ފާހާނާ ކޮށްލުމަށް ފަހު ފުލަޝް ކޮށްލާފައި އަވަހަށް ފާހާނާއިން ނިކުމެވޭތޯ ގިނަ ފަހަރަށް ބެލެއެވެ. ނަމަވެސް ފާހާނާ ފުލަޝް ކުރާއިރު ކުރަން ޖެހޭ ވަރަށް މުހިންމު ކަމެއް އޮންނަނީ ހަނދާން ނެތިފައެވެ.

ބޮޑުކަމު ދިޔުމަށް ފަހު ފާހާނާ ފުލަޝް ކުރާއިރު ފާހާނާ ތަށީގެ މަތިގަނޑު ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެނެޑާގެ ޓިކްޓޮކަރ ކްރިސްޓިން މީގެ 10 އަހަރު ކުރިން ޑިސްކަވަރީ ސީރީސްއެއް ކަމަށްވާ ''ކިޔުރިއާސިޓީ''ގެ ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވަނީ މި ވީޑިއޯއަކީ އޭނާ މީގެ 10 އަހަރު ކުރިން ބެލި ވީޑިއޯއެއް ކަމަށާއި އަދި ވެސް އެކަން ހަނދާނުގައި ހުންނަ ކަމަށެވެ.

''ކިޔުރިއާސިޓީ'' ގެ އެޕިސޯޑެއްގައި ބައިވެރިވި ތަޖުރިބާކާރެއް ވަނީ ފާހާނާ ތެރޭގައި ޖަރާސީމު ދައުރުވާ ގޮތް ވަރަށް ރަނގަޅަށް އޮޅުންފިލުވައިދީފައެވެ. ބޮޑުކަމު ދިޔުމަށް ފަހު ފާހާނާ ތަށި ފުލަޝް ކުރާއިރު ބެކްޓީރިއާތައް މުޅިތަނަށް ފެތުރިގެންދާ ގޮތް ވަރަށް ރަނގަޅަށް މި ވީޑިއޯގައި އޮޅުންފިލުވައިދީފައިވެއެވެ.

ކުޑަކަމު ދިޔުމުން ވެސް މި ޖަރާސީމުތައް ފާހާނާ ތެރެއަށް ފެތުރިގެން ދާ ކަމަށާއި އަދި ބޮޑުކަމުދިޔުމުން ޖަރާސީމުތައް ފެތުރިގެންދާ މިންވަރު ބޮޑު ކަމަށް ވެސް އެ ވީޑިއޯގައި އޮޅުންފިލުވައިދީފައިވެއެވެ.

ކުޑަކަމުދާ ތަކެތި ފާހާނާއަށް އެޅުމަށްފަހު ފާހާނާގެ ލައިޓް ނިއްވާލާ ޔޫވީ ބްލެކް ލައިޓެއް ދިއްލައިލުމުން، ފުލަޝް ކުރާއިރު ފާހާނާ ތެރެއަށް ކުދިކުދި ތިކިތަކެއް ބުރައިގެންދާ ތަން ވެސް މި ވީޑިއޯގައި ދައްކުވައިދީފައިވެއެވެ. އަދި މީގެ އިތުރުން ފާހާނާ ތެރޭގައި ހުންނަ ބުރުސް، ރޭޒަރ ފަދަ އެއްޗިއްސަށް ވެސް މި ތިކިތަކުގެ އަސަރު ފޯރާތަން ދައްކުވައިދެއެވެ.

ފާހާނާ ކުރުމަށް ފަހު ފުލަޝް ކުރުމުގެ ކުރިން ފާހާނާގެ ތަށި މަތި ޖެހުމަށް މި ވީޑިއޯގައި ބާރުއަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ތިކަންކުރާތާ ކިތައްމެ ޒަމާނެއް ރައްކާވެ ތިބިއްޔާ ދަތުރު

  12
  1
 2. އައިސްތު

  ފުލަޝް ނުކުރީމަ އޯކޭއެއްނު.

  5
  3
 3. އަލިބެއްޔާ

  ސާފު ހުދު ދޮންވެލި ގަނޑުގެ މަތީގައި ސަފަކަށް އެތުރިގެން އެކަކު އަނެކަކާ ކައިރި ކައިރީގައި ވާހަކަ ދައްކަން އުޑުފައިން އެ ތިބެނީ ( 6:45 ) ގަޑިއަށް ސުކޫލަށް ދިއުމަށް ތައްޔާރުވުމުގެ ފުރަތަމަ މަރުޙަލާގައެވެ. ގަޟާ ޙާޖަތް ކުރުމެވެ. 15 ނޫނީ 20 ވަރަކަށް ކުދިން އަތިރީގައި އެގަޑީގައި ތިބޭނެއެވެ. އޭރު އަޑު އިވެމުން ދާނީ އަތިރިއާ އެންމެ ކައިރީގައި ހުރި ގޭގެ ކެސެޓް ރޭޑިއޯ އިން އަންނަ ލަވައެވެ. " ހޯތޯބޭ މި ހޯތޯބޭ... ފަތިހު ތެދުވެ ފެންވަރާށެ.." އަވަހަށް ނިމުނު މީހަކު މޫދުން ތާހިރުވެ ގެޔަށް ދާން ވީއެވެ. ފްލެޝް ކުރުމެއް ނޯވެއެވެ. ބާކީ ބައި ކުކުޅު ހާލަށް ކާން ދޫކޮށްލީއެވެ. މިހެން ތިބޭ އިރު ދައްކާނެ ވާހަކަ ބައިވަރު އޮވެއެވެ. އެއްފުރައިގެ ކުދިން ދުވަހުގެ ފުރަތަމަ އެއްތަން ވުން ކަމައްވެސް ވީމައެވެ. ކުޑައިރުގެ ހަނދާނަކީ ހާދަހާ އުފާވެރި ހަނދާނެކެވެ. މާތްﷲ އަހަންނަށް އުފާވެރި ޙަޔާތެއް ދެއްވީތީ ޝުކުރު ކުރަމެވެ.