މިދިޔަ އަހަރުގެ ފުރަބަންދުގައި ތިބުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ފަލަވެފައެވެ. އެހެންކަމުން ބަރުދަން ލުއި ކުރުމަށް ގިނަ ބަޔަކު ދަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބަރުދަން ލުއި ކުރުމަށް އެންމެން މަސައްކަތް ކުރަމުންދާ މި ދުވަސްވަރު އެންމެ ފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި ބަރުދަން ލުއި ކުރުމުން މީހާ އުމުރުށް ވުރެ ބޮޑު މީހެއް ވައްތަރު ޖަހާނެއެވެ.

ވިސްކޯންސިންގެ މެޑިކަލް ކޮލެޖުން ކުރި މި ދިރާސާ ކޮށްފައިވަނީ އުމުރުން 46 އަހަރާއި 57 އަހަރާއި ދެމެދުގެ 19 މީހުން ބައިވެރިކޮށްގެންނެވެ. މި ދިރާސާއިން ދައްކައި ގޮތުގައި މޫނުމަތީގައި ޖަހާފައި ހުންނަ ސަރުބީތަކުގެ 12 އިންސައްތަ ސަރުބީ ދަށްވުމުން މޫނުމަތި މުސްކުޅި ކަމަށް ދައްކައެވެ. މި ދިރާސާ ކޮށްފައިވަނީ ''ވޮލިއުމް ލޮސް ތިއަރީ'' ބޭނުން ކޮށްގެންނެވެ.

ބަރުދަން ލުއި ކުރުމުގެ ސަބަބުން ކޮލާއި ދަތްދޮޅިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާގެ އުމުރަށް ވުރެ ބޮޑު މީހެއް ވައްތަރު ޖަހާނެ ކަމަށް ވެސް މި ދިރާސާގައި ދައްކައެވެ.

މި ދިރާސާގައި ބައިވެރިވި ކޮންމެ މީހެއްގެ ފަރާތުން ތަފާތު ނަތީޖާއެއް ދެއްކި ނަމަވެސް އެއިން ކޮންމެ މީހެއްގެ ވެސް މޫނުމަތީގެ ސަރުބީތައް ދަށްވެފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. މެޑިކަލް ކޮލެޖުގެ ޑރ. އާރޯން މޯގަން ބުނެފައިވަނީ މޫނުގެ އެންމެ އެތެރޭގައި ހުންނަ ސަރުބީތައް ދަށްވުމުން ކޮލާއި ދަތްދޮޅިއަށް ބަދަލު އަންނަ ކަމަށެވެ.

ޑރ. އާރޯން ބުނެފައިވާ ގޮތުގައި އެމީހުންގެ މި ދިރާސާގެ ސަބަބުން ޕްލާސްޓިކް ސާޖަރީ ހަދާ ފަރާތްތަކަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެއެވެ. ބަރުދަން ލުއިކުރުމުގެ ސަބަބުން ގެއްލިގެންދާ ޒުވާންކަން އަނބުރާ ހޯދުމަށް ޕްލާސްޓިކް ސާޖަރީ ހަދަން ޖެހޭނެ ކަމަށް ވެސް ޑރ. އާރޯން ބުނެފައިވެއެވެ.