(ފަނަރަވަނަ ބައި)

ލުކްޝާން ފޮނުވި މެސެޖްތަކަށް އަހްލާމް އެއްވެސް ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ. އެއީ ލުކްޝާނަށް ވިސްނުނީ ރަނގަޅަށް ކަމަށް ވާތީއެވެ. އެކަމާ ދޭތެރޭގައި އަހްލާމަށް ބުނަން ޖެހޭ އެއްޗެއް ނެތުމުންނެވެ. ނޫނީ އޭނާއަށް އެ މެސްޖެތަކުން އެއްވެސް އަސަރެއް ނުކުރާތީއެވެ. އެއީ އަހްލާމްގެ ހިތުން އޭނާއަށް މާކުރިންސުރެއް މަޢަފް ދީފައިވާތީއެވެ. އިތުރަށް ލުކްޝާނަށް އަހްލާމް ބުނެދޭންޖެހޭ އެއްޗެއް ނެތަތީއެވެ.

"އަހަރެން ބުނަން ބޭނުންވާ ވާހަކަ އަހްލާމް ދެން އަޑުއަހާނަންތަ؟" ލުކްޝާންގެ އަސްލު މަޤްޞަދާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ.

"ސޮރީ! އަހަރެންނަށް ކައިކަށް ނުދެވޭނެ!" އަހްލާމް ހަނދާންކޮށްފައި މެސެޖް ފޮނުވާލިއެވެ.

"އަސްލު އެޔެއް ނޫން ބުނަން އުޅުނު އެއްޗަކީ!" ލުކްޝާން ވަގުތުގެ ބޭނުން ހިފިއެވެ. "އަހްލާމް އަޑުއަހަން ބޭނުން ނުވަންޏާ އަހަރެން އެ ވާހަކައެއް ނުބުނާނަން."

"ތަންކޮޅެއް އަވަހަށް ބުނެދީ! އަހަރެން އަވަހަށް ނިދަން ބޭނުން!" ލުކްޝާން ކުށް އަމިއްލައަށް ޤަބޫލުކުރުމުން އަހްލާމް ލުކްޝާނަށް ފުރުޞަތެއް ދިނެވެ.

"އައި ލަވް ޔޫ!"

އަވަސް އަވަސް ކޮށްލައިގެން އަހްލާމް އޮފީހަށް ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. ލަހުން ނިދުމުގެ ސަބަބުން ލަހުން ހޭލެވުނީއެވެ. އަވަހަށް ނިދުން އެއީ ވަރަށް މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން އަވަހަށް ހޭލެވި މީހާއަށް ތާޒާކަން ގެނެސްދެއެވެ. އެހެނަސް މިއަދު އަހްލާމް ހުރީ ނިދި ބުރާންތިވެފައެވެ. އޮފީހަށް ނުދިއުމަށްވެސް އޭނާގެ ސިކުނޑި އެދުނެވެ. އެހެނަސް އޭނާގެ ހިތް އެދި ގޮވަނީ އަލީފް ދެކުމަށެވެ. އެހެންވުމުން އޮފީހަށް ދިއުމަށް ނިންމީއެވެ.

އަހްލާމަށް އޮފީހަށް ވަދެވުނީ ހަމަކިރިޔާއެވެ. ގަޑިޖެހެން އޮތީ ދެތިން މިނެޓެވެ. ފުން ނޭވާއެއް ލާފައި އަހްލާމްގެ މޭޒުމަތީގައި ހުރި ފެންފުޅިން ފެންފޮދެއް ބޮއެލިއެވެ. އެ މަންޒަރު ބަލަން އެންމެން ތިބީ ހުއްޓިފައެވެ. އެންމެންގެ އަނގަވެސް ހުރީ ކުޑަކޮށް ހުޅުވިފައެވެ. އަހްލާމް އެއްވެސް ފަރުވާލެއްނެތި އޭނާގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީދެ ނިކަން ރަނގަޅަށް ހަމަޖެހިލިއެވެ.

ލުކްޝާން ގޮނޑީގައި އިނދެ ސިއްރުސިއްރުން އަހްލާމާ ދިމާއަށް ބަލައިލައެވެ. އެއްވެސް މީހަކަށް ރޭކާނުލާނޭ ގޮތަށެވެ. އެގޮތަށް އޭނާ ބަލަން ފެށުމުން އެކަން ނަތާޝާއަށް ވަގުތުން ފާހަގަކުރެވުނެވެ. ލުކްޝާން ޖަހާ ސަކަރާތް ބަލަން ނަތާޝާއަށް ހިމޭނަކުން ނީދެވުނެވެ. އޭނާ އަވަސް އަވަހަށް ލުކްޝާނާ ދިމާއަށް މިސްރާބުޖެހިއެވެ.

"ލޫކް! ކިހިނެއްވެފައި؟"

"އޭ!" ލުކްޝާން ދިޔައީ ސިއްސައިގެންނެވެ. "ކަމެއް ނުވޭ!"

"ނުވާނެ. ކޮންމެވެސް ކަމެއްވެއްޖެ!" ނަތާޝާ ވާހަކަދެއްކީ ސިއްރު ސިއްރުންނެވެ. "ނަތާވެސް މިހާރު ކިޔައިދީފިން، ދެން ލޫކްވެސް ކިޔައިދީ!"

"އެންމެ ރަނގަޅު! އަހަރެން އަހްލާމްދެކެ ގަޔާވޭ!" ލުކްޝާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"އޯ! އެހެންވެދޯ އަހަރެންނަށް އަސްލު ތި ހެލްޕް ވެދެނީ." ނަތާޝާ އަތުން ކަށިގޮއްވައިލިއެވެ.

"ހުމް! އަހަރެންވެސް ބޭނުމެއް ނުވޭ އަލީފާއި އަހްލާމް ގުޅޭކަށް! ނަތާ އަލީފްގެ ކަންތައް އަވަސްކޮށްފިއްޔާ، އަހަރެންނަށް އަހްލާމް ފަސޭހަކަމާއެކު ލިބޭނެ!" ލުކްޝާން ގޮނޑީގައި ރަނގަޅަށް ބުރަކަށި ހަމަޖައްސައިލިއެވެ.

"ނަތާއަކަށް ނުކެރޭނެ އަލީފް ގާތުގައި ބުނާކަށް. އަހަރެން ޤަބޫލުކުރާގޮތުގައި ފިރިހެންކުއްޖާ ޖެހޭނީ އަންހެން ކުއްޖާގެ ގާތުގައި ބުނަން." ކުއްޖަކު ކުއްޖަކާ ރައްޓެހިވުމުގައި، ނަތާޝާގެ ރައުޔު ލުކްޝާނަށް ބުނެދިނެވެ. "ލުކޭ! ނަތާއަށް ފެންނަނީ އަލީފް އަހްލާމްގެ ގާތުގައި ބުނުމުގެ ކުރިން ލުކްޝާން އޭނާގެ ގާތުގައި ބުނަން!"

"އޭރުން..؟" ލުކްޝާން ސިކުނޑީގައި އެނބުރިގަތީ ކުރީ ރޭގެ ހަނދާންތަކެވެ.

"އޭރުން. ލުކޭއަށް އަހްލާމް ލިބޭނެ. އަހަރެންނަށް އަލީފް ލިބޭނެ. އެހާ ހިސާބުން މައްސަލަ ނިމުނީ." ނަތާޝާ ދެއަތް ދެއަތާ ފޮޅައިލިއެވެ.

"ހުމް! އަހަރެން މިހާރު... ބުނެފިން." ލުކްޝާން ބުނަން އުޅުނު އެއްޗެއް ބުނަން އުނދަގޫވިއެވެ.

"އެ! އެހާ އަވަހަށް! ވެރީ ގުޑް!" ނަތާޝާ ދެ ލޯ ތަންމިނަށް ހުޅުވުނެވެ. "ދެން ކީކޭ އަހްލާމް ބުނީ؟"

"އަހަރެން ރޭގަ ކުރި މެސެޖަށް އޭނާ ޖަވާބެއް ނުދޭ! ހީވަނީ އޭނާއަށް ރޭގެ ނިދުނީހެން. އެކަމަކު އަދިވެސް އޭނާގެ ރިޕްލައިއެއް..." ލުކްޝާން ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓައިލީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ.

"ސޮރީ! އަހަރެން ލޯބިވާ ކުއްޖަކު އެބަހުރި." އަހްލާމްގެ ޖަވާބުން ލުކްޝާންގެ ދެ ލޯ ފެންކަޅިވިއެވެ.

"ވަޓް! އެއީ ހާދަ ޒީލަގަދަ އަންހެނެކޭ!" ނަތާޝާގެ ގާތަށް އައީ އިންތިހާއަށް ރުޅިއެވެ.

ލުކްޝާންގެ ލޮލަށް ޖަމާވި ކަރުނަތައް ގަދަކަމުން ލޮލުގެ ތެރެއަށް ހިންދައިލިއެވެ. އެޔާއެކު ކުއްލިއަކަށް އިންތަނުން ތެދުވެގެން ލުކްޝާން އޮފީހުން ބޭރަށް ދާން ހިނގައިގަތެވެ.

"ކޮންތާކަށް؟" ނަތާޝާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

އެހެންނަމަވެސް ލުކްޝާން އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެއެވެ. އެ ދިޔަ ގޮތަށް ގޮސް ސައިކަލަށް އަރައި ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ސައިކަލު ދުއްވަމުން ދިޔައިރު އޭނާ މަގު މަތީގެ އަދަބުތަކަށް އެއްވެސް ވަރަކަށް އިސްކަމެއް ނުދެއެވެ. އޭނާގެ ސަބަބުން ދެތިން މީހަކު ސައިކަލުން ވެއްޓެންވެސް ވެއްޓުނެވެ. އެހެނަސް އޭނާ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.

ލުކްޝާން އައިގޮތަށް އައިސް ސައިކަލު ރަނގަޅަށް ޕާކްވެސް ނުކޮށް ގެއަށް ވަދެ ކޮޓަރީގެ ދޮރު ބަންލާފައި ލެއްޕިއެވެ. އޭނާ ދެކަންފަތުގައި އަތް އަޅައި ދޮރުގައި ލެނގިލިއެވެ. އޭނާގެ ހިތުގައި އުފެދިފައި ހުރީ ވޭނީ ރިހުމެކެވެ. ބައެއް ފަހަރަށް އޭނާގެ ހިތް ފަޅައިގެން ދާހެން އޭނާއަށް ހީވެއެވެ. އޭނާ ދެކޮޅަށް ދެކޮޅަށް ބޯ ހޫރުވަ ހޫރުވާފައި ހަޅޭލަވަން ފެށިއެވެ.

"ކަލޭ ތިއީ ބަދުނަސީބުވެރިއެއް! ކަލޭ ހީކުރީތަ، ކަލޭ ބޭނުން ހުރިހާ އެއްޗެއް ލިބިދާނެކަމަށް! ހައްހައްހާ!" ލުކްޝާން، އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަން ފެށިއެވެ. "ކަލެޔަށް އެއްވެސް އެއްޗެއް ނުލިބޭނެ! ކަލެޔަށް އެއްވެސް މީހެއްވެސް ނުލިބޭނެ! ކަލޭ ތިއީ އަމިއްލަ އެދުން ބޮޑު ނުލަފާ މީހެއް! ހައްހައްހާ!"

"ނޫން! ނޫން! ތިހެން ނުބުނޭ! އަހަރެން އަބަދުވެސް ބަލަން އަހަރެން މިއީ ރަނގަޅު މީހަކަށް ވެވޭތޯ! އަހަރެން އަބަދުވެސް ވަރަސް މަސައްކަތްކުރަން އަހަރެންގެ ރުޅި ކޮންޓްރޯލް ކުރެވޭތޯ! އެކަމަކު... އެކަމަކު... އެކަމަކު..." ލުކްޝާން އޭނާގެ އަމިއްލަ ޟަމީރާ ވާހަކަދައްކަމުން ދިޔައެވެ.

"ކޮން އެކަމަކެއް؟ ކަލޭ އަބަދުވެސް ހުންނަނީ ރުޅިއައިސް! އަދި އެކަމެއް ކަލޭއަކަށް ހައްލެއް ނުކުރެވޭނެ! ކަލޭ ޖެހޭނީ ރުޅި އައިސްގެން އުޅެން! ކަލެޔަށް އެއްވެސް ކަމެއް ނުވާނެ!" ރީތިވާ ލޯގަނޑު ކުރިމަތީގައި ހުރެގެން ލުކްޝާން ވާހަކަދައްކަމުން ދިޔައީ މޮޔައެއް ފަދައިންނެވެ.

"އަހަރެންނަށް ފުދިއްޖެ! އަހަރެންނަށް ފުދިއްޖެ! މި ބުނީނުން ހުއްޓާލާށޭ!" ރީތިވާ މޭޒުމަތީގައި ހުރި ސެންޓުފުޅި ލުކްޝާން ރީތިވާ ލޯގަނޑާ ދިމާއަށް އެއްލައިލީ ރުޅިއައިސް ރަތްވެގެން ހުރެއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަަަވާންޗޯ

    ވާހަކަ ތަންކޮޅެއް ދިގު ކޮށް ގެނެސްދީބަލަ... ވަރަށް ފޫހި ގޮތަކަށް ގެންނަނީ

  2. މެނޭޖަރ

    ވާހަކަ ދިގުކޮށްލަބިލަ

    • ޙިތުހުރިގޮތެއް

      ވަަަަާހަކަ ތަންކޮޅެއް ދިގުކޮަަުއްލަނިކޮން ވަރަށް ސަޅިވަަާނެ

  3. މަ

    ދިގު ކޮއްބަލަ