އޮސްޓްރޭލިއާގައި 18 ދުވަސް ވަންދެން ގެއްލިގެން ހޯދަމުން ދިޔަ ފިރިހެން މީހާ ދިރި ހުރީ މަޝްރޫމް އާއި ޑޭމް އަކުން ފެން ބޮއެގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އުމުރުން 58 އަހަރުގެ ރޮބާޓް ވެބާ ގެއްލިފައިވަނީ އޮސްޓްރޭލިއާގެ ސްޓޭޓް އޮފް ކުއިންސްލޭންޑުންނެވެ.

ނަމަވެސް ފުލުހުން ބުނީ، އޭނާ ފެނިފައިވަނީ އެ ގައުމުގެ މީހެއް ފެން ރައްކާކުރާ ޑޭމެއް ކައިރިން ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ފެނުނު އިރު ބަލި ގޮތެއް ހުރި ކަމަށާއި އޭގެ ސަބަބެއް ކަމަށް ބެލެވެނީ ހަޑިގަނޑަށް ބޭނުންވާ ތަކެތި ނުލިބުމުން ކަމަށެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ އެ ގައުމުގެ ކިލްކިވާން އަވަށުގެ ގެސްޓްހައުސް އަކުން ނުކުމެގެން ދަނިކޮށެވެ. އޭރު އޭނާ ދިޔައީ އޮޅުކޮށްގެން ގެންގުޅެމުން އަންނަ ކުއްތާވެސް ގޮވައިގެންނެވެ. އޭނާ އަށް އެގޮތަށް ވެފައިވަނީ ދުއްވާފައި ދިޔަ ކާރު ޗަކަ ވަޅުގަނޑެއްގެ ތެރޭގައި ތާށިވުމުންނެވެ.

ކާރުގައި އޭނާ ތިން ދުވަސް ހޭދަ ކުރި ކަމަށާއި ކާރުން ފައިބައިގެން ހިނގަން ފަށާފައިވަނީ ބޯފެން ހުސްވެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވަކި ހިސާބަކަށް ހިނގާފައި ދެވުމުން އޭނާ ވަނީ ގެއްލިފައެވެ. އޭގެ ފަހުން އޭނާ ކާން ބޭނުން ކޮށްފައިވަނީ މާޝްރޫމް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފެނިފައިވަނީ ކާރު މަޑު ކޮށްފައި އޮތް ސަރަހައްދާ ތިން ކިލޯ މީޓަރު ދުރުން ކަމަށާއި ފެނުނު އިރި ހުރީ ގަހެއްގެ ދަށުގައި އިށިނދެގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު