2020 ވަނަ އަހަރު ނިމި އައު އަހަރަކަށް މަރުހަބާ ކިޔަމުންދާއިރު ފާއިތުވި އަހަރުގެ ކަންތައްތައް ގިނަ ބަޔަކު ދަނީ ހިއްސާ ކުރަމުންނެވެ. މިގޮތުން ބޮލީވުޑުގެ ފަންނާނު އަރުޖުން ރާމްޕާލް ވެސް އޭނާގެ އިހްސާސްތައް ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ.

އައު އަހަރަކަށް މަރުހަބާ ކިޔާއިރު ފާއިތުވި އަހަރު ކުރިމަތިވެފައިވާ ބިރުވެރިކަން ފަދަ އެތައް އިހްސާސްތަކެއް ވާހަކަ ހާމަކޮށް އަރުޖުން ބުނެފައިވަނީ އޭނާގެ ވަށައިގެން އުޅުނު އެންމެން ވެސް ވަރަށް ރަނގަޅަށް ދަސްވެއްޖެ ކަމަށެވެ.

ކޮވިޑް-19 ޕެންޑަމިކްގައި ވެސް ފިލުމީ މަސައްކަތްތައް ފެށުމުން އެކަމަށް ޝުކުރުވެރިވާ ކަމަށާއި ނަމަވެސް އޭނާއަށް އެއަށް ވުރެ ބޮޑު ހިތްދަތިކަމެއް ލިބިފައިވާ ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެއެވެ. އަރުޖުންއާއި ބެހޭގޮތުން އެތައް ވާހަކަތަކެއް ޚަބަރުތަކުން ފެނުނު ނަމަވެސް އޭނާއަށް ސަޕޯޓް ކުރުމުގައި ދެގޮތެއް ނުވެ ތިބި ސަޕޯޓަރުންނަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ފަންނެއްގެ ހައިޞިއްޔަތުންނާއި ބައްޕައެއްގެ ހައިޞިއްޔަތުންނާއި ރައްޔިތެއްގެ ހައިޞިއްޔަތުން އަރުޖުންގެ ޒިންމާ ހަނދާން ހުރި ކަމަށާއި އޭނާ އެއްވެސް ކަހަލަ ގޯސްކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދުވަސްވީ ރަހުމަތްތެރިންނާއި ފަހުގެ ރަހުމަތްތެރިންގެ ތެރެއިން ގިނަ ބަޔަކު އޭނާގެ ރަހުމަތްތެރިކަން ދޫކޮށްލާފައިވާ ކަމަށާއި ދޫކޮށްލައިފައި ދިޔަ ރަހުމަތްތެރިންނަށް، ރަހުމަތްތެރިކަމަށް ޝުކުރު އަދާކޮށް، އަދިވެސް އޭނާއާއިއެކު ތިބި ރަހުމަތްތެރިންނާއެކު އުފަލުގައި އުޅެން ބޭނުންވާ ކަމަށް ވެސް އަރުޖުން ބުނެފައިވެއެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި ޑުރަގު މައްސަލާގައި އެތައް ފަންނާނުންނެއް އެންސީބީއަށް ހާޟިރު ކުރެވި ސުވާލު ކުރެވުނެވެ. އޭގެތެރޭގައި އަރުޖުން ރާމްޕާލް ވެސް ހިމެނެއެވެ. އަރުޖުން ރާމްޕާލް ފުލުހަށް ހާޟިރުކޮށްފައިވަނީ އޭނާގެ ގެ ބަލައި ފާސްކުރުމުން ހުއްދަ ނޫން ބޭހެއް އެގޭތެރެއިން ފެނުމުންނެވެ.