ކަނާއަތާއި ވާއަތާއި އޮޅުމަކީ ބައެއް މީހުންނަށް ހީކުރާ ވަރަށް ވުރެ ގިނައިން ދިމާވާ ކަމެކެވެ. ދިރިއުޅުމުގެ އާއްމު ކަންކަން ކުރަން އުނދަނގޫވާ މިންވަރަށް ބައެއް މީހުންނަށް މި އުނދަނގޫ ދިމާވެއެވެ. މިގޮތަށް ކަނާއަތާއި ވާތް އާއްމުކޮށް އޮޅޭ ނަމަ ދާން ބޭނުންވާ ތަނަށް ދިއުމާއި އެއްޗެހި ހޯދުމުގައި ވެސް އުނދަނގޫވާ ފަހަރު އާދެއެވެ.

އޮސްޓްރޭލިޔާގެ މީހަކަށް ކަނާއަތާއި ވާތް އޮޅޭ ވަރުން ކުރަން ނިންމީ މުޅިން ތަފާތު ކަމެކެވެ. އޭނާ ވަނީ އަތުގައި ކަނާއަތާއި ވާއަތް އެނގޭނެހެން ޓެޓޫ ކުރަހާފައެވެ. މީގެ ކުރިން އޭނާ ވަނީ އަތުގައި ގަލަން ދެލިން ކަނާއަތާއި ވާތް އެނގޭނެހެން ކުރަހާފައެވެ.

އުމުރުން 23 އަހަރުގެ ޑޯކޮދިއާ އަށް، ކަނާތާއި ވާތް އޮޅޭވަރުން ލަދުގަންނަން ޖެހޭ ކަންކަމާއި ވެސް ދިމާވާ ކަމަށް އޭނާ ބުންޏެވެ. އަދި މި ނިންމުމާއި އެކު އޭނާ އުންމީދު ކުރަނީ ކުރިން ދިރިއުޅުމުގައި އޭނާ އަށް ދިމާވި އުނދަނގޫތައް ދިމާ ނުވުން ކަމަށް އޭނާ ބުންޏެވެ.

"ވަރަށް އުނދަނގޫވޭ އަސްލު، އެހެން މީހުންވެސް ލަދު ގަންނަން ކަންކަން ދިމާވެފައި ހުރި. ނުބައި ދިމާލަށް ދެވުން. އޮސްޓްރޭލިއާގައި އުޅޭ އިރު މިފަދަ ކަމެއް އޮޅުން އެރުމަކީ ވަރަށް ގިނަ ކަންކަމުގައި އުނދަނގޫ ވާކަމެއް އަސްލު. ކުޑަ އިރުއްސުރެންވެސް އުނދަނގޫ. ކަނާތް ފަރާތުގައި އެއްޗެއް އޮންނާނެއޭ ބުނެފިއްޔާ ދެން ހަމަ ހާސްވާނީ. އެއީ އޮޅޭނެކަން އެނގޭތީ. މީހުން މަލާމާތްވެސް ކުރޭ. އެކަމަކު އަހަންނަކަށް އުޅެ އުޅެވެސް ދަހެއް ނުވި ކަނާއަތާއި ވާއަތް." އޭނާ ބުންޏެވެ.

އޭނާ ބުނާގޮތުން މިހާރު ކަނާއަތް ހޯދަންވުމުން އޭނާ ބަލަނީ އަތުގައި ލިޔެފައިވާ އަކުރަށެވެ. އެހިސާބުން އޭނާގެ މައްސަލައަށް ހައްލު ލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަސްލު

    ތީ ހަމަ މަގޭ ވެސް ހާލު