''ސްޕައިޑަރ މޭން'' ގެ ރޯލުން މަޝްހޫރުކަން ހޯދާފައިވާ ޓޮމް ހޮލަންޑުގެ ފިލުމު ''ޗެރީ'' ގެ ވީޑިއޯ ކުލިޕެއް އޭނާގެ މަންމަ ނިކޮލާ ފްރޮސްޓަށް ފޮނުވުމުން ނިކޮލާ ރުޅި ގަދަވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ޓޮމް ހޮލަންޑް ކުޅެފައިވާ ފިލުމު ''ޗެރީ'' ގައި އޭނާ އަދާކޮށްފައިވަނީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްގެ ރޯލެވެ. މި ފިލުމުގެ ވީޑިއޯ ކްލިޕެއް ނިކޮލާއަށް ފޮނުވާ ޓޮމް ބުނެފައިވަނީ އެއީ އޭނާގެ ދުވަސް ހޭދަކުރާ ގޮތް ކަމަށެވެ.

މި ވީޑިއޯގެ ސަބަބުން ޓޮމްގެ މަންމަ ނިކޮލާ ވަރަށް ރުޅި ގަދަވެ، ޓޮމްއާއި ނިކޮލާ މައްސަލަ ޖެހުނު ކަމަށް ވެސް ޓޮމް ބުނެފައިވެއެވެ. އެސްކުއާ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކުރީގެ މި ހަނދާންތައް އައު ކުރަމުން ޓޮމް ބުނެފައިވަނީ އެއީ އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށް ކަމަށެވެ.

ނިކޮލާ ރުޅިއައުމުން ޓޮމް ވަނީ އެކަމުގެ ހަގީގަތް ބުނެދީފައެވެ. މި ވީޑިއޯގެ ސަބަބުން ރުޅިއައިސްފައިވާ ޓޮމްގެ މަންމަ އެއަށް ރައްދުދެމުން ބުނެފައިވަނީ އެއީ ކުރަން އެހާ ރަނގަޅު ނޫން ކަމެއް ކަމަށާއި އެއީ ވަރަށް މޮޔަ ކަމެއް ކަމަށެވެ.

ޓޮމް އިތުރަށް ބުނެފައިވަނީ އޭނާއަށް ހީވާގޮތުގައި އޭނާގެ ފިލުމުތައް ބަލާއިރު ނިކޮލާ އުއްމީދު ކުރަނީ ޓޮމް އޭނާގެ މައުސޫމް ކަމުގައި ފެނުމަށް ކަމަށެވެ. ނަމަވެސް ފިލުމު ''ޗެރީ'' އިން އޭނާގެ މަންމަ ހިތްހަމަ ނުޖެހޭނެ ކަމަށާއި ފެނިގެންދާނީ މުޅިން ތަފާތު ރޯލަކުން ކަމަށް ވެސް ޓޮމް ބުނެފައިވެއެވެ.

އިންޓަވިއު ނިންމާލަމުން ޓޮމް ބުނެފައިވަނީ ކޮންމެ ފިލުމެއް ވެސް ސޮއި ކުރުމުގެ ކުރިން މަންމައާއި ބައްޕަގެ ގާތު އެ ވާހަކަ ދައްކައި އެމީހުންގެ ހުއްދަ ހޯދައި ކަމަށެވެ.