މިދިޔަ އަހަރު ޖޫން މަސް ތެރޭގައި މަރުވި ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ތަހުގީގުގެ ތެރެއިން އޭނާ ޑުރަގު ބޭނުން ކޮށްފައިވާ ކަމަށް ހާމަވުމުން ބޮލީވުޑުގައި ޑުރަގުގެ މައްސަލަތައް އެންސީބީއިން ދަނީ ބަލަމުންނެވެ. މި މައްސަލައާއި ގުޅިގެން އެތައް ފަންނާނުންނެއް އެންސީބީއަށް ހާޟިރު ކުރުވައި ވަނީ ސުވާލު ވެސް ކުރެވިފައެވެ.

ސުޝާންތުގެ ގާތް އެކުވެރިއެއް ކަމަށްވާ އެސިސްޓެންޓް ޑައިރެކްޓަރ ރިޝިކޭޝް ޕަވަރ ވަނީ އެންސީބީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭނާ ހައްޔަރު ކުރެވިފައިވަނީ ޑުރަގު ބޭނުން ކުރުމުގެ މައްސަލައިގައާއި އަދި މަނާކުރެވިފައިވާ ބާވަތްތައް ވިއްކަމުގެ މައްސަލައިގައެވެ.

ރިޝިކޭޝްއަކީ ސުޝާންތަށް ޑުރަގު އެތެރެ ކޮށްދިން ފަރާތް ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އެތައް ފަހަރެއްގެ މަތިން އެންސީބީއަށް ހާޟިރުވުމަށް އެންގުމުން ވެސް އެ އެންގުމަށް ތަބަޢަ ނުވުމުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހު ކުރީކޮޅު އެންސީބީއިން ވަނީ ރިޝިކޭޝް ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މިހާރު ރިޝިކޭޝް ވަނީ ގިނަ ތުހުމަތުތަކަކާއި ގުޅިގެން އެންސީބީއިން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހިފައެވެ.

އެންސީބީއަށް ހާޟިރު ކުރެވުނު ބައެއް ފަންނާނުން ވެސް ވަނީ ރިޝިކޭޝްގެ ނަން ހާމަކޮށްފައެވެ. ރިއާ ޗަކްރަބޯތީގެ ތަހުގީގުގައި ވެސް އޭނާ ވަނީ ރިޝިކޭޝްގެ ނަން ހާމަ ކޮށްފައެވެ.

މީގެއިތުރުން ސުޝާންތުގެ ގޭގައި މަސައްކަތް ކުރަން އުޅުނު ދިޕޭޝް ސާވަންތު ވެސް ވަނީ އޭނާގެ ބަޔާނުގައި ރިޝިކޭޝްގެ ނަން ހާމަކޮށްފައެވެ.

ދިޕޭޝް ސާވަންތުގެ ބަޔާނަށްފަހު އެންސީބީއިން ވަނީ ރިޝިކޭޝްގެ ގެއާއި ލެޕްޓޮޕާއި ހާޑް ޑްރައިވްތައް ނަގައިފައެވެ. ސުޝާންތުއަށް ޑުރަގު އެތެރެ ކޮށްދިނުމުގެ އިތުރުން ރިޝިކޭޝްްއަކީ ސުޝާންތުގެ ހުވަފެނީ ބޮޑު ޕްރޮޖެކްޓްގެ އެސިސްޓެންޓް ޑައިރެކްޓަރ ވެސްމެއެވެ.