ކުރީ ޒަމާނަކީ ހަޔާތުގެ ކަންކަން ނިންމުމުގައި ވަރަށް ފުން ވިިސްނުމަށް ފަހު ނޫނީ ކަންކަން ނުނިންމަން މީހުން ސަމާލުކަން ދިން ޒަމާނެކެވެ. އާއިލާގެ އިސް ރަށްވެހިންނާއި ދުވަސްވީ ހަރު މީހުންގެ ބަސް ނުހޯދާ އެއްވެސް ކަމެއް އޭރު ނުނިންމައެވެ. ތިމާގެ އަމިއްލަ ޒާތީ ކަންކަން ވިޔަސް، ހަރު މީހުންގެ ރައުޔު ހޯދައެވެ. ބައެއް ހިސާބުތަކުގައި ކައިވެނިކުރުމަށް އަންހެން މީހާ ރަން ކިޔަނީ ވެސް އޭނާގެ ބޮޑު ދައިތައިންނާއި ދެބެއިންގެ ދެ ދަރިި އަންހެން ވެރިންނާއި މަޝްވަރާކޮށްފައެވެ. ގިނަ ފަހަރު ރަނުގެ ގޮތުގައި ކިޔާ އަދަދަކީ ތިމާގެ އެހެން މީހުން ރަނުގެ ގޮތުގައި ކިޔާ އަދަދާ ދާދި އެއްގޮތް އަދަދެކެވެ.

މި ޒަމާނުގައި ރަންކީ ކިޔާ ގޮތާ އޭރު ރަންކީ ގޮތާ ވެސް ވަރަށް ތަފާތެެވެ. މީގެ ސަތޭކަ އަހަރު ކުރިއަށް ޖެހިލާ ނަމަ، ކައިވެނި ކުރަން ބޭނުންވާ އަންހެން މީހާ ކައިރިއަށް ކައިވެނި ހުށަހަޅަން ފޮނުވަނީ ތިމާ ދަންނަ އެހެން ބައެކެވެ. ނޫނީ އެ ކައިވެނީގެ ވާހަކަ ދައްކަނީ އަންހެން ކުއްޖާގެ ބައްޕަ ނޫނީ ވަލީވެރިޔާއާއެވެ. މިގޮތަށް އައްޑޫގެ އަންހެނަކާ އިންނަން ބޭނުންވެގެން ވާހަކަ ދެއްކުމުން، ކައިވެނީގެ ރަނުގެ ގޮތުގައި އެދުނީ މާ ތަފާތު އެއްޗަކަށެވެ.

އޭރުވެސް ރަނުގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި ތަކެއްޗަށް ރަންކިޔާ އުޅުނެވެ. އެގޮތުން ރަނާއި ރިއްސާއި އޮޑި އާއި މި ނޫނަސް އަގު ހުރި ބައެއް ތަކެއްޗަށް ރަން ކިޔުމަކީ ކޮށް އުޅުނު ކަމެކެވެ. ނަމަވެސް އެ އަންހެން މީހާ ރަންކީ މި ބުނާ ޒާތުގެ އަގުބޮޑު އެއްޗަކަށް ނޫނެވެ. އޭނާ ރަންކީ ކަމަށް ވަނީ ހުވަނދު ކިލޯއަކަށެެވެ. އެ ހުވަނދުމާ ކިލޯ ބިނދެ އެއްކުރަން ވާނީ އެ ފިރިހެނަކު އަމިއްލަ އަށް ކަމަށް ވެސް އޭނާ ޝަރުތުކުރިއެވެ. އައްޑޫ ސިޓީގެ އިސް ރަށްވެއްސަކު ކިޔައި ދިން ގޮތުގައި އެ އަންހެން މީހާ އަށް އެ ރަށު މީހުން ކިޔާ އުޅުނީ "ކަނބުލޮ"އެވެ.

ރީތިކަމާއި ޅަބާޅަކަމަށް މަޝްހޫރު އެ އަންހެން މީހާ ސިފަކޮށްދެމުން އެ މީހާ ބުނީ އޭނާ އަކީ ހަމުގެ ކުލަ އަލި، ރީތި ކަޅު ދިގު އިސްތަށިގަނޑެއް އޮންނަ މީހެއް ކަމަށެވެ. އަދި ހުވަނދުމާ ކިލޯ އަކަށް ރަން ކީ އިރު، އެ ހުވަނދުމާ ކިލޯއަކީ ތާޒާ ހުވަނދު މަލަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހުވަނދު މަލަކީ އޭގެ ޒާތުގައި ބަރުދަން ލުއި އެއްޗެކެވެ. މިހާރުވެސް ވިއްކަން ހުނނަ ހުވަނދުމާ ބޯށި ޕެކްގެ ބަރުދަނުގައި ވެސް ހުންނަނީ 20 ގްރާމްއެވެ. އެހެންކަމުން ހުވަނދުމާ ކިލޯއެއް އޭގެ އެންމެ ތާޒާ ގޮތުުގައި ހަމަކުރުމަށް ވަރަށް ގިނަ ހުވަނދުމާ ބޭނުންވާ އިރު، އެއްފަހަރާ އެހާގިނަ ހުވަނދުމާ ބިނދެ އެއްވަރަކަށް ތާޒާ ކަންމަތީ ގެންގުޅުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ގަހުން ބިނުމަށް ފަހު ތާޒާކޮށް ހުވަނދުމާ ރައްކާކޮށްފައި ބެހެއްޓެނީވެސް އާންމުކޮށް ދެ ތިން ދުވަސް ވަންދެންނެވެ. ހުވަނދުމަލުގެ ސައިޒަށް ބަލާ ނަމަ އާންމުކޮށް މަލެއްގެ ބޮޑުމިނުގައި ހުންނަނީ 2.5 ސެންޓިމީޓަރު ނުވަތަ 0.98 އިންޗިއެވެ. އާންމުކޮށް ހުދު ކުލަ ހުންނަ މި މަލަކީ ވަރަށް މީރު ވަސް ދުވާ 4-9 ފިޔަ ހިމެނޭ ރީތި މަލެކެވެ.

ހުވަނދުމާ ކިލޯ އަކަށް ރަންކީ ސީދާ ދުވަހެއް ނޭނގުނު ނަމަވެސް، މި ވާހަކަ "ވަގުތު" އާ ހިއްސާ ކުރި މީހާ ކިޔައި ދިން ގޮތުން އެއީ 1900ގެ ކުރީ ކޮޅު ހިނގި ކަމެކެވެ. އަދި މި ހާދިސާ އޭނާ އަށް ކިޔައި ދިނީ އޭނާގެ މާމަ ކަމަށާއި އެއީ ކުޑަ އިރުއްސުރެ އަޑު އަހަމުން އައި ވާހަކައެއް ކަމަށް ވެސް ބުނެފައިވެއެވެ. ކޮންމެ އަކަސް ހުވަނދުމާ ކިލޯ އަށް ރަންކީ ހިސާބުން އެކި މީހުން އޭނާއާ ކައިވެނިކުރަން ހުވަނދުމާ ހިފައިގެން އަންނަ ކަމަށް ވެއެވެ. އެކަމަކު މި އަންހެން މީހާގެ ހިތްހަމަ ޖެހޭ ވަރަށް މާތަކުގައި ތާޒާކަން ނުހުންނާތީ، ނޫނީ ތާޒާ މަލުގެ ބަރުދަނުގައި ކިލޯ ހަމަ ނުވާތީ ކައިވެންޏަށް ކުރަނީ އިންކާރެވެ.

އެ ޒަމަނަކީ ވަރަށް ހަގު އުމުރުގައި އަންހެނުން ކައިވެނި ކުރި އުމުރަކަށް ވާއިރު، ކަނބުލޮ ކައިވެނި ކުރީ އޭނާގެ އުމުރުން 30 އަހަރުވާން ކައިރިވެފައި ވަނިކޮށެވެ. އެއީ 30 އަކަށް މީހުން އޭނާއާ ކައިވެނި ކުރަން ހުވަނދުމާ ހިފައިގެން އައި ފަހުންނެވެ. "ކަނބުލޮ" ކައިވެނި ކުރި ކަމަށް ވަނީ އުތުރު ރަށެއްގެ މީހަކާއެވެ. އޭނާ ކަނބުުލޮއާ އިނީ އޭނާ އެދުނު ގޮތަށް އެއް ކިލޯގެ ހުވަދުމާ ތާޒާ ކަން މަތީ އޭނާ އަށް ގެނެސްދީގެންނެވެ. އޭރު މާ ބިންނަން ގޮސް އުޅުމަކީ ފިރިހެނުން އާއްމުކޮށް ކޮށް އުުނު ކަމަކަށް ނުވެފައި އެއް ގެއިން އެހާ ގިނަ ހުވަނދުމާ އެއްފަހަރާ ނުލިބޭނެތީ ހުވަނދުމާ އެއްކުރަން ފުދޭވަރެއްގެ މަސައްކަތެއް ފިރިހެންވެރިން ކުރަން ޖެހެއެވެ. އަދި އެހާ މަސައްކަތުން އެއްކުރާ މާ ތާޒާކަން މަތީ ފޯރުކޮށް ނުދެވމުން އަލުން އަނެއްކާ މާތައް އެއް ކުރަން ޖެހުމުން އެކަމުގެ ބުރަކަން އިހްސާސް ވާނެއެވެ.

"ކަނބުލޮ" އަށް ހުވަނދުމާ ކިލޯ އަކަށް ރަން ކިޔަން އޭނާގެ މާމަ ލަފާ ދިނީ ހުވަނދުމާ އެއްކުރުމުގެ ތެރޭގައި އެ ކައިވެންޏަށް އެ ފިރިހެނަކު ބޭނުންވެފައި ހުރި މިންވަރާއި އޭނާގެ ހިތްވަރާއި ކެތްތެރިކަން އެނގޭނެ ކަމަށް ފެންނާތީއެވެ. ކަނބުލޮއާ ކައިވެނި ކުރި މީހާ ހަތް ފަހަރު ހުވަނދުމާ ބިނދެގެން ކަނބުލޮގެ ރަން ފުރިހަމަކޮށްދެވޭތޯ މަސައްކަތް ކުރިކަމަށް ވެއެވެ. އެހެންވީމަ މިއީ ލޯބީގެ ލާމަސީލު މިސާލެއް ނޫންތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިއީ ދުއްޕާން ކުރުން އަމިއްލަ އެދުމުގެ އިންތިހާ

    31
    17
  2. ޖުހާ

    ތިީހުސްފޭކް.. އެދުވަސް ވަރަކު ކިލޯއެއް ނުހުން ނާނެ.

    16
    11
    • ޕޕ

      ކިލޯ ބޭނުން ކުރި... ޖުހާގެ މޮޔަ ކަން

  3. ތެދުބުނޭ

    ދޮގުހެދިޔަސް ތަންފުކެއް ބޮޑުވަރު. ނަވާރަސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގައި މިނެކިރަން ބޭނުންކޮށްއުޅުނީ މެޓްރިކް ސިސްޓަމެއްނޫން. ވީމާ، ކިލޯ ކިރައިގެން އެއްވެސް އެއްޗެއްގެ ބަރުދަން ބަަލައެއްނޫޅޭ. ދޮގު ހަދަން އުޅެ ދޮގެއް ހަދަންވެސް ނޭނގިފައި އޮތުމާ ވައްތަރީ.

    6
    3