ބޮލީވުޑުގެ އެންމެ ގިނައިން ވާހަކަ ދެކެވޭ އެއް ފިލުމު ސީކުއެލްއެއް ކަމަށްވާ ''ދޫމް'' ފިލުމު ސީކުއަލްގެ ހަތަރުވަނަ ފިލުމު ''ދޫމް 4''ގެ ވިލަންގެ ރޯލުން މިފަހަރު ފެނިގެންދާނީ ދީޕިކާ ޕާޑުކޯން ކަމަށް ޔޭޝް ރާޖު ފިލުމުސްއިން ހާމަކޮށްފިއެވެ.

ދޫމް ސީކުއަލްގެ ފުރަތަމަ ފިލުމު ''ދޫމް''ގައި ވިލަންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޖޯން އަބްރަހަމްއެވެ. ''ދޫމް 2''ގައި ވިލަންގެ ރޯލުން ފެނިފައިވަނީ ރިތިކް ރޯޝަންއެވެ. އަދި ''ދޫމް 3''ގެ ވިލަންގެ ރޯލުން ފެނިގެން ގޮސްފައިވަނީ އާމިރު ޚާނެވެ. މި ތިން ފިލުމުގައި ވެސް ވިލަންގެ ރޯލު ކުޅެފައިވަނީ ފިރިހެން ފަންނާނުންނެވެ.

އެހެންކަމުން ޔޭޝްރާޖު ފިލުމުސްއިން މިފަހަރު ވިލަންގެ ރޯލަށް ބޭނުންވަނީ އަންހެން ފަންނާނެއް ކަމަށް ވަނީ ބުނެފައެވެ. ''ދޫމް 4''ގައި ވިލަންގެ ރޯލު ދީޕިކާ ޕަޑުކޯންއަށް ދިނުމަށް ޔޭޝްރާޖު ފިލުމްސްއާއި ދީޕިކާގެ މެދުގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ރޯލާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައިވާ ދީޕިކާ މި ފިލުމަށް ސޮއި ކުރުމުގެ ކުރިން އޭނާގެ ޝެޓިއުލް ފައިނަލް ކުރަން ޖެހޭނެ ކަމަށް ދީޕިކާ ބުނެފައިވެއެވެ.

ދީޕިކާ މިހާރު މަސައްކަތް ކުރަމުންދަނީ ޔޭޝްރާޖު ފިލުމުސްގެ 'ޕަތަން''ގައި ޝާހުރުކް ޚާނާއި އެކުގައެވެ. މީގެ އިތުރުން އަނަންޔާ ޕާންޑޭއާއި ސިދާންތު ޗަތުރަވޭތީއާއިއެކު ޝަކުންބަތުރާގެ ފިލުމެއްގެ މަސައްކަތް ވެސް ދީޕިކާ ދަނީ ކުރަމުންނެވެ.

މީގެއިތުރުން ވެސް އެތައް ބޮޑެތި ފިލުމުތަކެއްގެ މަސައްކަތްތައް ހުރި ކަމަށް ދީޕިކާ ބުނެފައިވެއެވެ. ޑްރޯޕަތީގެ ދިރިއުޅުމަށް ތައްޔާރުކުރާ ފިލުމަކާއި މަހާބާރަތުގެ ފިލުމެއް ވެސް ކުރިއަށް އޮތްކަމަށް ދީޕިކާ ބުނެފައިވެއެވެ.