ހިކެންވެގެން "ލޯ ކެލޮރީ" ގެ އެކި ޑައިޓްތައް ކުރާކަމުގައި ވާނަމަ ހިތުގެ ބަލިތަކަށް މަގުފައިވާ ކަމަށް ސިއްހީ މާހިރުންގެ ދިރާސާތަކުން ދައްކައިފިއެވެ.

އެގޮތުން އިންސާނާގެ އާންމު ސިއްހަތާއި ބެހޭގޮތުން އެމެރިކާގެ ނެޝެނަލް އިންސްޓިއުޝަން އޮފް ހެލްތު (އެންއައިއެޗް) އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، "ލޯ ކެލޮރީ" ގެ އެކި ޑައިޓްތައް ކުރުމަކީ އިންސާނާގެ އާންމު ސިއްހަތަށް ހުރި ނުރައްކަލެއް ކަން ވަނީ ހާމަވެފަ އެވެ. އަދި އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ފުރާވަރުން ކުދިންނަށާއި ޒުވާނުންނަށް ކަމަށްވެސް ބުނެ އެވެ.

"ގިނަ މީހުން ހިކޭނެ ކަމަަށް އުންމީދުކޮށް މީށް މީޑިޔާގައި ހުންނަ އެކި ޑައިޓްތައް އަންނަނީ ކުރަމުން. ގިނަ ފަަހަރަށް ޑައިޓް މި ފެށެނީ އެ މައުލޫމާތަކަށް ބުރަވެ، އެއްވެސް އިތުރު ދިރާސާއެއް ހެދުމެއް ނެތި. މީގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑެތި ގެންލުންތަކެއް ލިބެމުން ދާކަން ފާހަގަކުރެވޭ. ހާއްސަކޮށް ހިތުގެ ނުރައްކާތެރި ބަލިތަކަށް މަގުފަހިވޭ،" އެންއައިއެޗް އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

އަވަހަށް ހިކެން ބޭނުންވާ ގިނަ މީހުންކޮށް އުޅެނީ "ކްރޭޝް ޑައިޓް" އެވެ. މިއީ ދުވާލެއްގެ މައްޗަށް އޭނާ އާންމުކޮށް ކައި އުޅޭ އެއްޗެހި މަދުކޮށް، ފަލަވާ ބާވަތުގެ އެއްޗެހި ކެއުމުގެ ވައްޓަފާޅިއާ އެއްކޮށް ދުރަށް ޖެހިލައިގެން ކުރާ ޑައިޓެކެވެ. އެ ޑައިޓްގެ ނަތީޖާ ކިތަންމެ އަަވަހަށް ފެނުންނަމަވެސް މިއީ ހަށިގަނޑު ނުރައްކަލަކަށް ހުށައެޅިގެން ދާކަމެކެވެ.

މިކަމާއި ގުޅޭ ގޮތުން އެމެރިކާގެ އޮކްސްފޯޑް ޔުނިވާސިޓީގައި ކްލިނިކަލް ރިސާޗް އެންޑް ބަޔޯ މެޑިކަލް އިންޖިނޭރިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖެނިފާ ރޭނާ ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޑައިޓް އަވަސް އަވަހަށް ބަދަލު ކުރުމާއި، އަވަހަށް ހިކެންވެގެން އާންމުކޮށް ކައި އުޅޭ އެއްޗެއްސާ ދުރަށް ޖެހުމުގެ ސަބަބުން މީހާއަށް ނޭނގި ނަމަވެސް އެ ވައްޓާލެވެނީ ހަށިގަނޑު ނުރައްކަލެެއްގެ ތެެރެއަށެވެ.

އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެ ނުރައްކާތެރި ބަލިތަކަށް ހުށައެޅިގެން ދިއުން ގާތްކަމަށާއި، ހިތުގެ ބަލިތައް ޖެހޭނެ ކަމުގެ ބިރުވެރިކަމެއް ވެސް އޮތް ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން މީހާގެ ހަޖަމުގެ ނިޒާމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށާއި ހަޖަމުގެ ނިޒާމުގެ ގުނަވަންތަކަށް ނުރައްކާތެރި ބަލިތައް ޖެހުން ގާތް ކަމަށް ވެސް ބުނެފައިވެ އެވެ.

އަވަހަށް ހިކުމަށްޓަކައި އެކުރަން ގަސްދުކޮށްފައިވާ ޑައިޓެއް ފެށުމުގެ ކުރިން އެއާއި ބެހޭ ފުރިހަމަ މައުލޫމާތު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ޑައިޓް ފެށުމުގެ ކުރިން ނުވަތަ ޑައިޓް ބަދަލުކުރުމުގެ ކުރިން ޑައިޓިސްއަކާއި ބައްދަލުކޮށް ވާހަކަ ދައްކާލާ، ޑޮކްޓަރުގެ ލަފައާއި އިރުޝާދުގެ މަތިން ޑައިޓް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ބާރުއަޅާފައިވެ އެވެ.