ރިއަލިޓީ ޝޯތަކުގެ ތެރެއިން ކަލާސް ޗެނަލް އިން ދައްކާ ބިގް ބޮސްއަކީ ވަރަށް މަގުބޫލު، ގިނަ ބަޔަކު ބަލަމުން އަންނަ ޝޯއެކެވެ. އިންޑިއާގައި މަގުބޫލު މި ޝޯއަކީ ރާއްޖޭގައި ވެސް ގިނަ ބަޔަކު ބަލަމުން އަންނަ ޝޯއެކެވެ.

ބިގް ބޮސް ޝޯގައި ފިލުމުތައް ޕްރޮމޯޓް ކުރުމުގެ ގޮތުންނާއި މެހުމާނުންގެ ގޮތުގައި ބައެއް ފަންނާނުން ބައިވެރިވެއެވެ. އަދި މި ޝޯއަކީ ބައެއް މަޝްހޫރު ފަންނާނުން ވެސް ވަރަށް ޝައުގުވެރިކަމާ އެކު ބަލައި ޝޯއެއް ކަމުގައި އެމީހުން ބުނެފައިވެއެވެ.

ބިގް ބޮސް ޝޯ ބަލަންތޯ ބޮލީވުޑުގެ ތަރި އާލިއާ ބަޓް އާއި އެއާޕޯޓްއިން ދިމާވެގެން ޕަޕަރާޒީއެއް ކުރި ސުވާލަށް ޖަވާބު ދެމުން އާލިއާ ބުނެފައިވަނީ އޭނާ އެ އައީ އެލްއޭ އިން ކަމަށާއި ޝޯ ބަލަން ވަގުތު ނެތް ކަމަށެވެ. އަދި ލާނެތް ގޮތަކަށް ހީލާފައި އާލިއާ ބުނެފައިވަނީ މަޖުބޫރު ވެގެން އެއްވެސް އެއްޗެއް ނުބަލާނެ ކަމަށެވެ.

ޕަޕަރާޒީން އާލިއާއާ މި ސުވާލު ކޮށްފައިވަނީ އޭނާ އެލްއޭ އިން އިންޑިޔާއަށް އައިސް އެއާޕޯޓުން ނިކުންނަނިކޮށެވެ.

އާލިއާގެ ފިލުމީ މަސައްކަތަށް ބަލާއިރު ވަރަށް ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް އެބަހުއްޓެވެ. އެންމެ ފާހަގަ ކޮށްލެވޭ ފިލުމަކީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި އަމީތާބު ބައްޗަން އާއެކު ކުޅުމަށް ހަމަޖެހިފައިވާ ފިލުމު ''ބްރަހަމަސްތުރާ''އެވެ.

އާލިއާ ވަނީ ދާދި ފަހުން ޗުއްޓީ ހޭދަކޮށްލުމަށް އޭނާގެ ރަހުމަތެރިންނާއި ދައްތައާ އެކު ރާއްޖެ އައިސްފައެވެ.