ދުނިޔޭގެ ގިނަ ބަޔަކު މިވަގުތު ބޭނުން ކުރަމުން އަންނަ އެޕަލްއިން ސެމްސަންގެ ވައްޓާލައި ދުނިޔޭގެ ސްމާޓް ފޯން މާކެޓުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އައިފޯނުން ސެމްސަންގް ވައްޓާލައި ދުނިޔޭގެ މާކެޓްގެ އެއްވަނަ އަށް ޖެހިލާފައިވަނީ މިދިޔަ އަހަރުގެ ފަހު ތިން މަހުގައި އައިފޯނުގެ ސޭލްސް ކުރިއަރުވައިގެންނެވެ.

ސެމްސަންގް އަކީ އަބަދުވެސް އެޕަލްއިން އާ ފޯނެއް ނުވަތަ އިތުރު އެއްޗެއް މާކެޓަށް ނެރޭއިރު، ވާދައަށް އާ އެއްޗެހި މާކެޓަށް ނެރެމުން އަންނަ އެންމެ ވާދަވެރި އެއް ކުންފުންޏެވެ. އެގޮތުން އައިފޯނުތަކާއި އެކީ ޗާޖަރާއި ހެޑްސެޓް ނުލިބޭނެ ކަމަށް ބުނުމުން އެކަމަށް ޖޯކު ޖަހައި އެންމެ ފަހުން ސެމްސަންގުންވެސް އާ ފޯނާއި އެކު ޗާޖަރު ނުދޭން ނިންމާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އެޕަލްގެ 5 ޖީ އައިފޯން 12 ސީރީޒް ނެރުމާއެކު އައިފޯންގެ ސޭލްސް ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮއްސައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ތިން މަހުގައި އެކަނިވެސް ގާތްގަނޑަކަށް 80 މިލިއަން އައިފޯން އެކުންފުނިން ވަނީ ވިއްކާފައެވެ.

މިއަދަދަކީ 2019 ވަނަ އަހަރަށްވުރާއި އަޅާބަލާއިރު، 15 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއި އެކީ އެޕަލްއިން ވަނީ 2016 ވަނަ އަހަރުގެ ފަހުން އެންމެ ފުރަތަމަ ފަހަރަށް ސްމާޓް ފޯން މާކެޓުގެ އެއްވަނައަށް އަރާފައެވެ.

އެޕަލް އަކީ ކޮންމެ އަހަރެއްގެ ފަހު މަސްތަކުގައި އެ ކުންފުނީގެ ސޭލްސް އެންމެ މަތި ކުރަމުން އަންނަ ކުންފުންޏެވެ. އެ ދުވަސްކޮޅަކީ އެއީ އެކުންފުނީގެ އާ ފޯނު ނުވަތަ އިތުރު އެއްޗެއް ބާޒާރަށް ނެރޭ ދުވަސްކޮޅު ކަމަށްވާތީއެވެ.