"ކޮންކަމަކާ މާބޮޑަށް ތިވިސްނަނީ؟" އިޒްހާމް ގެއަށް ވަންނަމުން އަހަރެންނަށް ބަލާލާފައި އެހިއެވެ.

"ވިސްނާނެނު. މަދައްކާ ވާހަކައެއް އިޒްހާމް އަޑު އަހަނީ އެއްނޫން. މަށަށްދޯ ފެންނާނީ ސައުވީސްގަޑިއިރު ލީމް ޖައްސާ ވައްތަރު. އިޒްހާމް ގިނަ އިރު އޮފީހުގައި ތިއުޅެނީ. އޭނައަށް އަންނަ ބަދަލު އިޒްހާމްއަށް ނޭނގުނަސް މަށަށް އެބަ އިނގޭ" ހިތުގައި ފުނިޖެހެމުންދިޔަ ޝަކުވާ އަހަރެން އިޒްހާމްގެ ކުރިމައްޗަށް ބަންޑުންކޮށްލީމެވެ.

"އަހަރެންނަކަށް ނޭނގޭ ތިކަމަށް ބުނާނެ އެއްޗެއް" އިތުރު އެއްޗެކޭ ނުބުނެ އިޒްހާމް ގޮސް ކޮޓަރިއަށް ވަނުމުން އަހަރެންނަށް ބަލާލެވުނީ އަހަރެމެންގެ ކޮޓަރިއާ ޖެހިގެން ހުންނަ ލީމްގެ ކޮޓަރިއާ ދިމާލަށެވެ. ލީމްއަކީ އަހަރެމެންގެ ދަރިފުޅެވެ. މިހާރު އުމުރުން ފަސް އަހަރުވާން ކައިރިވެފައިހުރި ލީމްއަކީ ކުޅޭ ސާމާނަށް ވަރަށް ފޯރިހުންނަ ކުއްޖެކެވެ. އެކި ވައްތަރުގެ ކުޅޭ ސާމާނު އަބަދުވެސް ލީމް ބޭނުންވެއެވެ. އަހަރެމެން ދެމަފިރިން އެންމެ ފަހުން އިންޑިޔާއަށްގޮސްފައި އައިއިރު ލީމްއަށް ވަރަށްބޮޑު ބުދެއް ގެނެސްދިނީމެވެ. ދިގު އިސްތަށިގަނޑަކާއި ހުދު ދެއަތާއި ދެފައި ހުންނަ އެބުދުގައި ދެފޫޓު ހުރެއެވެ. އެބުދު އަހަރެމެން ގަނެ ދިން ފަހުން ލީމް އޭނަގެ ކުރީގެ ބުދުތައްދެކެ ފޫހިވިއެވެ. މިހާރު ލީމް ބުނާގޮތުން އެބުދަކީ ލީމްގެ ބެސްޓް ފްރެންޑެވެ.

އަހަރެން ޤަބޫލުކުރަމެވެ. ކުޑަކުދިންނަކީ އަމިއްލައަށް ބުދުތަކާއި އެހެނިހެން ކުޅޭ އެއްޗިއްސާ އަދި އެކަނި ތިބެވެސް ވާހަކަ ދައްކާ ބައެކެވެ. އަދި އެގޮތަށް ލިބޭ ކުޅޭ އެއްޗެހި ވަރަށް ގިނައިން އެކުދިން ގެންގުޅެއެވެ. ލީމްއަށް އެބުދު ލިބުނުފަހުން މިހާރު އޭނަގެ މިޒާޖު ވަރަށް ބޮޑަށް ބަދަލުވެއްޖެކަން އަހަރެންނަށް ފާހަނގަވެއެވެ. ރޭގަނޑު އެތަށް ދަމެއް ވަންދެން އޭނަ އެބުދާ ވާހަކަ ދައްކަން އޮވެއެވެ. އެބުދުގެ މެޔަށް ފިއްތާލުމުން "އަހަރެންނާއެކު ކުޅެން އާދޭ" މިހެން އެބުދު ބުނާނެއެވެ. އެގޮތަށް ވާހަކަ ދައްކާ ބުދެއް ލިބުމުން އަދި ލީމްގެ އުފާވެރިކަން މާބޮޑުވިއެވެ. ނަމަވެސް މިހާރު އެކަމަކީ އަހަރެންގެ ހިތުގައި ވަހުމްތައް އުފައްދާ ކަމަކަށްވަނީ ވެފައެވެ. ބައެއް ރޭރޭ ލީމް އަހަރެންނާއެކު ނިދަން ދާކަށް ބޭނުން ނުވާނެއެވެ. އަހަރެންނާއެކު ހޭދަކުރާ ވަގުތަށްވުރެ އޭނައަށް މުހިންމުވަނީ އެބުދާއެކު ވަގުތު ހޭދަކުރުމެވެ. މިހާރު އަހަރެން ކޮންމެ ރެއަކު އެކޮޓަރިއަށް ދާއިރު ލީމް އެނދަށް އަރައި އޮވެ އެބުދު ކައިރީގައި ބާއްވައިގެން އޮވެ އެތައް ވާހަކައެއް ދައްކާތަން ފެނެއެވެ. އަހަރެން ފެނުނަސް ފެންނަ ކަމަކަށްވެސް ހަދައެއްނުލައެވެ. އިޒްހާމްއަށް މިކަންތައް ބޮޑުކަމަކަށް ނުވަނީ އޭނައަށް އަބަދު ދަރިފުޅާއެކު ވަގުތު ހޭދަނުކުރެވޭތީއެވެ.

އެއްދުވަހެއްގެ ރެއެވެ. ދަރިފުޅަށް ކާންދޭންވެގެން އަހަރެން އިނީ އޭނަ ގޮވައިގެން އައިސް ބަދިގޭގައެވެ. އޭރުވެސް އެބުދު ލީމްއަތުގަ އޮތެވެ. އަހަރެން ވިސްނައިގެން ހުރީ މިރޭ ކޮންމެހެން ހަދާފައިވިޔަސް އެބުދު ފޮރުވުމަށެވެ. ބުދާ ވާހަކަ ދައްކަން އިނދެ ލީމް ކައިނިއްމާލާފައި ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ. އަހަރެންވެސް އޭނަގެ ފަހަތުން ވަދެ ލީމް ނިދަން ތައްޔާރުކުރުވައިގެން ގޮސް ލީމް ކައިރީގައި އޮށޯވެލަން އުޅުނީމެވެ.

"މަންމި ދޭ. ލީމް ނިދާނީ ބެސްޓްފްރެންޑްއާއެކު" ލީމް ވަގުތުން އަހަރެންނަށް ހުރަސް އެޅިއެވެ.

"ލީމް. ތިކަންތައް މާ ބޮޑުވަނީ މިހާރު އިނގޭ. މަންމައަކަށް ނޯވެ މިހާރު ލީމް ކައިރީގަ އޮވެވޭކަށްވެސް. އަބަދު ތިބުދަކާ ހެދީ" މިހެން ބުނެ ރުޅި އައިސްގެން އަހަރެން ކޮޓަރިން ނުކުމެ ސިޓިންގްރޫމަށް ދިޔައީމެވެ. ލީމްއަށް ނިދޭނެހާ އިރުކޮށްފައި އެކޮޓަރިއަށްވަދެ ލީމްގެ ކައިރީގައި އޮތް ބުދު ނަގައި އަހަރެންގެ ކޮޓަރިއަށް ވަދެ އަލަމާރިއަކަށް އެލައި ފޮރުވާލުމަށްފަހު އެނދަށް އަރައި ހަމަޖެހިލިވަގުތެވެ. ވަރަށް ބާރަށް ރޮމުން ރޮމުން ލީމް ދޮރުގައި ތަޅަން ފެށިއެވެ. އަހަރެން ގޮސް ދޮރު ހުޅުވުމުން ރުޅިއައިސްގެން ހުރެ ބަލާލީ އަހަރެންގެ ކޮޓަރީގައި ހުރި އަލަމާރިއަށެވެ. އަހަރެންގެ މެޔަށް ފިނިވެގެން ދިޔައީ އެތަނުގައި އެބުދު އޮތްކަން ލީމްއަށް އެނގުނުގޮތަކާމެދު ވިސްނާފައެވެ.

އެރޭ އަހަރެން އެބުދު ނުދެނީސް ލީމްގެ ރުއިން ހުއްޓާލާކަށް ނޫޅުނެވެ. އެންމެ ފަހުން އިޒްހާމް އެކަމާ ރުޅިއައިސްގެން އުޅެން ފެށުމުން އަހަރެންނަށް ޖެހުނީ އެބުދު ލީމްއަތަށް ދޭށެވެ.

އޭގެ އަނެއް ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. އަހަރެން ކޮޓަރީގައި އުޅެފައި ނުކުތްއިރު ލީމްގެ ކޮޓަރިން ލީމް ވާހަކަ ދައްކާ އަޑުއިވެއެވެ.

"ތިހާ ބިރުވެރިކޮށް ނުބަލަބަލަ.. ބިރުގަނޭ" ލީމް ފާޑަކަށް ރޮމުން ވާހަކަދެއްކިއެވެ.

"ކީއްވެ ރުޅިއައީ ލީމްދެކެ؟"

އަހަރެން ވަރަށް ސިއްރުން ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލައި ބެލި އިރު ލީމް އޮތީ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއްފަހަރު އަހަރެންގެ މޫނަށް އަނެއްފަހަރު ލީމްގެ އެނދުގަ ހުރި ހުސްތަން އަހަރެންނަށް ދައްކަމުން ދިޔައެވެ. މިހެން ލީމް ތަކުރާރުކޮށް ލޮލުން ވައްތަރެއް ޖައްސަން ފެށުމުން އަހަރެން ކައިރީގައި ކޮންމެވެސް ވާހަކައެއް ބުނަން ލީމް ބޭނުންވާހެން އަހަރެންނަށް ހީވާން ފެށިއެވެ.

"ދަރިފުޅާ.. ކިހިނެއްވީތަ؟" އަހަރެން ކުރިއަށް ޖެހިލަމުން އަހާލީމެވެ. ލީމްގެ އެނދާ ދިމާލަށް އަހަރެން ބެލިއިރު ލީމްގެ ކަނާތަށްވާގޮތަށް އެނދުގައި ހުސްކޮށް އޮތްތަނުގައި އެއްކަލަ ބުދު އޮތެވެ. އަހަރެން ލީމް އާދިމާލަށް އަތް ދިއްކޮށްލުމުން ލީމް އަހަރެން ކައިރިއަށް އަންނަން އުޅުނުކަން ފާހަނގަވިއެވެ. ނަމަވެސް ތެދުނުވެވިފައި ވަރުބަލި ގޮތަކަށް އޮތީއެވެ. އަހަރެން ބަލާކަށްނުހުރެ ލީމް އެނދުން ނަގައި އުރާލީމެވެ. އަދި އަހަރެންގެ ކޮޓަރިއަށް ލީމް ގޮވައިގެން ވަދެ އެނދުމަތީގައި ބޭންދުމަށްފަހު ލީމްގެ އަތުގައި ހިފާލީމެވެ. ތަފާތުކަމެއް ހުރިހެން ހީވެގެން އަހަރެން ލީމްގެ އަތަށް ވަރަށް ފުންކޮށް ބަލައިލީމެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ ލީމްގެ އަތުގެ ކުޑަހުޅާ ދިމާލުން މީހަކު ހިފާފައި ހުރި ކަހަލަ ނިޝާންތަކެއް ފެންނަން ހުރުމުންނެވެ.

"އިޒްހާމް. ތެދުވެބަލަ" އަހަރެން އިހްޒާމްއަށް ގޮވަން ފެށީމެވެ.

އޭތް އިޒްހާމް. ތެދުވެބަލަ. ނިކަން މީނައަށް ބަލާބަ. މަ އެބަ އަންނަން" މިހެން ބުނެ އިޒްހާމް ހޭލުމުން އަހަރެން އެނދުން ތެދުވެގެން ކޮޓަރިން ނުކުމެ ލީމްގެ ކޮޓަރިއާ ދިމާލަށް ހިގައިގަތީމެވެ. އަހަރެން ގައިމުވެސް އެކޮޓަރިން ނުކުތީ އެކޮޓަރީގެ ލައިޓު ނިއްވާފައެއްނޫނެވެ. އަހަރެން ނުކުތްއިރުވެސް އެލައިޓް ހުންނާނީ ޖައްސާފައެވެ. ނަމަވެސް މިހާރު އެލައިޓްހުރި ނިއްވާފައެވެ. މުޅި ކޮޓަރީގައި ހުރީ އަނދިރިކަމެވެ. އަހަރެން ކޮޓަރީގެ ބޮކި ޖައްސަން ބޭނުންނުވީ ބަލަން ނުކެރޭވަރުގެ އެއްޗެއްފެނިދާނެކަމަށް ހިތް އިންޒާރުދިންވަރުންނެވެ. ކުއްލިއަކަށް އެކޮޓަރި ތެރެއިން "އަހަރެންނާއެކު ކުޅެން އާދޭ" މިހެން ބުނެލި އަޑު އިވުނެވެ. އެއީ އެބުދުގެ އަޑެވެ. އެހެންވެ އެކޮޓަރީގެ ދޮރު ލައްޕަން ހިތަށް އަރާފައިވެސް ދުވެފައިގޮސް ކޮޓަރިއަށް ވަނީ ގަތް ބިރެއްގެ ސަބަބުންނެވެ. އަހަރެން ކޮޓަރިއަށް ވަތްއިރު އިޒްހާމްއިނީ ލީމްގެ އަތުން ފެންނަ ނިޝާންތަކަށް ބަލާށެވެ.

"މީކާކު ކުރި ކަމެއް؟" ހައިރާންވެފައި ހުރެ އިޒްހާމް އެހީ ލީމް ކައިރީގައެވެ.

"ތިއީ މަންމަ އެބުދު ގެންދިޔައިމަ އެބުދު ކުރި ކަމެއް. މަންމި ކައިރިއަށް ނުފޮނުވަން ވެގެން ކޮއްކޮގެ އަތަށް އަބަދު ތަދުކުރަނީ" އަހަރެންނަށް މިފަހަރު އިޒްހާމްގެ މޫނުމަތިން ބިރުވެރިކަން ފެންނަން ފެށިއެވެ.

"އެކަމަކު ދަރިފުޅާ.. އެއީ ބުދެއްނު. ބުދަކަށް މިހެން ނެހެދޭނެނު" އަހަރެން ލީމް ކައިރީގައި އިށީންނަމުން އެހީމެވެ.

"ބުދެއް ނޫނޭ އެއީ ހަމައެކަނި މަންމީ.. ކޮއްކޮ ބިރުގަނޭ" މިހެން ބުނެ ލީމް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި ވަރަށް ފަސޭހައިން ނިދާލިއެވެ. ހީވާގޮތުން އެކުއްޖާއަށް ހަމަ ނިދި ނުލިބޭތާ ވަރަށް ދުވަސް ވެއްޖެއެވެ.

އަހަރެންނާއި އިޒްހާމްގެ މެދުގައި ލީމް ނިދާފައި އޮތްވާ ކުއްލިއަކަށް އަހަރެމެންގެ ކޮޓަރީގެ ދޮރުގައި މީހަކު ވަރަށް ބާރަށް ތަޅާ އަޑުއިވުނެވެ. އިހްޒާމްވެސް އަހަރެންވެސް ދިޔައީ ސިއްސައިގެންނެވެ. ލީމްއަށް ވަގުތުން ހޭލެވި ރޮވެން ފެށުނެވެ.

"އެއައީނު. ދެން ލީމް ނުދާނަން ބުދު ކައިރިއަށް" މިހެން ކިޔައި ލީމް ރޯން ފެށުމުން އަހަރެންގެ ފިރިމީހާ އޭނަގެ ފޯނު ނަގައި ޤްރްއާން އަޅުވާލިއެވެ. ގުރުޢާންގެ އަޑު ޖެހުމުން ދޮރުގައި ޓަކިޖެހުން ހުއްޓުނެވެ. އަދި ލީމްވެސް ރުއިން ހުއްޓާލުމަށްފަހު މަޑުން އޮވެ ނިދައިފިއެވެ. އަހަރެންގެ ފިރިމީހާ ކޮޓަރިން ބޭރަށް ނުކުންނަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން ކިޔާވަރުން އާދޭސްކުރާވަރުން ނުކުންނާކަށް ނުކެރުނެވެ. މިހެން ތިއްބާ އަހަރެމެންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

އޭގެ އަނެއް ދުވަހު އަހަރެމެން ރުޤްޔާ ކުރާ މީހެއް ގެއަށް ގެނައީމެވެ. ލީމްގެ ކޮޓަރިއަށް އެމީހާ ވަނުމަށްފަހު ނުކުމެގެން އައީ އެއްކަލަ ބުދު ހިފައިގެންނެވެ. އަދި އެބުދު ނައްތާލަން ޖެހޭކަމަށް ބުންޏެވެ. އަހަރެމެން ހުއްދަ ދިނުމުން ޤްރްޢާންގެ އާޔަތްތަކެއް ކިޔެވުމަށްފަހު އެބުދު ފެން އެއްޗެއްގެ ތެރެއަށް ތިން ފަހަރު ގަންބާލައި ކަރާސީންތެޔޮ އޭގައި ޖެހުމަށްފަހު އެމީހާ އެބުދު އަންދާލިއެވެ. އަދި ގޭތެރޭގައި ލީމްއަށް އަޑުއިވޭވަރަށް ޖަހަން އާޔަތްތަކެއް ދީފައި ދެއިރު ޒިކްރްކޮށް ވީހާވެސް ނަމާދަށް ފަރުވާ ބެހެއްޓުމަށް އެމީހާ އަހަރެމެންނަށް ނަޞޭހަތްދިނެވެ. އަދި ދުވަހަކުވެސް އިންސާނުންގެ ވައްތަރު ހުންނަ ބުދު ކަހަލަ އެއްޗެހި ކުދިންނަށް ހޯދައި ނުދިނުމަށް އެމީހާ އަހަރެމެން ކައިރީގައި ބުންޏެވެ. އާންމުކޮށް ޖިންނި ޝައިތާނުން ކުދިންނާއި އަވަލަވާއިރު ބަލަނީ އެކުދިން އެންމެ ލޯބިވާ އެއްޗެއްގެ ސިފައިގައި އެކުދިންނާއެކު ވުމަށްކަމަށްވެސް އެމީހާ ކިޔައިދިނެވެ.

އަހަރެމެންނަށް ލީމްގެ ފަހުން އިތުރު ދެކުދިން ލިބުނެވެ. ނަމަވެސް ދުވަހަކުވެސް އަހަރެމެން އެކުދިންނަށް ބުދުކަހަލަ އެއްޗެހި ކުޅޭކަށް ހޯދައިނުދެމެވެ. އަދި އިރާދަފުޅުން ލީމްއަށް ދިމާވިފަދަ ކަމެއް އަހަރެމެންގެ އެއްވެސް ކުއްޖަކަށް އެފަހުން ދިމާނުވެއެވެ.

 

ނިމުނީ

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔުންތެރިޔާ

    ވަރަށް އުފާ ވެއްޖެ މިކަހަލަ އިބުރަތްތެރި ވާހަކައެއް ގެނެސްދިނީމަ

    • އިޝާ?

      މީ 2

      • ޓރ

        މީ 3

        • ގަގަ

          މީ 4

  2. ؟؟؟މިއީ؟؟

    "ދުވަހަކުވެސް އިންސާނުންގެ ވައްތަރު ހުންނަ ބުދު ކަހަލަ އެއްޗެހި ކުދިންނަށް ހޯދައި ނުދިނުމަށް އެމީހާ އަހަރެމެން ކައިރީގައި ބުންޏެވެ. އާންމުކޮށް ޖިންނި ޝައިތާނުން ކުދިންނާއި އަވަލަވާއިރު ބަލަނީ އެކުދިން އެންމެ ލޯބިވާ އެއްޗެއްގެ ސިފައިގައި އެކުދިންނާއެކު ވުމަށްކަމަށްވެސް އެމީހާ ކިޔައިދިނެވެ.،" މިއީ ތެދެއްތަ؟؟