ބޮލީވުޑުގެ ''ކިންގް ޚާން'' އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ސަޕޯޓަރުން އުޅޭ، މަޝްހޫރު ފަންނާނެކެވެ. ޝާހުރުކް ޚާނާއި ބައްދަލު ކުރަން ބޭނުންވާ އެތައް ފަރާތެއް އުޅޭ ފަދައިން އޭނާއާއި އެކު ފިލުމުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ އެތައް ބަޔަކު އުޅެއެވެ.

ޝާހުރުކް ޚާނާއި ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކުން ބުރަ މަސައްކަތާއިއެކު ދިގު އިންތިޒާރެއް ކުރެއެވެ. ހަމައެފަދައިން ޝާހުއާއި އެކު މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ވެސް ދިގު އިންތިޒާރެއް ކުރެއެވެ. ވަކީން ހާއްސަކޮށް އައު ޑައިރެކްޓަރުން ފާހަގަ ކޮށްލެވެ.

މިގޮތުން ބެންގަލޫރުގެ ޒުވާން ޑައިރެކްޓަރެއް ކަމަށްވާ ޖަޔަތު ސީގު ޝާހުރުކް ޚާނާއި އެކު ފިލުމެއް ހަދަން ބޭނުންވާތީ އެ ފިލުމުގެ ސްކްރިޕްޓް ޝާހުއަށް އިއްވައިދިނުމަށްޓަކައި ޝާހުގެ ގޭގެ ބޭރުގައި ކޭމްޕް ޖަހައިގެން ދަނީ އެތައް އިންތިޒާރެއް ކުރަމުންނެވެ.

ބެންގަލޫރުން މުމްބާއީއަށް އޭނާ އައިސްފައިވަނީ އޭނާގެ ފިލުމުގައި ޝާހު ބައިވެރިކުރަން ބޭނުންވާތީ އެ ފިލުމުގެ ސްކްރިޕްޓް ޝާހުއަށް އަޑުއިއްވުމަށެވެ. ޝާހުގެ ގެ ''މަންނަތު'' ބޭރުގައި އޭނާ ހުންނަތާ ހަތަރު ދުވަސްވެއްޖެކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ޖަޔަތު އަންނަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ވެސް މިކަމުގެ އަޕްޑޭޓްތައް ދެމުންނެވެ. ޕޯސްޓަރެއް ހިފައިގެން ޝާހުގެ ގެ ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

މިއިން ޕޯސްޓެއްގައި އެންމެންގެ ފަރާތުން ޖަޔަތު އެދިފައިވަނީ ޝާހުރުކް ޚާނާއި ހަމައަށް މި ޚަބަރު ފޯރުކޮށްދިނުމަށެވެ.

ޝާހުގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ މިހާރު ކުރަމުންދަނީ ފިލުމު ''ޕަތަން''ގެ މަސައްކަތެވެ. މި ފިލުމުގައި ޝާހުއާއި އެކު ދީޕިކާ އަދި ޖޯން އަބްރަހަމް ފެނިގެންދާނެއެވެ.