(ފުވައްމުލައް ސިޓީ) އިހު އެވޭލާ ޒަމާނަކީ ޑޮކްޓަރީ ބޭސްވެރިކަން އޮންނަ ޒަމާނެކެވެ. އޭރު ބައްޔެއް ވެއްޖެ ނަމަ އޮންނަނީ ފަތްޕިލާވެލީގެ ބޭސްވެރިކަމާއި ފަންޑިތަވެރިކަމެވެ. އޭރު ބައެއް މީހުންނަކީ ބޭސްވެރިކަމަށް ވުރެ ބޮޑަށް ފަންޑިތަވެރިކަމަށް ލޯބިކުރާ ބައެކެވެ. އޭރު މަސްއޮޑިތަކަށް މަސް ބޭނޭ މިންވަރު މަދުވިޔަސް ހަދަނީ ފަންޑިތައެވެ. މާބޮޑަށް ކަންކަމާ ހާސްވިޔަސް، ހުން އަޔަސް ފަންޑިތަ ހަދާ މީހުން މަދެއް ނޫނެވެ.

ފަންޑިތަވެރިކަމަކީ އިހު ޒަމާނުގައި މޮޅު ކަމެއް ކަމަށް ގިނަ ބަޔަކު ދުށް ކަމެކެވެ. އެހެންކަމުން ރަށަކަށް މޮޅު ފަންޑިިތަވެރިޔަކު އައިސްފި ނަމަ އެ މީހެއްގެ ކައިރިއަށް ޝަކުވާ ހިފައިގެން ދިއުން އޮންނަނީ އާންމު ކަމަކަށް ވެފައެވެ. ފަންޑިތަވެރިކަމުގެ އިތުރަށް، ތަފާތު އެކި ކިޔެވެލިތައް ކިޔަވައިގެން ހުން މައިތިރި ކުރުން ފަދަ ކަމަކީ އެ ޒަމާނުގައި އާދަވެގެން ކޮށް އުޅުނު ކަންކަމެވެ.

ކޮންމެ އަކަސް މީގެ 70 ވަރަކަށް އަހަރު ކުރިން ފުވައްމުލަކަށް އައްޑޫގެ މަޝްހޫރު ފަންޑިތަވެރިޔަކު އަމިއްލަ ދަތުރެއްގައި އައުމުން އޭނާ ގާތަށް ވެސް ފަންޑިތަ ހައްދަން މީހުން ގޮސް އުޅުނު ކަމަށްވެއެވެ. އޭނާ އަށް ފުވައްމުލަކު މީހުން ކިޔާ އުޅުނު ކަމަށް ވަނީ އަލިބެއްޔާއެވެ. އޭނާ އަކީ ކޮންމެވެސް ވަރަކަށް ބޭސްވެރިކަން ވެސް އެނގި ހުރި މީހަކަށްވާއިރު މި ރަށުން ދިމާވީ ހަނދާނުން ފިލުވާލަން ދަތިވަރުގެ ކަމެކެވެ. މިވީ ގޮތަކީ މި ރަށުގެ ޒުވާން އަންހެން ކުއްޖަކު އަބަދު ހުން އައިސް ވަރުބަލިވާގޮތް ވާތީ ކުޅަދާނަ ނުވެގެން އަލިބެއްޔާ ކައިރި އަށް ދިއުމުން އަލިބެއްޔާ ނިންމީ އޭނާ އަށް "ފެންތައްތެއް" ލިޔެދޭށެވެ.

މިވެސް އޭރު ކޮށް އުޅުނު ކަމެކެވެ. މިކަން ކުރާ ގޮތަކީ ދޮލަނގެއް ޒާތުގެ އެއްޗެއްގައި ފަންޑިތަވެރިޔާ ލިޔާ ލިޔުމެއް ލިޔެފައި އެ ދޮލަނގަށް ފެންފޮދެއް އެޅުމަށް ފަހު، އެ ފެންފޮދު ތަށްޓަކަށް އަޅަނީއެވެ. މިހެން ހެދުމަށް ފަހު އަލިބެއްޔާ ދޭ ފެންތަށި ބޯން ފެށިތާ ހަފްތާއެއް ނުވެ އެއްކަލަ އަންހެން ކުއްޖާ ހުން އައުން ހުއްޓިއްޖެއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ފޮނިކާތަކެއްޗާއި، މޭވާ އާއި ތަރުކާރީ އެއްކޮށްގެން އަލިބެއްޔާ އަށް ވެދުން ކުރަން ގޮސްފިއެވެ.

އަލިބެއްޔާ ދިރިއުޅުނު ގެއަށް ގޮސް މިތަކެތި އަލިބެއްޔާއާ ހަވާލުކުރި ހިސާބުން ދިމާވީ މާ މަޖާ ކަމެކެވެ. އަލިބެއްޔާ ފުވައްމުލަކަށް އައިސް ހުރި ގޭގައި ކުޑަ ކުއްޖަކު އުޅުނެވެ. އަލިބެއްޔާ އަށް އެ އަންހެން ކުއްޖާ ގެންދިޔަ ހަދިޔާ ދިން ހިސާބުން މި ކުޑަ ކުއްޖާ ޝަކުވާ ކުރަން ފެށިއެވެ. އެ ހަދިޔާތައް ލިބެންވާނީ އަލިބެއްޔާ އަށް ނޫން ކަމަށާއި އެ ހަދިޔާގެ ހައްގުވެރިޔަކީ އޭނާ ކަމަށް މި ކުޑަކުއްޖާ ދައުވާ ކުރަން ފެށިއެވެ.

އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން ތަށި ލިޔަނީ އަލިބެއްޔާ ނޫން ކަމަށާއި އެކަން ކުރަނީ އޭނާ ކަމަށް ވެސް މި ކުޑަ ކުއްޖާ ބުނެފިއެެވެ. ދެން މި ވެގެން އުޅޭ ގޮތް ބަލާލި އިރު ކޮންމެ ރެއަކުވެސް އަލިބެއްޔާ ތަށި ލިޔަނީ މަގްރިބް ނަމާދަށް ފަހުގައެވެ. އަދި ތަށި ލިޔެފައި ބަހައްޓާފައި ދަނީ އިޝާ ނަމާދަށެވެ. ތަށި ބަލާ އަންނަން ބުނަނީ އިޝާނަމާދު ނިމުމުންނެވެ. މި ހުރިހާ ކަމެއް އަލިބެއްޔާ ކުރާ އިރު އެއްކަލަ ކުޑަ ކުއްޖާ ހުންނަނީ މަންޒަރު ބަލާށެވެ. އެހެން ކަމުން އެ ދޮލަނގުގައި އަލިބެއްޔާ ލިޔާ ލިޔުމާއި، އެ އަށް ފަހު އޭނާ އަމަލު ކުރާ ގޮތް އޭނާ އަށް ފެނެއެވެ.

އެހެންކަމުން މި ކުޑަކުއްޖާ މި ތަށި ބޯހިތްވުމުން މި ހަދާގޮތަކީ، އަލިބެއްޔާ ލިޔުނު ތަށި ބޯލާފައި، އަމިއްލަ އަށް ކުރެހުނުހާ ކުރެހުމެއް ދޮލަނގުގައި ކުރަހާފައި، އެއަށް ފެން އަޅާ، ފެން ފޮދު ތައްޓަށް އޮއްސާލުމަށް ފަހު ހުރިގޮތަށް ބަހައްޓަނީއެވެ. އެހެންވީމަ ހުން އައި އަންހެން ކުއްޖާ އަށް ބޮވިގެން މިއުޅޭ މާމޮޅު ފަންޑިތަ ބޭހަކީ އެއްކަލަ ކުޑަ ކުއްޖާ ލިޔުނު "ހޮޅި" ތައްޓެެވެ.

މިއީ އިހ ޒަމާނުގައި ފަންޑިތަވެރިކަމަށް ބަރޯސާވެ އިތުބާރު ކުރި މިންވަރުން ވަރަށް ގިނަ ފަހަރު ހިނގާ ކަންކަމެވެ. އެއީ ފަންޑިިތަ ހެދުމުން އެކަން ރަނގަޅުވާނެ ކަމަށް މާ ބޮަޑަށް ގަބޫލު ކުރެވޭތީ ވާގޮތެވެ. މި ވާހަކަ ވަގުތަށް ކިޔާދެނީ އަލިބެއްޔާ ފުވައްމުލަކުގައި އުޅުނު އިރު އެގެއަށް އައިސް ގޮސްވި އިސް ރަށްވެއްސެކެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  ސޫރަތުލް ފާތިހާ އަކީ ޝިފާއެކެވެ އެއްވެސް ދެއްޔެއް ދަވާދެއް ނުއުގުޅިޔަސް އެސޫރަތުގައި އާދަޔާ ޚިލާފު ބާރެއްވެޔެވެ

  56
  2
 2. ބޭޗާރާ

  ފަންޑިތަ ހެދީ ކުޑަކުއްޖާއެއް ނޫން. ކުޑަ ކުއްޖާ ފަންޑިތަ ހަދަން ފެން ތިއަޅަނީ އަލިބެއްޔާ ފެން އެޅި ދޮލަގަށް އަލިބެއްޔާ ލިޔުނު އެއްޗަކަށް. ދޮލަނގުގައި ފެން ހުރިނަމަ ކުއްޖާ އެކުރަހާ ކުރެހުމެއް ކުރަނީވެސް އަލިބެއްޔާ އެޅި ފެނުގެ ތެރޭގައި އެ އަސަރުހުރި ފެނުގެ ތެރެއަށް. މީހަކަށް ބޭރުފުށުން ވިސްނީމާ ތިހެން ފެނިދާނެ.

  1
  17