިހާރުވެސް މަދުން ނަމަވެސް ދެކެވެމުން ދެއެވެ.

ފާތުމާފުޅުގެ އުމުރަކީ އޭރު ގާތްގަނޑަކަށް 40 އަހަރެވެ. އޭނާގެ ފިރިމީހާ އާއި އެކު އުޅެމުން އައީ ރަށުގައި ވަރަށް އާދައިގެ ދިރިއުޅުމެއްގައި އެވެ. ފާތުމާފުޅާއި އޭނާގެ ފިރިމީހާގެ ހަތް ކުދީން ތިބެއެވެ. އަވައްޓެރިން ބުނާގޮތުގައި ފާތުމާފުޅަކީ މުއްސަނދިކަމަށް ވަރަށް ލޯބިކުރާ މީހެކެވެ. މުއްސަނދިކަމަށް ކަރުހިތްކައިގަނެފައިވާ ވަރުން އޭނާގެ އާއިލާގެ ދެމީހަކު މަރާލަން ޖެހިލުމެއް ނެތްކަން ހާމަވީ ހިސާބަކީ އޭނާގެ އާއިލާ ބިރުވެރިކަމަށް ހުށައެޅުނު ހިސާބެވެ. އާއިލާގެ ތެރޭގައި ބިރުވެރިކަން އުފެދިގެން ދިޔައީ އެހިސާބުންނެވެ.

މީހުން ކިޔައިދޭ ގޮތުގައި ފާތުމާފުޅު ވަނީ އޭނާގެ އާއިލާގެ ދެމީހަކު މަރާލާފަ އެވެ. އަދި އެކަން ފަޅާއަރައި އޭނާ ވަނީ ޖަލަށްވެސް ލާފަ އެވެ. ފާތުމާފުޅު ވަނީ އޭނާގެ ދަނބިދަރިއަކާއި އޭނާ އަށް ބޮޑުދައިތަ ކިޔާ މީހަކު މަރާލާފަ އެވެ.

ދަރިފުޅުގެ އަނބިމީހާ

ފާތުމާފުޅަށް މައިދައިތަ ކިޔާ އަންހެން ކުއްޖަކު މަރާލާފައި ވަނީ އެކުއްޖާ ވިހައިގެން މަހެއްހާ ދުވަސް ނުވަނީސް އެވެ. އެކުއްޖާ މަރާލީ އޭނާ ވިހައިގެން އޭރު އަދި މިހާރުވެސް ދިވެހީން ހަދައި އުޅޭ ބޭހެއްގެ ތެރެއަށް ވިހައެއް އަޅައިގެން ބޯންދީގެން ކަމަށް އޭރުގެ ދުވަސްވީ ފަރާތްތަކުން ކިޔައިދީފައި ވެއެވެ. އަދި އެ އަންހެން މީހާ ހޮޑުލުމުން އެ ވިހައިގެ އަސަރު ހޮޑުގައި ހުރި ކަމަށް އެމީހުން ބުނެއެވެ. ފާތުމާފުޅު އެކަން އޮތީ އަވައްޓެރީންނަށް ސިއްރު ކޮށްފަ އެވެ.

ފާތުމާފުޅަށް ބޮޑުދައިތަ ކިޔާ މީހަކު މަރާލި ގޮތް

ފާތުމާފުޅަށް ބޮޑުދައިތަ ކިޔާ ފިރިހެން ކުއްޖަކު މަރާލީ އެކުއްޖާއަށް ލިބިފައިވާ މުއްސަނދިކަމުގެ ދަހިވެތިކަމުގައި އެވެ. އެކުއްޖާގެ އަތުގައި ހުރި މުދަލާއި ލާރީގެ ބޭނުމުގައި އެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ފާތުމާފުޅުގައި ނެތުމުން އޭނާ ހިންގި މި އަމަލުން އޭނާގެ އާއިލާވެސް ލަދުގަންނުވާލިއެވެ. އެނގިފައިވާ ގޮތުގައި ފާތުމާފުޅާއި އެކު އޭނާގެ ތިން ފިރިހެން ކުދީންވެސް މި އަމަލުގައި ބައިވެރިވި ކަމަށް ވެއެވެ.

ހަސަން ނަމަކަށް ކިޔާ އެ މީހަކީ ބޭރުދަތުރުކުރަން އުޅުނު މީހެކެވެ. ހަސަންގެ އަނބިމީހާ އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އެތައް މަހަކަށް ފަހު ބޭރު ބޯޓު ދަތުރު ކޮށްފައި އެއްކުރި ލާރި ހިފައިގެން އެނބުރި ރަށަށް އައިތަނާ ދުވަސްކޮޅެއް ފަހުން ލާރީގެ ދަހިވެތިކަމުގައި ބޮޑުދައިތަ އޭނާ މަރާލީ އެވެ. ރަށުގެ މީހުން ބުނާ ގޮތުގައި ހަސަން މަރާލީ އޭނާއާއި ކުރި ޒުވާބަކަށް ފަހުއެވެ. އެ ޒުވާބަކީ ހަސަން އަތުން ފާތުމާފުޅު ބޭނުންވާ ވަރަށް ފައިސާ ނުދިނުމުން ކުރި ޒުވާބެއް ކަމަށް މީހުން ކިޔައިދެއެވެ.

ހަސަން އާއި ފާތުމާފުޅުގެ ޒުވާބު ހޫނުވެ އެދެމެދަށް ފާތުމާފުޅުގެ ތިން ފިރިހެން ދަރީން ވަދެ ފާތުމާފުޅާއި އެއްބައި ވެގެން ހަސަން ހިފަހައްޓާ އަނިޔާވެރިގޮތަކަށް މަރާލި އެވެ. ހަސަން މަރާލުމުގައި ފާތުމާފުޅާއި އޭނާގެ ތިން ކުދީން ވަނީ ހަސަން ގައިގައި ހިފަހައްޓައި ބަނދެ އޭނާގެ ގައިގައި ހޫނު އިސްތިރި އަޅާފަ އެވެ. ހަސަން މެރުމުގެ ތެރޭގައި އޭނާގެ ރުއިމުގެ އަޑު ނީއްވުމަށްޓަކައި ލަވަޖަހާ ސްޕީކަރެއްގެ ބޭނުން ކުރި ކަމަށް ވެއެވެ.

ހަސަން މަރާލުމަށްފަހު ފާތުމާފުޅުގެ އާއިލާއިން އެއީ ގުދުރަތީ މަރެއް ގޮތަށް ނިންމައި ކަށުނަމާދުގެ ކަންތައްތައް އެ ޢާއިލާގެ ފަރާތުން ނިންމާލިއެވެ. އަދި އަވައްޓެރީންނަށް ފާތުމާފުޅުގެ އާއިލާއިން ކިޔައިދިން ގޮތުގައި ހަސަން މަރުވިކަން އެމީހުންނަށް އެނގުނީ ހެނދުނު ހޭނުލައިގެން ހަސަން އަށް ގޮވުމުންނެވެ. އޭރު އަވައްޓެރީން ހީކޮށްގެން ތިބީ އެ އާއިލާއިން ދެއްކީ ހަގީގަތެއް ކަމަށެވެ. އެހެން ކަމުން އެމީހުން އެކަމުގައި އެއްވެސް ޝައްކެއް ނުކުރެއެވެ.

ހަސަން މަރާލިތާ ހަފްތާއެއްހާ ދުވަސް ފަހުން ފާތުމާފުޅު ވަނީ ހަސަން ބޭންކުގައި ރައްކާކޮށްފައި ހުރި ލާރި ނެގުމަށް ބޭންކަށް ގޮސްފަ އެވެ. ބޭންކުން ހަސަން މަރުވި ގޮތް ކިޔައިދޭން ފާތުމާ ފުޅުގެ ގާތުގައި އެދުމުން އަވައްޓެރީންނަށް ކިޔައިދިން ވާހަކަތައް ބޭންކަށްވެސް ކިޔައިދިނެވެ. ބޭންކުން ހަސަންގެ އަންހެނުން ބޭންކަށް ގެނެސް ސުވާލު ކުރުމުން ހަސަން މަރުވި އިރު އޭނާގެ ގައިގައި ޒަހަމްތައް ހުރިކަން ކިޔައިދިން ކަމަށް ވެއެވެ. އަދި ބޭންކުން ހަސަންގެ މަރާއި މެދު ސުވާލުއުފެދޭ ކަންކަން ހުރުމުން ފުލުހުންނަށް އެމައްސަލަ ރިޕޯޓު ކުރި އެވެ.

ހަސަންގެ ކުއްލި މަރާއި ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެއްޓި އެވެ. ހަސަންގެ އަންހެނުން ކިޔައިދިން ވާހަކަތަކަށް ބަލައި ފުލުހުން މައްސަލައިގައި ޝައްކުވާ މީހުން ހައްޔަރު ކުރި އެވެ. އެއީ ފާތުމާ ފުޅާއި އޭނާގެ ތިން ފިރިހެން ދަރީންނެވެ. ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ފާތުމާފުޅާއި އޭނާގެ ތިން ކުދީން އެއްބައި ވެގެން ހަސަން މަރާލުމަށްފަހު މެރުމަށް ބޭނުންކުރި އިސްތިރި އާއި ގޮދަޑި އަދި ފޮތިތައް ރަށުގެ މީހުން ނޫޅޭ ސަރަހައްދަށް ގޮސް އަންދާލާފައެވެ. އަދި އެތަކެތި ފުލުހުންނަށް ވަނީ ފަހުން ދައްކާފަ އެވެ.

ހަސަން މަރާލި ގޮތުގެ މައްސަލަ ތަހުގީގުކޮށް ފާތުމާފުޅާއި އެކު ބައިވެރިވި ތިން މީހުންގެ މައްޗަށް ވެސް ވަނީ ދަޢުވާ ކޮށްފަ އެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން އެމީހުން ޖަލުގައި ހައްޔަރުގައި ތިބުމަށް ފަހު ފަހުން ވަނީ މިނިވަން ކޮށްފަ އެވެ،

މި ލިއުމުގައި ބޭނުންކޮށްފައިވާ ނަންތަކަކީ ހާދިސާގައި އުޅޭ މީހުންގެ އަސްލު ނަންތަކެއް ނޫނެވެ. ހަގީގަތް ތިލަކޮށްދިނުމަށާއި އާއިލާގެ ރައްކާތެރިކަމަށްޓަކައި ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާަައައިސާފާނު

    މިކިޔާނާ އައ އްޑޫ ސިޓީ ހިތަދޫ މީހާގެ ވާހަކަ.
    މި އީ ހަމަ ތެދު ވާހަކަ އެއ އް

    22
  2. ބުއްޅަބޭ

    ތިވަރުގެ މުޖުރިމުންގެ އަސްލު ނަން ޖަހަން ބިރުގަންނަނީތޯ

    30
  3. ައަހުމަދު

    މީހަކު މެރީމަވެސް ޖަލުން ސަލާމަތްވާނެކަން އެގޭވިއްޔާ އެކަމަކު މީ100% އިސްލާމި ޤައުމެއް އަދި މިޤައުމުގައި އަމަލުކުރަނީ އިސްލާމްދީންގައި އައިސްފައިވާ ހުކުމްތަކޯއެކަމަކު އެކި ކުށުގެ ހައްދު ކަނޑައަޅަނީ އިސްލަމް ދީނުގައި އައިސްފައިވާ ހުކުމްތަށް މޮޑިފައިކޮށްގެން އެހުކުމާއި ދިމާ ދެކޮޅަށް މިޤައުމުގައި ރައްވެހިން އުޅޭ އިސްލާމްދީން ޤަބޫލްނުކުރާ، ދީނާދެކޮޅުމީހުން ވެސް އެމީހެއް ބޭނުންގޮތަކަށް ބޭނުންކަމެއް ކުރަނީ، ބޮޑެތި މުޖުރިމުންނަށް ސުވަރުގެ ދެން ކިހިނެއްތޯ 100% މުސްލިމުޤައުމަކަށްވަނީ.

    9
    1
  4. ޔާސިރު

    ތި އައްޑު އަތޮޅު ހިތަދޫގައި ހިނގި ކަމެއް......ހަސަންގެ ރޫހު މިހާރުވެސް އެގޭތެރެއިން ފެންނަކަމަށްވަނީ......އެގޭ ހުންނަނީ މިހާރު ފަޅަށް...

    13
    2
    • ޚަދީޖާ

      ރޫހު އެއީ އުޅޭ އެއްޗެއްނޫން. މަރުވީމަ ފުރާނަ ވާނީ ބަރްޒަޚް ގެ ޢާލަމް ގަ. އެކަމު ޖިންނީން ހަސަނުގެ ސިފަ ޖެހިގެން ފެނިދާނެ. ކޮންމެ އިންސާނަކާ އެކު ޤަރީނު ޖިންނިއެއް ވެޔޭ ވެސް އޮވެއެއްނުން

      5
      2
  5. ސަމްސިއްޔާ

    ހިތަދޫކަމަށް ގަބޫލުކުރެވޭ. މީގެ 30 އަަހަރުކުރިން މާބައިވަރު ރައްރަށަކު ބެންކެއް ނުހުންނާނެދޯ.

    10
  6. ޝާން

    މުހައްމާދީ މެރީ އޭނަގެ އަންހެނުންގޭގައި ކޮޓަރިއެއް ހަދައިގެން އެގެއަށްދާން އޮތްދުވަހުގެ ކުރީރޭ. ކޮފީ ތައްޓެއްދޭށޭ ބުނުމުން ދިން ކޮފީތަށިތެރެއަށް ވިހައެއް އަޅާފައިދިނީ. އެބޮއިގެން ހޮޑުލާފައި ތިމަންނައަށް ޒަހަރުދިނީއޭ ބުނެ ދާންއުޅުމުން އައިސާފާނު ބުނެގެން އޭނަގެދަރިން އޭނަހިފަހައްޓާ މަރާލީ. ގޮދަނޑި އަންދައެއްވެސްނުލާ. އޭގެ ފަހުން އޭރުގެ ސިފައިން ގޮސް އެކޮޓަރީގެ އެނދުގައި އޮތް ގޮދަނޑި ފެޅިއިރު ގޮދަނޑި ތެރެއިން ވެސް ހިކިފައިވާ ލޭފެނުނު. މިލިޔުމުގައިވާ މައުލޫމާތު ސައްހައެއްނޫން. މައްސަލަ ތަހުގީގުކުރަން ސިފައިންގެއިން ދިޔަ ތައުފީގު މިވާހަކަ ތަހުގީގު ހިނގަމުން ދަނިކޮށް ކިޔާދިންއަިރު ކާރީގައި އިން އެކަކު އަހަންނަކީ.

    9
    2
  7. ޖާން

    މީގަ އެބައިން ކަންނެންގެ ބުނެފަ ލިއުމުގައި ބޭނުންކޮށްފައިވާ ނަންތަކަކީ ހާދިސާގައި އުޅޭ މީހުންގެ އަސްލު ނަންތަކެއް ނޫނޭ އަދި ހަގީގަތް ތިލަކޮށްދިނުމަށާއި އާއިލާގެ ރައްކާތެރިކަމަށްޓަކައި ބައެއް ބަދަލުތަކެއް ގެނެސްފައޭ ވާނީ.. އެނީވޭސް އަސްލުވީ ގޮތް ކިޔާދިން ކަމައް ވަރަށް ބޮޑަށް ސުކުރިއްޔާ...