ފާއިތުވި 50 އަހަރުތެރޭ ދުނިޔެ އެންމެ ބާރަށް އެނބުރިފައިވަނީ ނިމިދިޔަ 2020 ވަނަ އަހަރު ކަމަށް ސައިންސްވެރިން ބުނެފިއެވެ.

1960 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ބާރު މިނުގައި ދުނިޔެ އެނބުރިފައިވާ 28 ދުވަސް އެއީ މިދިޔަ އަހަރުގެ ތެރޭގައި އައިސްފައިވާ ދުވަސްތަކެވެ. އެގޮތުން ބަލާއިރު، އެހެން އަހަރުތަކާއި ހިލާފަތް ދުނިޔެ އެނބުރޭ ބާރުމިން ވަނީ މިލިސިކުންތު އަވަސްވެފައެވެ.

މިއީ އެއްވެސް ގޮތަކަށް ހައިރާންވާ ވަރުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ އެނބުރުން ދުވަހުން ދުވަހަށް ދުނިޔޭގެ ޖައްވީ ފަށަލަ، ވައި، ދިޔަވަރަށް ބަލާފައި ބާރުވާ ކަން ސައިންސްވެރިން ބުނެއެވެ.

މީގެ ކުރީ އަހަރުތަކުގައި ދުނިޔެ އެނބުރިފައިވާ ބާރު މިނަށް ބަލާއިރު، އެ އަހަރުތަކުގައި ސައިންސްވެރިން ވަނީ "ލީޕް ސެކަންޑް" އިތުރު ކޮށްފައެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ސައިންސްވެރިން ބުނެފައިވަނީ "ލީޕް ސެކަންޑް" ކަނޑަން ޖެހިދާނެ ކަމަށެވެ.

އެއީ އެ އަހަރުގެ ދުވާލެއް ދިގު ދެމިގެން ގޮސްފައިވަނީ 86,400 ސިކުންތަށް ކަމަށްވާތީއެވެ. 2020 ވަނަ އަހަރަކީ އާދަޔާއި ހިލާފަށް ދުނިޔެ ބާރުކޮށް އެނބުރު އަހަރެއް ކަން ފާހަގަކޮށް އެބޭފުޅުން ބުނެފައިވަނީ މީގެ ކުރިން އެންމެ ބާރު މިނުގައި 28 ދުވަހު ދުނިޔެ އެނބުރިފައިވަނީ 2005 ވަނަ އަހަރު ކަމަށެވެ.

މިދިޔަ އަހަރު އެންމެ ކުރު ދުވަހަކަށް ސައިންސްވެރިން ބުނެފައިވަނީ ޖުލައި 19 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު ދުނިޔެ 86,400 ސިކުންތައް ވުރެ 1.4602 މިލިސިކުންތު އަވަސް ކަމަށް ވަނީ ބުނެފައެވެ.